މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.
މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ދޫނުކުރުމަށާ މިހާރު ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް ސަރުކާރުން -- ޓްރާސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
އެ އެންގުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ގެޒެޓް ކުރި އިއުލާނެއް ގައި ބުނެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫން ވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި ބުނީ މާލޭ ސިޓީ ކައުންސިލުން މި ތާރީހާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށް ވެސް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
އެ އެންގުމަކީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުން ކުރުމުގައި ދަތިވެފައިވާތީ އާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކު ގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކު ކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހި ކުރުމަށާ އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން އެންގި އެންގުމެއް ކަަމަށް ވެސް ބުންޏެވެ.
މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެ ނިންމުމަށް އޭރު ވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އަދި ސްލޮޓްތައް ދޫކުރި ގޮތާމެދު ވެސް ގިނަ ސުވާލުތަކެއް އާންމުން އުފެއްދި އެވެ.
ސްލޮޓްތައް ކުއްޔަށް ދިން ގޮތާއި ކުއްޔަށް ދިނުމުގެ މަރުހަލާ ކައުންސިލުން ހިންގި ގޮތާއި އެ ނޫން އެތައް ކަމެއްގައި ނާޖާއިޒު ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތު އޮތެވެ. އޭރު އެކަން ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތް ކަމަށް ބުނެ އެވެ.