ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމަށް ބޭނުންވާ މާލީ ކަންކަން އިތުރުކުރުމަށް އެޅިދާނެ ތިން ފިޔަވަޅެއް ފާހަގަ ކުރެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ގައުމު ސަލާމަތް ކުރުމަށް ރާއްޖޭގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައި-ލެވެލް ޕްލެނަރީ މީޓީން އޮން އެޑްރެސިން އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒް ގައި ރާއްޖޭގެ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ގައުމު ސަލާމަތްކުރުމަށް ރާއްޖޭގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި އެ ފައިސާ ގައުމުގެ ތަރައްގީގެ އެހެން ކަންކަމަށް ހާއްސަ ކުރެވޭ ގޮތްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމަށް ބޭނުންވާ މާލީ ކަންކަން އިތުރުކުރުމަށް އެޅިދާނެ ތިން ފިޔަވަޅެއް ފާހަގަ ކުރެއްވި އެވެ.
ފުރަތަމަ ކަމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކާއި ދެމެދު އޮންނަ ފަރަގު ކުޑަކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ފަންޑު ލިބުމުގެ ކަންކަން ފަސޭހަކޮށްދިނުމާއި އެންޓީގާ އެންޑް ބާބިޔުޑާގައި ސިޑްސްއާ ގުޅޭގޮތުން ނިންމި ނިންމުންތަކާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންކަން ގެންދިއުމަށް ގޮވާލައްވާފަ އެވެ.
ދެވަނަ ކަމަކަށް ފާހަގަ ކުރެއްވީ "ލޮސް އެންޑް ޑެމޭޖް ފަންޑު" ގެ ބޭނުން ހިފޭނެ ގޮތަށް މަގުފަހި ކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކަށް ހުށަހެޅިފައިވާ ގައުމަކަށް "ލޮސް އެންޑް ޑެމޭޖް ފަންޑު"ގެ ބޭނުންތެރިކަން ފާހަގަ ކުރައްވާފަ އެވެ.
ތިންވަނަ ކަމަކަށް އެމަނިކުފާނު ފާހަގަ ކުރެއްވީ ކަމާގުޅޭ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމުގެ ކަންކަން އެންމެ އެދެވޭގޮތެއް ގައި ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަމާގުޅޭ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމަށް ކުރިއަރާފައިވާ އިގްތިސާދުތަކަށް އޮތް ޒިންމާ އެމަނިކުފާނު ވަނީ ހަނދާން ކޮށްދެއްވާފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރު ކުރުމުގައި އައްސޭރިފަށުގައި ދިރިއުޅޭ މުޖްތަމައުތަކާއި ބިންތިރި ގައުމުތަކުން ޓެކްނޮލޮޖީގެ ގާބިލުކަން އިތުރުކުރުމަށް ޕްރައިވެޓް ސެކްޓާގެ މުހިންމު ދައުރު ފާހަގަ ކުރައްވާފަ އެވެ.