ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 62

ކޮންމެ ގޮތެއް ވިޔަސް މިއީ ސިއްރު ކުރެވޭނެ ވާހަކައެއް ނޫނެވެ. ސުހާއަށް މިކަން އަންގަން ޖެހޭނެއެވެ. މި ޚަބަރު އިވިފައި ސުހާއަށް ވާނެ ގޮތް އަަންދާޒާ ކޮށްލުން ވެސް ވާރިޝްއަށް ވީ ދަތި ކަމަކަށެވެ.

- އެޕިސޯޑް 62 –

އެކި ޚިޔާލު ތަކުގައި ވާރިޝް އޮއްވާ އިރު އަރަން ގާތްވެއްޖެއެވެ. އެއްވެސް ގޮތަކަށް ކަންތައް ކުރާނެ ގޮތެއް ވާރިޝްއަކަށް ނޭނގެއެވެ. ވާރިޝް ބަލައިލީ އެނދުގައި އޮތް އީމާ އަށެވެ. އީމާ އަދިވެސް އޮތީ ގަދަ ނިދީގައެވެ. ކުއްލިއަކަށް ވާރިޝްއަށް ހަނދާންވީ އީމާއަށް ފަތިސް ނަމާދަށް ގޮވާށެވެ. އެއީ އީމާ އަބަދުވެސް އޮންނަނީ ވާރިޝްއަށް ހޭލެވެއްޖިއްޔާ އީމާއަށް ގޮވަން ބުނެފައެވެ.

"އީމާ.. އީމާ.."

ވާރިޝް ދެ ފަހަރަކު ގޮވާލި އިރަށް އީމާ އޭނާގެ ދެލޯ ހުޅުވާލިއެވެ. އަދި ވަރަށް އަވަސްކޮށް އީމާ އޭނާގެ ފޯނުގެ ޑިސްޕްލޭ އޮންކޮށްލިއެވެ.

"އަޅެ އިރު އަރަނީއެއްނު؟"

ފުންމައިގެން އެނދުން ތެދުވެ، އީމާ ވަނީީ ފާޚާނާއަށެވެ. އަދި ވުޟޫ ކޮށްލައިގެން ނުކުތެވެ.

"ވާރިޝް ވެސް ދޭ! ވުޟޫ ކޮށްލައިގެން ނަމާދު ކޮށްލަން.. ދަރިއަކު ލިބޭ އިރު، މައިންބަފައިން ވާނެ ދަރީންނަށް ނަމޫނާ ބަޔަކަށް ވާން.. އަވަހަށް ދޭ! ވާރިޝް ވެސް ވާނެ ދެން ބަރާބަރަށް ނަމާދު ކުރަން އިނގޭ!"

އީމާ އެހެން ބުނުމާ އެކުގައި ކަންނެތް ފާޑަކަށް ވާރިޝް އެނދުން ތެދުވެއްޖެއެވެ.

ފެށިގެން ދިޔަ އައު ދުވަހާ އެކުގައި ޝަރާ އާއި ލީޒާ އަދި ދާއިން އުޅުނީ ޝަރާގެ ދަރިފުޅުގެ ނަން ކިޔުމުގެ ކަންތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން އޮންލައިންކޮށް އެކަންތައް ނިންމާ، ކުޑަ ކެއުމެއް ޕެކްކޮށްފައި، މިސްކިތަށް ދިޔަ މީހުންނަށް ދާއިން ބެހިިއެވެ. ޝަރާގެ ދަރިފުޅަށް ދިން ނަމަކީ އަކްޔަން ބިން އަޙްމަދު އެވެ. ލޯބިން އައްކު އެވެ.

***

"އައްކޫ... ލޯބި އައްކޫ... އަކްޔަން.."

ދާއިންގެ ހަރަކާތްތަކަށް ބަލަން އެނދުގެ ކަނެއްގައި ލީޒާ އާއި ޝަރާ އިނެވެ. ދޭތެރެ ދޭތެރެއިން ލީޒާ ގެންދިޔައީ ޝަރާގެ ގައިގައި ކޮއްޓާލަމުންނެވެ. ދާއިންގެ މޫނު ބަލަން ބުނެ، ދާއިންގެ ހަރަކާތްތަކަށް ވިސްނާ ފިކުރު ކުރަން ބުނާ ފާޑަކަށް ލީޒާ ގެންދިޔައީ ޝަރާއަށް ބަލަމުންނެވެ. ޝަރާއަށް ބައެއް ވަގުތު ތަކުގައި ކަޅި ޖަހާ ނުލައި ދާއިންއަށް ބަލަން އިނދެވެއެވެ. ދާއިން އޭނާގެ އުފަން ދަރިއެއް ފަދައިން އަކްޔަންއަށް ލޯބި ދެއެވެ. އަކްޔަން ލިބުނު ފަހުން ދާއިން ޑިއުޓީއަށް ދަނީ ވެސް ޝަރާ ގަދަ ކަމުން އޭނާ ފޮނުވައިގެންނެވެ. ނޫނީ އަނގަ ތަޅައިގެން އޭނާ ގާތުގަ ކިޔައިގެންނެވެ. އަކްޔަންގެ ގާތުގައި ހުރިހާ ވަގުތެއް ހޭދަ ކުރަން ދާއިން ބޭނުން ވެއެވެ. އަކްޔަން ނިދީމަ އަކްޔަންގެ ގާތުގައި އޮވެ، ދާއިން ވެސް ނިދާ ހަދައެވެ.

"ދާއިން.."

ޝަރާގެ އަޑަށް ދާއިން ބަލައިލީ ޝަރާގެ މޫނަށެވެ.

ޝަރާ ބަލައިލި ގޮތުން ޝަރާ ބުނަން އުޅެނީ ޑިއުޓީއަށް ދާށޭކަން އެނގުމުން ފާޑަކަށް ދާއިން މޫނު ހަދާލިއެވެ.

"ދެން ޝަރާ.. ނޫން ޕްލީޒް!"

ޝަރާގެ އަނގައިން އެއްވެސް އެއްޗެއް ނުނިކުމެ އުޅެނިކޮށް، ދާއިން އެހާމެ "ކިޔުޓް"ކޮށް އެހެން ބުނެލުމުން ޝަރާއަށް ހިނި އައީއެވެ.

"ސާބަސް! ހެހެ. ދާއިން.."

ޝަރާ ގޮސް ދާއިންގެ ކޮނޑުގައި ވަރަށް މަޑުމަޑުން ޖަހާލިއެވެ.

"މަންމި އެއައީ.. ޑައްޑަ ފޮނުވާލަން.. ކީއްކުރާނީ ދޯ އައްކު؟ އޯކޭ މިދަނީ.. ޑައްޑަ އަދި އަންނާނަން އިނގޭ އައްކު.. މަންމީ.. ދަނީ އިނގޭ!"

އަކްޔަންގެ ކޮލުގައި ވަރަށް ލޯބިން ދާއިން ހިފައިލަމުން ޝަރާއަށް ބަލައިލިއެވެ. އަދިި އެނދުން ތެދުވެ ހިނިތުންވެލަމުން، ކަޅި ޖަހާ ނުލައި ޝަރާއަށް ބަލަމުން ދާއިން ގެންދިޔައެވެ.

"ޝަރާ އުފާވެފަ ހުރީމަ، އަހަރެން ވަރަށް އުފާވޭ! އަހަރެންނަށް ލިބުން އެންމެ ބޮޑު އުފަލަކީ ޝަރާ އަހަރެންގެ ރަޙްމަތްތެރިކަން ޤަބޫލު ކުރުން.. އެދުވަހަށްފަހު، އަހަރެންގެ ޙަޔާތަށް ވެސް ވަރަށް ބޮޑު ދިރުމެއް އައިސްފި.."

ދާއިން އެހެން ބުނެލީ ޝަރާގެ ސީދާ ދެ ލޮލަށް ބަލަމުންނެވެ.

"މާ ބޮޑަށް ތިކަމަށް ބަރޯސާ ނުވާތި! ފަހުން ދެރަވާން ޖެހިދާނެ.. މި އުފަލަކީ ވަގުތީ އުފަލެއްކަން ހަނދާން ކުރައްޗޭ! އަހަރެން އަބަދުވެސް... ލާ ކޮންމެ ނޭވާއެއް ލަނީ އެކަމަށް ވިސްނަމުން..."

ޝަރާގެ ތުންފަތުން ފައުޅުވެފައި ވަނީ ލުއި ހިނިތުންވުމެކެވެ. ދާއިން ބުނަން ބޭނުންވާ ވަރަށް ގިނަ އެއްޗެހި ޝަރާގެ އެ ވާހަކަތަކާ ގުޅުވައިގެން އެބަ އޮތެވެ. ނަމަވެސް ދާއިން ޝަރާ ދެކެވާ ޙަޤީޤީ ލޯބި ހިފެހެއްޓުމެއް ނެތް ގޮތަށް ޝަރާގެ ކުރިމަތީގައި ފައުޅު ކުރެވި، މި އޮތް ގާތް ރަޙުމަތްތެރިކަން ވެސް ގެއްލިދާނެތީ އެެއްވެސް އެއްޗެއް ނުބުނެ ދާއިން ކެތްކޮށްލީއެވެ.

ދާއިން ދިޔުމާ އެކުގައި ލީޒާ ގޮވާލީ ޝަރާއަށެވެ. ޝަރާ ބަލައިލީ ލީޒާއަށެވެ. ލީޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަޅެ ދާއިން ހާދަ ރަނގަޅޭ! އޭނާއަށް އެ ޕެއިން ޑިޒާރވެއް ނޫން.."

ލީޒާ އެނދުން ތެދުވެއްޖެއެވެ.

"އަހަރެން ވަރަށް ދެރަވޭ ދާއިންއާ ދޭތެރޭ ވިސްނާލީމަ ވެސް.. ދާއިން އެވަނީ ޙަޤީޤީ ލޯބި ޝަރާ ދެކެ.. ޝަރާ.." ލީޒާ އޭނާގެ ކަނާއަތުން ޝަރާގެ އަތުގައި ހިފާލިއެވެ.

"ހޫމް... އަހަންނަށް އެނގޭ! ދާއިން އަހަރެން ދެކެ ވަރަށް ލޯބިވާކަން.. ދާއިން އަހަންނަށް ބަލާލާ ކޮންމެ ފަހަރަކު، އެ ދެލޮލުން އަހަންނަށް ލޯބި ފެނޭ.. އެކަމު، ލީޒާ.. އަހަރެން ލޯބި ވަނީ އެންމެ މީހެއް ދެކެ. އެއީ އަޔާ.. އަޔާ ނޫން މީހެއް ދެކެ އަހަރެން ލޯތްބެއް ނުވޭ.. އަޔާ އަހަރެންގެ ޙަޔާތުގަ ނެތް ނަމަ، އަޔާގެ ނަން އަހަރެންގެ ދިރިއުޅުމަށް ނައި ނަަމ، އަހަންނަށް ދާއިން ދެކެ މިހާރު ވަރަށް ލޯބި ވެވުނީސް.. ދާއިން އަކީ ވަރަށް، ވަރަށް، ވަރަށް ރަނގަޅު އިންސާނެއް.. މާތް އިންސާނެއް.. އެކަމު، މިއަދު އަހަންނަށް އެއްވެސް މީހެއްގެ ލައިފަކަށް ދެވޭނެ ޔަޤީން ކަމެއް ނެތް.. އެއީ އަހަރެންގެ އަމިއްލަ ލައިފްގެ ވަގުތުތައް ވެސް މިދަނީ ކުޑަތަން ވަމުން.. އަހަރެންގެ ދަރިފުޅާ.. އަހަރެން ލޯބިވާ އެންމެންނާ އަހަރެން ވަކިވާން ޖެހޭ ދުވަސް އެބަ އާދޭ! ޑްރޯވާ ތެރޭގަ ހުރި ބޭސް ތަކުގަ ބާރުގަ އަހަރެން މިދުނިޔެއަށް ނޭވާ ލިޔަސް، އަހަރެންގެ މި ނޭވާ އަކީ އެހެން މީހެއްގެ ޙަޔާތަށް އުއްމީދުގެ އަލި ކަމެއް ގެނެވޭނެ އެއްޗެއް ނޫން.."

ޝަރާ އޭނާގެ ލޮލުން ހިލެން ފެށި ކަރުނަތައް ފޮހެލަމުން، ބަލައިލީ އެނދުގައި އޮތް އަކްޔަންއަށެވެ. (ނުނިމޭ)

ކޮމެންޓް

1
450
މިޒުހަން
2 months ago

އަޅޭ ހާދަ ސަޅި ހިސާބަކުންނޭ ތި ނިންމާލީ ..ތަންކޮޅެއް ދިގުކޮށް ގެނެސްދީބަ. ޥާހަކަ ވަރަށް ސަޅި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.