އޮފް ޝޯ ބަންކަރިން ހިދުމަތް އެއް އިންސައްތަ ބޯޓަށް ދީގެން ބަނދަރަކާ ހަމައަށް ދެވޭނެ: ސައީދު

"މި ޓްރެފިކްގައި އެސްޓީއޯ ޓާގެޓް ކުރަނީ އެންމެ ފަސެންޓަކަށް ވިޔަސް، އެއީ އަޅުގަނޑުމެންނަށް އޮން ޕޯޓު ފެސިލިޓީއެއް ހަދަން ހެޔޮވަރު އަދަދެކޭ. އެހެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު މުހައްމަދު ސައީދު، ފޮޓޯ: އެސްޓީއޯ

އިއްޔެ ރާއްޖޭގައި އޮފް ޝޯ ބަންކަރިން ހިދުމަަތް ފަށާފައިވަނީ އެ ހިދުމަތް ދޭ އެސްޓީއޯއިން ޖުމްލަ 20 މިލިއަނެއްހައި ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އިއްޔެ ހޯރަފުށީގައި އޮތް ބަންކަރިން ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް އިތުބާރާއެކު ކުރިއަށްގެންދެވޭނެ ކަމުގެ އެންމެ ބޮޑު ޔަގީންކަމެއް ލިބެނީ އެހިދުމަތް ދިނުމަށް ޕާޓްނަރެއްގެ ގޮތުގައި ތެލުގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ވިޓޯލު ބައިވެރިވުން ކަމށެވެ. 

އަދި އެ ހިދުމަތް ތައާރަފުކުރުމަށް ފާއިތުވި ހަ މަހެއްހައި ދުވަހު ވިޓޯލްއިން ކުރި މަސައްކަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއެކު އެ ކުންފުނީގެ ވެރިން ބައްދަލުކުރައްވައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އެ ކުންފުނިން އިތުރު އިންވެސްޓުމެންޓު ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާފައި ކަމަށްވެސް ސައީދު ވިދާޅުވި އެވެ. 

"އުފާވެރި ޚަބަރަކީ ރާއްޖޭގައި ވިޓޯލް އިން ހަ މަސް ދުވަހު ކުރި މަސައްކަތުގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ވެސް ބައްދަލުވުމެއް ބޭއްވުނު. އެހާ އަވަހަށް ރާއްޖޭގައި އެ ވިޔަފާރި ފެށުމުން އެ ބޭފުޅުން ވަނީ ރާއްޖޭގައި އިތުރު އިންވެސްޓްމެންޓްތައް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ. 

އިތުރަށް ސައީދު ވިދާޅުވީ މިހާރު އޮފް ޝޯ ބަންކަރިން ފެށި ނަމަަވެސް ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް ތަރައްގީ ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައި ގޮތަށް އިޝާރާތްކުރައްވަައި ސައީދު ވިދާޅުވީ އިގުތިސާދީ މަސައްކަތްތައް އިތުރަށް ކުރިއެރުވޭނީ އެ މަސައްކަތްތައް ފެށިގެން ކަމަށެވެ. ހުރިހާ ކަމެއް ފުރިހަމަކޮށްގެން ފެށުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. 

އިތުރަށް ސައީދު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއިން އެ ވިޔަފާރީގައި އަމާޒު ހިފަނީ ކޮންމެ ދުވަހަކު ރާއްޖޭގެ އުތުރުން ދަތުރުކުރާ 200 އެއްހައި އާގު ބޯޓުފަހަރުގެ އެއް އިންސައްތައަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމުގައިވީ ނަމަވެސް އެ އަދަދަކީ ފަހުން އެ ސަރަހައްދުގައި ބަނދަރެއް ގާއިމުކޮށް އެ ހިދުމަތް ދޭން ފެށުމަށް އެކަށީގެންވާ އަދަދެއް ކަމަށެވެ. 

"މި ޓްރެފިކްގައި އެސްޓީއޯ ޓާގެޓް ކުރަނީ އެންމެ ފަސެންޓަކަށް ވިޔަސް، އެއީ އަޅުގަނޑުމެންނަށް އޮން ޕޯޓު ފެސިލިޓީއެއް ހަދަން ހެޔޮވަރު އަދަދެކޭ. އެހެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ އޮފް ޝޯ ބަންކަރިން ހިދުމަތް ފަށާފައިވަނީ 3،258 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ މެރިން އޭންޖަލް ބާޖާއި 2،929 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ އެމްޓީ މެރިން ބެލާ ބާޖު ބޭނުންކޮށްގެންނެވެ. "މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިދުމަތް ފުޅާކުރުމަށް ތިންވަަނަ ބާޖެއްވެސް ގެންނާނެ އެވެ. 

ސަރުކާރުން އަންދާޒާކުރާ ގޮތުގައި އުތުރުގައި ފަށާ ބަންކަރިން ހިދުމަތާއި އެ ހިދުމަތުގެ ވަށައގެން އިތުރަށް ހިންގާ ވިޔަފާރިތަކާއި ތައާރަފުކުރާ އައު ހިދުމަތްތަކުން ގައުމީ އުފެއްދުންތެރިކަމަށް ކުރިއަށް އޮތް އެއް އަހަރު ތެރޭ 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.