އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފަ އެވެ.
އެއްލައްކަ ރުފިޔާގެ ލިބޭ ގޮތަށް ހުޅުމާލޭގެ މޮނިއުމަންޓުތައް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މުބާރާތެއް އިއުލާން ކޮށްފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި ފަންނުވެރިންނަށް ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު، ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށެވެ.
އެގޮތުން، ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ ފަސް މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅިދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އަދި ޑިޒައިން ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024 ގެ 15:00 އެވެ. ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، marketing@hdc.mv އަށެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.