ރިޔާސީ އިންތިހާބުގައި މުހިއްމު ސްޓޭޓެއްކަމަށްވާ މިޝިގަންގެ ހަމްޓްރަަމްކް ސިޓީގެ މޭޔަރު އާމިރް ޣާލިބު އާދީއްތަދުވަހު ވިދާޅުވެފައިވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޓުރަމްޕަކީ މިހާރަށް އެންމެ ރަނގަޅު ހިޔާރުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމެރިކާގެ ސިޓީތަކުގެ ތެރެއިން މުސްލިމުންގެ އަޣުލަބިއްޔަތުން ހިންގާ ސަަރުކާރެއް އޮންނަ ހަމައެކަނި ސިޓީގެ މޭޔަރު އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބުގައި މުހިއްމު ސްޓޭޓެއްކަމަށްވާ މިޝިގަންގެ ހަމްޓްރަަމްކް ސިޓީގެ މޭޔަރު އާމިރް ޣާލިބު އާދީއްތަދުވަހު ވިދާޅުވެފައިވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޓުރަމްޕަކީ މިހާރަށް އެންމެ ރަނގަޅު ހިޔާރުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑާއި ރައީސް ޓްރަމްޕު ހުރިހާ ކަމެއްގަައި އެއްބަސްނުވި ނަމަަވެސް އެމަނިކުފާނަކީ އުސޫލުތަކެއްގަައި ހިފަހައްޓަވާ ބޭފުޅެއްކަން އެނގޭ،" ޣާލިބު ފޭސްބުކްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބުކުރެއްވުނަސް ނުކުރެއްވުނަސް އަދި އެމެރިކާގެ 47 ވަނަަ ރައީސަށް ވެވަޑައިނުގެންނެވުނަސް މިވަގުތަށް އެންމެ މުނާސަބު ބޭފުޅަކީ ޓްރަމްޕުކަމަށް ދެކެވަަޑައިގަންނަވާ ކަމުގައި ޣާލިބު ވިދާޅުވި އެވެ. އަދި ނަތީޖާަ ކޮންމެ ގޮތަކަށް ނުކުތަސް ޓްރަމްޕަށް ތާއީދުކުރައްވަން ނިންމެވުމާމެދު ހިތާމަަ ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާފިލާ އޭގެ ދަތުރަށް ފުރަމާ. މިއީ އަދި މިދަަތުރުގެ ފެށޭ ހިސާބު،" އޭނާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ހެމްޓްރެމްކަކީ 28،000 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. ނޫސްތަަކުގެ ސުރުހީން އެ ސިޓީގެ ވާހަކަތައް ފެންނަން ފެށީ 2021 ވަނަ އަހަރު ހުސް މުސްލިމުންގެ މައްޗަށް އެކުލެވޭ ސިޓީ ކައުންސިލަކާއި މުސްލިމު މޭޔަރެއް އިންތިހާބު ކުރުމާ ގުޅިގެންނެވެ.
އުމުރުފުޅުން 17 އަހަރުގައި ޔަމަނުން އެމެރިކާއަށް ހިޖުރަކުރެއްވި ޣާލިބު ޓްރަަމްޕަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާނުކުރެއްވީ އޭގެ ހަފުތާއެއްހައި ދުވަސް ކުރިން މިޝިގަންގެ ފްލިންޓުގައި އޮތް ޓައުންހޯލް ބައްދަލުވުމެއްގައި ޓްރަމްޕާ ބައްދަލުކުރެއްވުމަށެވެ.
ޣާލިބު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި މުސްލިމު އަދި އަރަބި އެމެރިކާނުންގެ ކަންބޮޑުވުންތަަކާމެދު ޓްރަމްޕާ މަޝްވަރާކުރެއްވި ކަމަަށެވެ. އަދި އޭނާ އަރިހުން ތާއީދުކޮށްދެއްވުމަށް ޓްރަމްޕު އެދިވަޑައިގެންފައިވާކަމަށްވެސް ޣާލިބު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ޕޯލްތަކުން ދައްކާ ގޮތުގައި މިވަގުތު މިޝިގަންގައި ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަދި ނައިބުރައީސް ކަމާލާ ހެރިސް އެވެ. ނަމަވެސް މިޝިގަން ފަދަ ގިނަ ސްޓޭޓުތަކުގައި ދެ ބޭފުޅުންގެ މެދުގައި އޮތް ފަރަގު ވަރަަށް ކުޑަ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނީ ހަނގުރާމާގައި އިސްރާއީލަށް ބަައިޑެންގެ ސަރުކާރުން ތާައީދުކޮށް މަދަދުވެރިވަމުންދާތީ އެމެރިކާގެ މުސްލިމުންގެ ނުރުހުމާއި ރުޅިވެރިކަން ޑިމޮކްރެޓިކް ޕާޓީއަށް އަމާޒުވަމުންދިއުމަކީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ކަންބޮޑުވުމެކެވެ.