ބީއޯސީން ނެގި 231 މިލިއަން ރުފިޔާގެ ލޯނަކީ ސަބްމެރިން ކޭބަލްގެ ހިދުމަތް ގާއިމުކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާފައިވާ ދެ ލޯނުކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގެ އެވެ.
ކުރީ ސަރުކާރުން ފަށާފައިވާ ސަބްމެރިން ކޭބަލްގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭންކް އޮފް ސިލޯން (ބީއޯސީ)އިން 231 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނުން ނަގައިފި އެވެ.
މި މަޝްރޫއަކީ ކުރީ ސަރުކާރުގައި 2022 ވަނަ އަހަރު އިންޑިޔާގެ ޖިއޯ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއްބަސްވުމާ އެއްގޮތަށް ސަބްމެރިން ކޭބަލް ރާއްޖެއަށް ގެނެސް ހުޅުމާލޭގައި ހަދާފައިވާ ސްޓޭޝަނާ ގުޅާލީ ނިމުނު އަހަރުގެ އޯގަސްޓު މަހު އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނުން ނަގާފައިވަނީ ދެ ލޯނެކެވެ. އެ ދެ ލޯނުވެސް ނަގާފައިވަނީ ދައުލަތުން ގެރެންޓީ ދީގެންނެވެ. އެއިން އެއް ލޯނަކީ 115.6 މިލިއަން ރުފިޔާގެ ލޯނެކެވެ. ދެވަނަ ލޯނަކީ 7.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.
ސަރުކާރު ބަދަލުވުމަށްފަހު އެ މަޝްރޫއު ކުރިއަށް ނުގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ފާއިތުވި މަހު އޮތް ވަަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ކުރިންވެސް ރާވާފައި އޮތް ގޮތަށް އެ މަޝްރޫއު ތަންފީޒުކުރަން ސަރުކާރުން ނިންމި އެވެ.
ބީއޯސީން ނެގި 231 މިލިއަން ރުފިޔާގެ ލޯނަކީ ސަބްމެރިން ކޭބަލްގެ ހިދުމަތް ގާއިމުކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާފައިވާ ދެ ލޯނުކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގެ އެވެ.
މި ލޯނު ނެގުމަށް ބޭނުންވި 45 މިލިއަން ރުފިޔާ ދައުލަަތުން ހަރަދުކުރުމަށް ވަޒީރުންގެ މަޖިލީހުން އޮތީ ނިންމާފަ އެވެ.
މޯލްޑިވްސް - އައިއޭއެކްސްގެ ނަން ދީފައިވާ ކޭބަލް ކޮޅަކީ ޖިއޯއިން ގާއިމުކުރަމުންދާ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓުވޯކުގައި ހިމެނޭ ދެ ކޭބަލްގެ ތެރެއިން އޭޝިޔާ ސަރަހައްދުގައި އަޅާ އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.
މިކޮޅުގެ އިންޓަނެޓް ސްޕީޑަކީ ސިކުންތަކު 100 ޖީބީއެވެ. އަދި ކެޕޭސިޓީއަކީ ސިކުންތަކު 200 ޓީބީ އެވެ. ސަބްމެރިން ކޭބަލުގެ ހިދުމަތް ފެށުމުން އިންޓެނެޓު ހިދުމަތް ދޭ ކުންފުނިތަކަށް މިހާރަށްވުރެ ހެޔޮ އަގުގައި އިންޓަނެޓު ގަންނަން ލިބި، އާންމުންނަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު ހެޔޮވާނެ އެވެ.