ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ އެ ގައުމުގައި އުޅޭ ދިވެހީންނަށް މި ވަގުތުތަކުގައި ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކޮށްފަ އެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ކާފިއު އިއުލާނު ކޮށްފައިވާތީ އެ ގައުމުގައި އުޅޭ ދިވެހީން ސަމާލު ވުމަށާއި ކާފިއު ވަގުތު ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކޮށްފި އެވެ.
ލަންކާގެ ރައީސް ހޮވުމަށް އެ ގައުމުގެ ރައްޔިތުން މިއަދު ވަނީ ރިޔާސީ އިންތިހާބު ގައި ވޯޓްލާ ފަ އެވެ. ހަވީރު ވޯޓް ނެގުން ވަނީ ނިމިފަ އެވެ. އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުން އޮތީ މާދަމާ އެވެ.
އިންތިހާބާ ގުޅިގެން ސަލާމަަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ލަންކާގައި މިރޭ ވަނީ ކާފިއު އިއުލާނު ކޮށްފަ އެވެ. ކާފިއު ވަގުތަކީ މިރޭ 10 އަކުން އިރުއަރާ ހައެއް ޖަހަން ދެނެވެ. އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ އެ ގައުމުގައި އުޅޭ ދިވެހީންނަށް މި ވަގުތުތަކުގައި ބޭރަށް ނިކުމެ ނޫޅުމަށާއި ލަންކާގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އިލްތިމާސް ކޮށްފަ އެވެ.
ލަންކާގައި ދިވެހީންގެ ވަރަށް ބޮޑު އާބާދީއެއް އޮވެ އެވެ. ފަނަރަ ވަރަކަށް ހާސް މީހުންގެ ދިވެހި އާބާދީއެއް އެ ގައުމުގައި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ލަންކާ އަކީ ދިވެހީންނަށް ވަރަށް ފަސޭހަ ފުރުސަތުތައް އޮތް ގައުމެކެވެ.
ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރި ރިޔާސީ އިންތިހާބު ގެ ނަތީޖާ މާދަމާ އިއުލާނު ކުރާނެ އެވެ. އެ ގައުމުގެ ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ވެސް ވަނީ ހަމަޖެހުން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.