ސަމާލު! ހަލުވި ކަމާއެކު ނިއުމޯނިޔާ ފެތުރެނީ، ގިނަ ކުދީންތަކެއް އެޑްމިޓްކޮށް ފަރުވާ ދެނީ

ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލް ގައި އެ ބަލި ޖެހިގެން ގިނަ ކުދީންތަކަކަށް ފަރުވާ ދެމުން އެބަ ދެ އެވެ.

އައިޖީއެމްޗް

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ނިއުމޯނިޔާ ފެތުރެން ފަށައިފި އެވެ. ނިއުމޯނިޔާގެ ވަރަށް ގިނަ ކޭސްތަކެއް ވަނީ ފެނިފަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލް ގައި އެ ބަލި ޖެހިގެން ގިނަ ކުދީންތަކަކަށް ފަރުވާ ދެމުން އެބަ ދެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "ދަމިރާ" އަށް މިއަދު ބުނީ އެ ހޮސްޕިޓަލްގެ ކުޑަކުދީންގެ ވޯޑްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކުދީންގެ ބޮޑު އިންސައްތަ އަކީ ނިއުމޯނިޔާ ޖެހިގެން ފަރުވާ ދެމުންދާ ކުދީން ކަމަށެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ކުދީން ވެސް ހިމެނެ އެވެ. 

ހުޅުމާލެ ހޮސްޕިޓަލް ގައި ވެސް ނިއުމޯނިޔާ ޖެހިފައިވާ ކުދީންތަކަކަށް ދަނީ ފަރުވާ ދެމުންނެވެ. 

ނިއުމޯނިޔާ އަކީ ކޮބާ؟ ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ އަކީ ފުއްޕާމޭ ގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. މިއީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. އަދި މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

އާންމުކޮށް ނިއުމޯނިޔާ ޖެހޭނީ ނިއުމޯނިޔާ ޖައްސާ ޖަރާސީމެއް ފުއްޕާމެޔަށް ދިއުމުންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނިއުމޯނިޔާ ޖެހޭގޮތް ވެއެވެ. ދާއިމީކޮށް ދިގުމުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތައް ކަމުގައިވާ ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ނޭވާހިއްލުމާއި ކެންސަރު ފަދަ ބަލިތައް ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިވާ ކަންކަމެވެ.

އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ކުރިމަތިވާ އުދަނގޫތައް ފެންނަން ފަށަނީ ކުއްލިއަކަށެވެ. އާންމު ގޮތެއްގައި ނިއުމޯނިޔާގެ އުދަނގޫތައް ފެންނަން ފަށަނީ ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު / ރޯގާ ޖެހުމަށް ފަހުގަ އެވެ. ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ؛

  •  ކެއްސުން
  •  ކެއްސާއިރު އަރިދަފުސް އައުން (އަރިދަފުސް ހުންނާނީ ފެހިކުލައަކަށް. ބައެއް ފަހަރު އަރިދަފުހުގައި ލޭހުރެދާނެ)
  •  ހުންއައުން
  •  ވަރަށް ބޮޑަށް (ތުރުތުރުއަޅާ ވަރަށް) ހީކެރުވުން
  •  އަވަސްއަވަހަށް ކުރުކޮށް ނޭވާލެވުން (ނޭވާކުރުވުން)
  •  މޭގައި ރިހުން (ކެއްސުމުން ނުވަތަ އެތެރެއަށް ނޭވާލުމުން ތަދު އިތުރުވާނެ)
  •  ހިތުގެ ވިންދުޖެހުން އަވަސްވުން (މޭތެޅުން)
  •  ވަރަށް ބޮޑަށް ވަރުބަލިވެ، ވަރުދޫވުން
  •  މޭނުބައިކުރުމާ ހޮނޑުލެވުން
  •  ބޭރަށްހިންގުން

މިފަަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.