ރައީސް ވަނީ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށް ގޮވާލައްވާފަ އެވެ.
މުސްތަގުބަލުގެ ޖީލުތަކުން އިލްތިމާސް ކުރަނީ ފަލަސްތީނުގައި، ވަޒަނެެއް ނެތް ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ގަަތުލުއާންމު ހުއްޓުވާ އެ ގައުމަށް ދައުލަތެެއްގެ ދަރަޖަ ދިނުމުގެ ހިތްވަރު ހުރި ދުނިޔެއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗާ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުސްތަގުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަގްވާމީ މުޖުތަމައުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމެއް ކަމަަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށް ގޮވާލައްވާފަ އެވެ.
އަދި ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ގިނަ ބަޔަކަށް ވާސިލުވުމަށް ދަތި އުސް ޓަވަރެއްގެ ގޮތުގައި އދ. ނޯންނަ، އަދި ގަރާރަކަށްފަހު ގަރާރެއް ފާސްކޮށް އަމަލީ ގޮތުން އެއްވެސް ނަތީޖާއެއް ނުނެރެވި ނުދާ، ކަންކަމުގައި އަމަލީ ފިޔަވަޅުތައް އަޅާ ބައިނަލްއަގުވާމީ ނިޒާމެއް ހިޔާލަށް ގެނައުމަށެވެ.
"އދ އަކީ ވާސިލުވާން އުދަގޫ ދުރުގައިވާ އުސް ޓަވަރަކަށްނުވާ ދުނިޔެއެއް ހިޔާލަށް ގެންނަވާ. އެ ދުނިޔޭގައި ގިނަ ދައުލަތް ޝާމިލުވާ ނިޒާމަކީ ގަރާރަކަށްފަހު ގަރާރެއް ފާސްކުރެވި ހިރަފުސް އެރުމަށް ދޫކޮށްލެވިފައި ހުންނަ ދުނިޔެއެއް ނޫން. ނަމަވެސް އެ ދުނިޔޭގައި ގިނަ ދައުލަތްތައި ބައިވެރިވާ ނިޒަމަކީ މީހުންގެ ދިރުމަށް އަސްލު ވަގުތުގައި އަސަރުކުރުވާަ ދިރުންހުރި ބާރެއް،" ރައީސް ވިދާޅުވި އެވެ.
ފާއިތުވި އެތައް ދަހަރެއްގައި އދ.ގައި އެތައް ތަސައްވުރެއް އެކުލަވައިލެވުނު ނަމަވެސް ގިނަ ފަހަރަށް އެ ތަސައްވުރުތައް ހަގީގަތަކަށް ނުހެދޭކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާއެކު ރައީސް ވިދާޅުވީ މިއީ މަލްޓި ލެޓެރަލް ނިޒާމަކީ މަފުހޫމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ދިރިއުޅޭ އިހުސާަސްކުރެވޭ ހަގީގަތަކަށް ހަދަންވީ ވަގުތު ކަމަށެވެ.
"މިއީ ގިނަ ދައުލަތް އެކުލެވޭ ނިޒާމުން ނަތީޖާ ނެރެދެންވީ ވަގުތު." ރައީސް ވިދާޅުވި އެވެ. އެއާއެކު ރައީސްވަނީ އެކަން ހާސިލުކުރުމަށް ކުރެވޭނެ ތިން ކަމެއް ފާހަގަކުރައްވާފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އަންނަން އޮތް ޖީލުތަކާއި ޒުވާނުން ބާރުވެރިކުރުމެވެ. އެގޮތުން ރާއްޖޭގައި ޒުވާނުންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ މަގުތައް ފަހިކުރުމަށް ރާއްޖެއިން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ އިގުތިސާދީ ފުރުސަތުތަކާއި އިޖުތިމާއީ އަދާލަތު އުފައްދައިދޭ އިންޖީނަކީ ޑިޖިޓަލް އީޖާދުތަކާއި އުފެއްދުންތެރިކަން ކަމަށް ހެދުން ކަމުގަ އެވެ.
އިތުރު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކާ ކުރިމަތިލުމެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން 62 އިންސައްތަ ޒުވާނުންނަށް އެންޒައިޓީގެ އަސަރުކުރާކަމށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ފާއިތުވި 50 އަހަރު 153 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން ލިބިފައިވާ ކަމެވެ.
ރާއްޖެ އޮތީ ނެޓް ޒީރޯ މުސްތަގުބަލެއް ހޯދުމަށް ތައްޔާރަށްކަން ފާހަގަކުރައްވައި ރައީސް ގޮވައިލެއްވީ އދއިން ކުރިން މޫސުމީ ބަދަލާ ގުޅިގެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށެވެ.
ރައީސް ދެން ފާހަގަކުރެއްވީ ފައިނޭންސްކުރުމެވެ. ފައިނޭންސްގެ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބޭ ފައިސާއާ އަދާކުރަންޖެހޭ ފައިސާގެ ފަރަގު ބޮޑުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ވޭން އެންމެ ރަނގަޅަަށް އިހުސާސްކުރާ އެއް ގައުމަކީ ރާއްޖެކަމަށް ވިދާޅުވި އެވެ.
"އެކަށީގެންވާ، ވާނުވާ އެނގޭނެ، ދެމެހެއްޓެނެވި ގޮތަކަށް ތަރައްގީއާއި މޫސުމާ ގުޅޭ ކަންކަމުގައި އަޅުގަނޑުމެންނަށް ފައިނޭންސް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.
އަދި އެމަނިކުފާނު ވިދާޅުވީ މިއީ އެންމެންގެ އަޑުއަހައި އެންމެނަށްޓަކައި މަސައްކަތްކުރާ މާލީ ނިޒާމެއް އުފަންކުރަންވީ ވަގުތު ކަމަށެވެ.