"އެހެންކަމުން، އެއްގަމު އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް 26 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް އަންގަމެވެ."
ތިނަދޫ ސިޓީގެ މަގުތައް ތަރައްގީ ކުރަމުންދާއިރު، މަގުތަކުގައި ހަރުކުރަމުންދާ ޓްރެފިކް ނިޝާންތަކަށް އަމަލު ކުރުމަށް އަންގައި އެ ސިޓީގެ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.
ކައުންސިލްގެ އިއުލާޏުގައި ބުނެފައި ވަނީ އެ ސިޓީގެ މަގުތައް އެކަށީގެންވާ ރަގަނޅު ފެންވަރަށް ތަރައްގީކުރެވެމުން ދާއިރު، ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކޮށްފައިވާނެ ކަމަށެވެ.
އެއީ މަގުތައް ބޭނުންކުރާ ފަރާތްތަކުން ހެދިފައިވާ ގާނޫންތަކާއި ގަވާއިދު ތަކަށް އަހުލުވެރިކޮށް، މަގުތަކުގައި ދިމާވާ ދަތިތަކާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މަގުތައް ބޭނުންކުރާނޭ ގޮތް އަންގައި ދިނުމަށްޓަކައި ކަމަށް އެ އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނީމިވަގުތު ނިޝާން ބޯޑު ހަރުކޮށްފައި ވަނީ ބައެއް މަގުތަކުގައި ނަމަވެސް، އިތުރު މަގުތަކުގައި އެ ނިޝާން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންދާ ކަމަށެވެ.
"އެހެންކަމުން، އެއްގަމު އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް 26 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް އަންގަމެވެ." އެ އިއުލާނުގައިވެ އެވެ.
ޓްރެފިކް ނިޝާން ބޯޑުތަކާއި އެއްގޮތަށް އަމަލުކުރުމަކީ ވާނޫނީ ޒިންމާއެއްކަމަށް ވުމުން ގާނޫނާއި، ގަވާއިދާއި ހިލާފުވާ ފަރާތްތަކާމެދު ކަމާއި ގުޅުން ހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތިނަދޫ މަގުތަކުގައި ތާރު އަޅައިގެން ތަރައްގީ ކުރަން ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ މަޝްރޫއަކީ 78.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާރުޑީސީއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމާލާފައިވާކަން އިއުލާނު ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.