މަގާމުގައި ހުންނަވައިގެން ހަދިޔާ ގަބޫލުކުރެއްވިކަމަށް ސިންގަޕޫރުގެ ކުރީގެ މިނިސްޓަރެއް އެއްބަސްވެވަޑައިގެންފި

އިސްވަރާންއަށް ތުހުމަތުކުރެވެނީ 312،494.20 ޑޮލަރުގެ އަގުހުރި ހަދިޔާ ވަޒީރުކަމުގައި ހުންނަވައިގެން ސިންގަޕޫރުގެ ވިޔަފާރިވެރިއެއްގެ އަތުން ހޯއްދެވި ކަމަށެވެ.

ސިންގަޕޫރުގެ ކުރީގެ މިނިސްޓަރު އެސް އިސްވަރާން، ފޮޓޯ: ބްލޫމްބާގް

އާންމު ހާދިމެއްގެ މަގާމުގައި ހުންނަވައިގެން ހަދިޔާތަކެއް ހޯއްދަވައި އަދުލުވެރިކަމަށް ހުރަސްއެޅުއްވިކަމަށް ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އެއްބަސްވެވަޑައިގެންފި އެވެ. 

ސިންގަަޕޫރުގެ ވަޒީރުންނާއި އާންމު ހާދިމުން ރިޝްވަތު ނެގުމުގެ މައްސަލަތަކަކީ މަދުންނޫނީ ފެންމަތިވާ މައްސަލަތަކެއް ނޫނެވެ. ސިންގަޕޫރަކީ ދުނިޔޭގައިވެސް އެންމެ ދެފުށް ފެންނަ ސާފު ސަރުކާރެއް ހިންގާ އެއް ގައުމެވެ. 

ފޯމިއުލާ ވަން ގްރޭންޑް ޕްރިކްސް ސިންގަޕޫރަށް ގެންނެވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނަވައިގެން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެސް އިސްވަރަންވަނީ ތުހުމަތުތައް ފެންމަތިވުމުން ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ. އޭނާގެ މައްޗަށް އުފުލި 35 ދައުވާއާ ގުޅިގެން އެ ހުރިހާ ތުހުމަތުތަކުން ބަރީއަވެވަޑައިގަންނަވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ކުއްލި ގޮތަކަށް އަންގާރަދުވަހު ޕްރޮސެކިއުޓަރުންވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ފަސް ދައުވާތަކަށް މަދުކުރައްވަން ނިންމަވާފަ އެވެ. އެ ފަސް ދައުވާއަށް އިސްވަރަންވަނީ އިއުތިރާފު ވެވަޑައިގެންފަ އެވެ. 

އިސްވަރަންގެ މައްޗަށް އުފުލި ދައުވާތަަކުގެ ތެރޭގައި އަގުހުރި މުދާ ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން ހޯއްދެވުމުގެ ހަތަރު ދައުވާއަކާއި އަދުލު އިންސާފަށް ހުރަސްއެޅުމުގެ އެއް ދައުވާއެއް ހިމެނެ އެވެ. ހުކުމް ކުރުމުގައި ބާކީ އޮތް 30 ދައުވާއަށް ރިއާޔަތްކުރާނެ ކަމުގައި ޕްރޮސެކިއުޝަނުން ބުނެ އެވެ. 

އިސްވަރާންއަށް ތުހުމަތުކުރެވެނީ 312،494.20 ޑޮލަރުގެ އަގުހުރި ހަދިޔާ ވަޒީރުކަމުގައި ހުންނަވައިގެން ސިންގަޕޫރުގެ ވިޔަފާރިވެރިއެއްގެ އަތުން ހޯއްދެވި ކަމަށެވެ. 

ޕްރޮސެކިއުޓަރުން އެދިފައިވަނީ އެ މައްސަލާގައި ހަ މަހާއި ހަތް މަހާ ދެމެދުގެ މުއްދަތަަކަށް އިސްވަރާން ޖަލަށް ލުމަށް ހުކުމްކުރުމަށެވެ. ދިފާއުން އެދިފައިވަނީ އަށް ހަފުތާއަށްވުރެ ދިގު ނޫން ހުކުމެއް ކުރުމަށެވެ. 

މި މައްސަލައަކީ 1986 ވަނަ އަހަރުގެ ފަހުން ސިންގަޕޫރުގެ މިނިސްޓަރެއްގެ މައްޗަށް ރިޝްވަތާއި ކޮރަޕްޝަނުގެ ދައުވާ ކުރެވުނު ފުރަތަމަ ފަހަރެވެ. ސިންގަޕޫރަކީ ދުނިޔޭގެ ނިސްބަތުން އެންމެ ނަަޒާހާތްތެރި އެއް ގައުމެވެ. އަދި އެ ގައުމުގައި ވަޒީރުންނަކީ އަހަރެއްގެ މައްޗަށް މިލިއަނެއްހައި ޑޮލަރުގެ އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. 

މި ދައުވާގެ ސަބަބުން 1965 ވަނަ އަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީގެ ތަސައްވުރެ ކިލަނބުވެ އެ ޕާޓީއަށް އޮތް ތާއީދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. 2025 ވަނަ އަހަރު އޮންނަ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވުނަސް އެ ޕާޓީގެ މަގުބޫލުކަން އިހުނަށްވުރެ ކުޑަވާނެ ކަމުގައި މާހިރުން ދެކެ އެވެ. 

މި އަހަރު މަގާމުން އިސްތިއުފާދެއްވުމަށްފަހު އިސްވަރާން ވިދާޅުވެފައިވަނީ އޭނާއަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ފެށުނު ފަހުން ލިބިވަޑައިގެންނެވި ހުރިހާ މުސާރައާއި އިނާޔަތް ދައުލަތަށް އަނބުރާ ރައްދު ކުރައްވާނެ ކަމަށެވެ. 

ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯއިން ބުނެފައިވަނީ އިސްވަރަންއަށް ހަދިޔާ ދިނީ ސިންގަޕޫރުގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާކަމަށްވާ އޮންގް ބެންގް ސެންގް ކަމަށެވެ. އޭނާ އެ ފައިސާ ދިނީ އޭނާގެ ވިޔަފާރީގެ މަސްލަހަތުތައް ކުރިއެރުވުމަށެވެ. 

އޮންގްއަކީ ފޯ ސީޒަންސް އަދި އިންޓާ ކޮނޓިނެންޓަލް ފަދަ ހޮޓެލް ބްރޭންޑުތަކުގެ މިލްކުވެރިކަން އޮންނަ ހޮޓެލް ޕްރޮޕަޓީސްގެ މުއައްސިސް އަދި މިލްކުވެރިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.