ބަންކަރިން | ގޮންޖެހުންތަކާއި ފުރުސަތުތައް، ފަށައިގެން ނޫނީ ކުރިނޭރުވޭނެ

އިއްޔެ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގައި ބަންކަރިން ހިދުމަތް ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯއިން ފަށައިފި އެވެ. ގާތްގަނޑަކަށް 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ދެ ބާޖާއެކު ހިދުމަތް ފެށިއިރު، މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުންވެސް އަންނަނީ ބަންކަރިން ހިދުމަތް ފޯރުކޮށްދެމުންނެވެ. އަވައްޓެރި ސްރީ ލަންކާއާއި އިންޑިޔާއިން އެ ހިދުމަތް ދޭތާ އަހަރުތަކެއް ވެއްޖެ އެވެ. 

އެހެންކަމުން ރާއްޖެއިން މި ހިދުމަތަށް އަލަށް ވަންނައިރު ގޮންޖެހުންތަކެއް ހުންނާނެ އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ފުޅާކޮށް ތަރައްގީކޮށްފައިވާ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ރާއްޖެއަށް އޮތް ފުރުސަަތުތައް ހަނިވެފައި މަދުކަމަށް ބުނެވޭކަށްވެސް ނެތެވެ. 

ބަންކަރިންއާއި އެ ދާއިރާގެ ތާރީހު

ބަންކަރިންއަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ހަކަތަ އުފައްދަން ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމެވެ. މިޒަމާނުގައި ނަމަ އެއީ އޮޑިފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމެވެ. ކޭ. ފްލެމިން ލިޔުއްވާފައިވާ "ދި އިންޑަސްޓްރިއަލް ރިވޮލޫޝަން އެޓް ދަ ސީ"ގައި ލިޔުއްވާފައިވާ ބަންކަރިން ހިދުމަތް އެންމެ ފުރަތަމަ ފެށުނީ ބޯޓުދެލި ބޭނުންކޮށްގެން ދުއްވާ ބޮޑެތި ބޯޓުތައް ކަނޑު ދަތުރުފަތުރަށް ނުކުތުމާއެކު އެވެ. އެއީ 19 ވަނަ ގަރުނުގަ އެވެ. 

އެންމެ ފުރަތަމަ ބަންކާ މިލަފްޒު ބޭނުންކުރެވުނީ ބޯޓު ފަހަރުގައި ބޯޓުދެލި ރައްކާކުރަން ހަދާފައި ހުންނަ ތަންތަނަަށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. ބަންކަރިންއޭ ކިޔުނީ ބޯޓުތަކަށް ބޯޓު ދެލި ބަރާކޮށް އެތަކެތި ބޯޓުތަކުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ތަންތަނުގައި ރައްކާ ކުރުމަށެވެ. ޔޫރަޕާއި އޭޝިޔާގެ ދެމެދުގައި ދަތުރުކުރި ސްޓީމް ބޯޓުފަހަރަށް ބޯޓުދެލި ބަރާކުރާ މުހިއްމު މަންޒިލެއްގެ ގޮތުގައި އެ ދުވަސްވަރު ސިންގަަޕޫރު ފާހަގަކުރެވުނެވެ. 

ތެލުގެ ބަންކަރިން ފުޅާވާން ފެށީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކަން ސިންގަޕޫރުގެ ބަންކަރިން ދާއިރާގެ ތާރީހާމެދު ލިޔެފައިވާ ފޮތެއްގައި މުއައްލިފު އެމް ޗޮން ފާހަގަކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބޯޓު ދެލީގެ ބަދަލުގައި އުޅަނދުފަހަރުތަކުގައި ތެޔޮ އަޅާ އިންޖީނުތައް ބޭނުންކުރަން ފެށި އެވެ. ސަބަބަކީ ތެޔޮ އަޅާ ބޯޓު ފަހަރު އެފިޝިއެންޓުވުމެވެ. 

މި ދުވަސްވަރު ބަންކަރިން ހިދުމަތް ދެމުން އައި ހުރިހާ ޕޯޓުތަކެއްވެސް ތެޔޮ އަޅައިދޭން ފެށިއެވެ. 1960 ގެ އަހަރުތަކުގައި ދުނިޔޭގެ އެންމެ ބޮޑެތި ތެޔޮ ކުންފުނިތަކުން ސިންގަޕޫރުގައި ބޮޑެތި އިންވެސްޓުމެންޓުތަކެއް ކުރި އެވެ. ތެޔޮ ސާފުކުރާ ރިފައިނެރީތައް ގާއިމުކޮށް، ތެޔޮ ރައްކާކުރާ ޓޭންކަރުތައް ބެހެއްޓި އެވެ. ނަތީޖާއަކީ އެ ދުވަސްވަރު ސިންގަޕޫރުގެ ބަންކަރިން ފުޅާވުމެވެ. 

ސިންގަޕޫރުގައި ބަންކަރިން ތެޔޮ ބަންކަރިން ފެށި ގޮތް

ކުރިން ހަވާލާދެވުނު ޗޮންގެ ފޮތުގައި އޭނާ ލިޔުއްވި ގޮތުގައި 1960 ގައި ސިންގަޕޫރުގައި އޮފް ޝޯ ބަންކަރިން ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ސިންގަޕޫރުގެ ވަށައިގެން އޮތް މޫދަކީ ތިލަ މޫދެއް ކަމުގައިވާތީ ހިދުމަތަށް ބޭނުންކުރީ އަޑި ފަތާކޮށް ހުރި ބާޖުތަކެކެވެ. އެ ބާޖުތަކުގައި އުފުލޭ ތެލުގެ މިންވަރުވެސް މިހާރާ އަޅާބަލާއިރު ވަރަށް މަދެވެ. އެ ބާޖުތައް ޑިޒައިންކޮށްފައި ހުރީ އެންމެ ޑެކެއް ހުންނަ ގޮތަށް، އެ ޑެކުގައި ޕަމްޕުތައް ބަހައްޓައި ތެޔޮ ރައްކާ ކުރެވޭ ގޮތަށެވެ. 

ޗޮން ލިޔުއްވާފައިވާ ގޮތުގައި ސިންގަޕޫރުގައި ބަންކަރިން ހިދުމަތަށް ބޭނުންކުރި ބާޖުތަކަކީ އެކި ސައިޒުގެ ބާޖުތަކަކެވެ. އެންމެ ކުދި ބާޖުތަކުގައި ރައްކާ ކުރެވެނީ 500 ޓަނުގެ ތެލެވެ. އެންމެ ބޮޑެތި ބާޖުތަކުގައި 3،000 ޓަނުގެ ތެޔޮ ރައްކާ ކުރެވެ އެވެ. އެއިރު މި ބާޖުތަކުން އަޅައިދެނީ ހެވީ ފިއުލް އޮއިލް (އެޗްއެފްއޯ) އެކަންޏެވެ. 

މިދެންނެވި އާދައިގެ ގޮތެއްގައި ފެށި ބަންކަރިން ހިދުމަތް ފުޅާވެ ބޮޑުވެ މިއަދު ސިންގަޕޫރަކީ ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން މަރުކަޒެވެ. ޔާހޫ ފައިނޭންސްއިން އަންދާޒާކުރާ ގޮތުގައި ސިންގަޕޫރުގެ ބަންކަރިން ހިދުމަތް ޖުމްލަ 24.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެ އެވެ. ސިންގަޕޫރުގެ މެރިޓައިމް ދާއިރާއިން އެ ގައުމުގެ ގައުމީ އުފެއްދުންތެރިކަމުގައި ބޮޑު އިންސައްތައެއް ހިއްސާކުރާއިރު ބަންކަރިންއިން އެކަނި 7 އިންސައްތަ ހިއްސާކުރާ ކަމަށް ލަފާކުރެވެ އެވެ. 

ސިންގަޕޫރުގެ ބަންކަރިން ތާރީހު ބުނެދެނީ އާދައިގެ ގޮތެއްގައި މަސައްކަތް ފެށި ނަމަވެސް ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިއްޖެނަމަ އެ ސިނާއަތް ފުޅާކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިންގަޕޫރުން އެ ހިދުމަތް ފުޅާކުރުމަށް ބޭނުންކުރި އުސްލޫބާއި ގެންގުޅުނު އިސްތިރާޖިއްޔާއިން ރާއްޖެއަށް ފިލާވަޅުތަކެއް ލިބިގަނެވިދާނެ އެވެ. 

ގޮންޖެހުންތައް އެބަހުރި

ބަންކަރިން ހިދުމަތް ފެށުނު ނަމަވެސް ސަރަހައްދީ ވާދަވެރިންނަށް ނަޒަރުކުރާއިރު ރާއްޖެއަށް އެ ހިދުމަތް ފުޅާކުރުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ މި ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދޭން ބޭނުންވާ ވަސީލަތްތައް ނެތުމެވެ. 

ސްރީ ލަންކާގެ ކޮލަމްބޯ ޕޯޓަކީ އިންޑިޔާ ކަނޑުގައި ބަންކަރިން ހިދުމަތް ދޭ އެންމެ ބޮޑު އެއް ބަނދަރެވެ. އެ ބަނދަރުގައި އެއްފަހަރާ 200،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވެއެވެ. އަދި ބޮޑެތި އާގުބޯޓުފަހަރަށް ބަންކަރިން ހިދުމަތް ދެވޭނެހެން އެފަދަ އުޅަނދުފަހަރަށް ބަނދަރުކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައިވެ އެވެ. 

ދެން އޮތީ ދުނިޔޭގެ އެންމެ ބޮޑެތި ތަބީއީ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ޓިންކޮމަލީ ބަނދަރެވެ. މި ބަނދަރުގައި އިންޑިއަން އޮއިލް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ލަންކާ އައިއޯސީން 100،00 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. 

އިންޑިޔާގެ މުމްބާއީ ބަނދަރަށް ބަލާއިރު އެ ބަނދަރު ކައިރީގައި ބާރާތު ޕެޓްރޯލިއަމް ކޯޕަރޭޝަނާއި ހިންދުސްތާން ޕެޓްރޯލިއަމް ކޯޕަރޭޝަން ފަދަ ބޮޑެތި ތެޔޮ ކުންފުނިތަކުން ގާއިމުކޮށްފައިވާ ރިފައިނަރީތައް އެބަހުއްޓެވެ. އެ ބަނދަރުގައި އެއްފަހަރާ އެތައް ލައްކަ މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވެ އެވެ. 

ކޮޗިނުގެ ބަނދަރަކީވެސް ތަރައްގީކުރަމުން އަންނަ ފުޅާކުރަމުންދާ ބަނދަރެކެވެ. އެތަނުގައިވެސް އެތައް ލައްކ މެޓްރިކް ޓަނުގެ ތެޔޮ އެއްފަހަރާ ރައްކާ ކުރެވެ އެވެ. އަދި ލިކުއިޑް ނެޗުރަލް ގޭސް ފޯރުކޮށްދޭ ކޮޗި އެލްއެންޖީ ޓާމިނަލް ކޮޗިންގައި ހުރުމަކީވެސް އެ ބަނދަރަށް ވާދަކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. 

އެހެންކަމުން ރާއްޖެއަށްވުރެ ކުރިން ބަންކަރިން ހިދުމަތް ފަށައި އެ ހިދުމަތަށް ގިނަ ދުވަސްތަކެއް ވަންދެން އިންވެސްޓުކޮށްފައިވާ ދެ ގައުމު ރާއްޖެ ކައިރީގައި އޮތުމަކީ ރާއްޖެއަށް އޮތް ގޮންޖެހުމެކެވެ. ވަސީލަތްތަކުގެ ގޮތުން ވާދަވެރިންނާ އަޅާބަލާއިރު ރާއްޖެ އޮތީ ފަހަތުގަ އެވެ. އެއީ މި މަސައްކަތް ފަށަން އެންމެ މުނާސަބަތު ވަގުތުގައި އެކަން ކުރަން ތިއްބެވި ބަޔަކަށް އެކަން ނުކުރެއްވި އޮތުމުގެ ނަތީޖާ އެވެ. 

ރާއްޖެއަށް ފުރުސަތުވެސް ބޮޑު

ގޮންޖެހުންތަކާއެކުވެސް ބަންކަރިން ދާއިރާގައި ކުރިއަރައިދިއުމަށް ރާއްޖެއަށް އޮތް ފުރުސަތު ކުޑައެއް ނޫނެވެ. ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކީ ރާއްޖެ އޮންނަ މަގާމެވެ. ރާއްޖެ އޮންނަ ތަނަކީ ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ތެރެއިން އިންޑިޔާ ކަނޑުގައި ހިނގާ ދަތުރުފަތުރުގެ ބޮޑު ބައެއް ދަތުރުކުރާ މަގުން ކަސިޔާރުވެ ދުރަށް ދަތުރުކުރަންނުޖެހި ބަންކަރިން ހިދުމަތް ހޯދޭނެ ތަނެކެވެ. 

ރާއްޖެ އޮންނަ ތަނުގެ ގޮތުން ރާއްޖޭގެ އުތުރުން 8 ޑިގުރީ ޗެނަލުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތުރުކުރާ ރޫޓުން ބޭރުނުވެ ރާއްޖެއަށް ކަައިރިކޮށް ބަންކަރިން ހިދުމަތް ހޯދޭނެ އެވެ. މި ރޫޓުގައި ދެން އޮންނާނީ ލަންކާގެ ކޮލަމްބޯ ބަނދަރެވެ. އެ ބަނދަރަށް ދަތުރުކުރަންޖެހޭ ރާސްތާއާ އަޅާބަލާއިރު ރާއްޖެއިން ބަންކަރިން ހިދުމަތް ދޭ ހިސާބަށް ކުރަންޖެހޭ ދަތުރު ކުރުވާނެ އެވެ. 

ވިޓޯލްގެ އިންޓަނޭޝަނަލް ޝިޕިން އެންޑް ބަންކަރިން މެނޭޖިން ޑިރެކްޓާ ރިޝާބް ބާލްވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ. ބަންކަރިން ހިދުމަތް ހޯދާނީ ކޮން ތަނަކުން ކަން ކަނޑައެޅުމުގައި ޝިޕިން ކުންފުނިތަކުން ތެލުގެ އަގަށް އެކަނި ރިއާޔަތްކުރުމުގެ ބަދަލުގައި ހިދުމަތް ހޯދަން ކުރަންޖެހޭ ދަތުރުގެ ދިގުމާއި، ދަތުރުގެ ރާސްތާއިން ދުރަށް ދާންޖެހޭ މިންވަރަށްވެސް ރިއާޔަތްކުރާ ކަމަށް ރިޝާބް ވިދާޅުވި އެވެ. 

ރާއްޖެއަށް އޮތް ދެވަނަ އެޑްވާންޓޭޖަކީ ރާއްޖެއަކީ މުޅިން އަލަށް ބަންކަރިން ހިދުމަތް ފޯރުކޮށްދޭން ފަށާ ގައުމަކަށްވުމުން ހިދުމަަތް ހޯދާ އުޅަނދުފަހަރު ތޮއްޖެހިފައި އޮންނަ މިންވަރު ކުޑަވުމެވެ. އިންޑިޔާ އަދި ލަންކާގެ ބަނދަރުތަކުގައި ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރު މަޑުކުރަންޖެހޭ މިންވަރުވެސް ވަރަށް ގިނަ އެވެ. ބައެއްފަހަރު ހަފުތާ ދެ ހަފުތާ މަޑުކުރަންޖެހުމުގެ ސަބަބުން ދަތުރަށް ކުރިން އަންދާޒާކުރާ މިންވަރަށް ގިނަ ވަގުތު ހޭދަވެ، ހަރަދުވެސް އިތުރުވެ އެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ރާއްޖެ އިހުތިޔާރުކުރުމުގެ ފުުރުސަތު އެބައޮތެވެ. 

އެންމެ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ރާއްޖެއަށް އޮތް އެޑްވާންޓޭޖަކީ އެ ހިދުމަތް ފެށުމަށް ރާއްޖެއިން އިހުތިޔާރުކުރި ޕާޓްނަރު ވިޓޯލެވެ. ވިޓޯލަކީ ރޮޓަޑަމްއާއި، ފުޖެއިރާ އަދި ސިންގަޕޫރާއި އެނޫންވެސް ބައެއް ބޮޑެތި ބަންކަރިން ހަބުތަކުގައި ހިދުމަތް ދެމުން އަންނަ އެ ދާއިރާގައި 50 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެ ކުންފުނިން މި ސަރަހައްދުގައި ބަންކަރިން ހިދުމަތް ދިނުމުގައި ޝާމިލުވާނެ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. 

ބަންކަރިން އަދި ތެލުގެ ވިޔަފާރީގައި ވިޓޯލަކީ ނަން ހިނގާ ކުންފުންޏެކެވެ. އިތުބާރުކުރެވޭ ބައިވެރިއެކެވެ. އެހެންކަމުން ވިޓޯލްގެ ނަން ރާއްޖޭގެ ބަންކަރިންއާ ގުޅިފައި އޮތުމަކީ އެހެނިހެން ބަނދަރުތަކުން ވިޓޯލުގެ ހިދުމަތް ހޯދާ ޝިޕިން ކުންފުނިތަކުން ރާއްޖޭގެ ބަންކަރިން ހިދުމަތް ހޯދަން ފަށައިފާނެ ސަބަބެކެވެ. 

ދުނިޔޭގެ ބޮޑު ހަނގުރާމައަށްފަހު ޝިޕިން ދާއިރާއަށް އައި އިންގިލާބީ ބަދަލާ ދާދި އެއްގޮތް ބޮޑު ބަދަލެއް މިހާރު އަންނަމުންދެއެވެ. އެއީ އުޅަނދުފަހަރަށް އަޅާ ތެޔޮ ތިމާވެއްޓާ ރަހުމަތްތެރި ބާވަތްތަކަށް ބަދަލުކުރަން ގިނަ އަދަދެއްގެ ޝިޕިން ކުންފުނިތަކުން ބޭނުންވުމެވެ. އެ ބަދަލަށް އެންމެ ފުރަތަމަ ތައްޔާރުވި އެއް ގައުމަކީ ސިންގަޕޫރެވެ. އެގައުމުންވަނީ ލިކުއިޑް ނެޗުރަލް ގޭސްގެ ބަންކަރިން ފަށައި އެލްއެންޖީ ބަންކަރިންއިން ބޮޑު ފައިދާއެއް ނެރެން ފަށާފަ އެވެ. 

ތިމާވެއްޓަށް ގެއްލުން ކުޑަ ބާވަތްތަކުގެ ފިއުލް ބޭނުންކުރަން ޝިޕިން ކުންފުނިތަކުން ފަށާއިރު ވިޓޯލްއަކީ އެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ވިޓޯލަކީ ބައޯފިއުލް އުފައްދައި ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި އެކުންފުނިން ބަންކަރިން ހިދުމަތްދޭ ބައެއް މަންޒިލުތަކުން މިހާރުވެސް ބައޯ ފިއުލް އަޅައިދެ އެވެ. 

އޭގެ އިތުރަށް އެލްއެންޖީ ބަންކަރިން ތަރައްގީކޮށް ކުރިއެރުވުމުގައިވެސް ވިޓޯލުން ދަނީ މުހިއްމު މަސައްކތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫރަޕާއި އޭޝިޔާގައި ވިޓޯލުން ބަންކަރިން ހިދުމަތްދޭ މަންޒިލުތަކުން އެލްއެންޖީ ފޯރުކޮށްދޭންވަނީ ފަށާފަ އެވެ. ރާއްޖޭގަައި ބަންކަރިން ހިދުމަތް ފުޅާވާއިރު އެލްއެންޖީ ބަންކަރިން ހިދުމަތް ދިނުމަށް ވިޓޯލް ތައްޔާރަށް އޮތްކަމަށް ރިޝާބް އިއްޔެ ވިދާޅުވި އެވެ. 

އެހެންކަމުން އާދައިގެ ގޮތެއްގައި އިއްޔެ ފެށުނު ބަންކަރިން ހިދުމަތް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކާއެކުވެސް ރާއްޖެއަށް އެ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ފުރުސަތު އެބައޮތެވެ. ވިޓޯލަށް އެކަމުގެ ޔަގީންކަން އެބައޮތެވެ. ވަރަށް އާދައިގެ ގޮތަކަށް ފަތުރިވެރިކަން ފަށައިގަތް ރާއްޖެ ދުނިޔޭގެ އެންމެ އަގު ބޮޑު އެންމެ މަތީ ފަންތީގެ މަންޒިލަކަށް ބަދަލުކުރި ދިވެހިންނަށް ސަރަހައްދީ ވާދަވެރިންނާ ފައިހަމަކޮށްލެވޭ މިންވަރަށް ބަންކަރިން ހިދުމަތް ފުޅާނުކުރެވެންވީ ސަބަބެއް ނެތެވެ. 

ހިދުމަތް ފުޅާވާ މިންވަރަކުން ވަސީލަތްތައް ގާއިމުކޮށް، އެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކަށް މިއީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދެވިއްޖެނަމަ، ފަތުރުވެރިކަމުގެ ބޮޑެތި ބްރޭންޑުތައް ރާއްޖެއަށް އިންވެސްޓުކުރާ ގޮތަށް އެ ދާއިރާގެ ކުންފުނިތަކުން އިންވެސްޓުކޮށް އުމްރާނީ ވަސީލަތްތައް ތަރައްގީކުރެވި އެ ސިނާއަތް ކުރިއަރައިގެންދާނެ އެވެ. އޮތީ ގޮންޖެހުންތަކަށް ލޯ ހުޅުވައިގެން ތިބެ، ފުރުސަތުތައް ރަނގަޅަށް ބޭނުންކުރުމެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.