ޕޭޖަރުތައް ގޮއްވައިލުން؛ ބައިނަލްއަގުވާމީ ސަޕްލައި ޗެއިނާމެދު އިތުރު ބިރުވެރިކަމެއް

މި ހަމަލާގައި ގޮއްވައިލި ޕޭޖަރުތަކުގެ ބްރޭންޑު ނަމަކީ ޓައިވާނުގެ ކުންފުންޏެއްކަމަށްވާ ގޯލްޑް އެޕޯލޯ ކޯ ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ އެތަކެތި އުފެއްދީ ހަންގޭރީގެ ކުންފުންޏަކުން ކަމަށެވެ.

އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުގެ ހޮސްޕިޓަލުން ފެނުނު ވޯލްކީ ޓޯލްކީއެއް ގޮއްވައިލުމަށް ލުބުނާނު ސިފައިން މަސައްކަތްކުރަނީ، ފޮޓޯ: އޭޕީ

ލުބުނާނުގައި މީހުން ބޭނުންކުރަމުންދިޔަ ޕޭޖަރުތަކެއް ގޮއްވާލައިގެން ދިން ނިރުބަވެރި ހަމަލާއާއެކު، ޒަމާނީ އިލެކްޓްރޯނިކް ސަޕްލައި ޗެއިނުތަކުގެ ރައްކާތެރިކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ. 

އިސްރާާއީލުން ދިން މި ހަމަލާއަކީ ޖާސޫސީ މަސައްކަތުގެ ތާރީހުގައި މިހާތަނަށް އެއްވެސް ގައުމަކުން ތަންފީޒުކޮށްފައިނެތް މިންވަރުގެ ބޮޑު އޮޕަރޭޝަނެއްކަމަށް މާހިރުން ވިދާޅުވެ އެވެ. އިތުރަށް މާހިރުން ވިދާޅުވެފައިވަނީ އެފަދަ ގޮތަކަށް އާންމުން ބޭނުންކުރާ އިލެކްޓްރޯނިކް އެކި ގެޖެޓުތައް ބޭނުންކޮށްގެން ހަމަލާތަަކެއް ދިނުމަކީ ގިނަ އެހެނިހެން ސަރުކާރުތަކުން ބޭނުންކޯށްފާނެ އުސްލޫބެއް ނޫން ކަމަށެވެ. 

ނަމަވެސް އިސްރާއީލުގެ ހަމަލާއާއެކު ބައިނަލްއަގުވާމީ ސަޕްލައި ޗެއިނުގެ ސަބަަބުން އުފެދިދާނެ ނާޒުކު ހާލަަތަކާމެދު އިހުއްސުރެ އޮތް ކަންބޮޑުވުންތައް މާހިރުން ފާހަގަކުރައްވާފައިވެ އެވެ. އަދި މި ހަމަލާއަކީ އެމެރިކާއާއި ހުޅަނގުގެ އެހެން ބައެއް ގައުމުތަކުން މުހިއްމު ޓެކްނޮލޮޖީގެ ވަސީލަތްތައް އަމިއްލަ ގައުމުގައި އުފެއްދުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް ހަލުއިކުރަން ބާރުއަޅާ ކަމަކަށް ވެދާނެ ކަމުގައި މާހިރުން ދެކެވަޑައިގަންނަވަ އެވެ. 

އެ ހަމަލާގެ ދިނީ އިސްރާއީލުން ކަމަށް އެ ގައުމުން އިންކާރުކޮށްފައިނުވާއިރު އަދި އެ ހަމަލާގެ ޒިންމާ ނަގާފައިނުވި ނަމަވެސް، އެ ހަމަލާ ދިނުމަށް ހިންގި ޖާސޫސީ އޮޕަރޭޝަނުގެ ތަފުސީލުތައް އިސްރާއީލުން އެމެރިކާއާ ހިއްސާކޮށްފައިވާކަމަަށް ނަން ހާމަނުކުރާ ގޮތަށް ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެއްވި އެމެރިކާގެ އޮފިޝަލުން ވިދާޅުވި އެވެ. 

މި ހަމަލާގައި ގޮއްވައިލި ޕޭޖަރުތަކުގެ ބްރޭންޑު ނަމަކީ ޓައިވާނުގެ ކުންފުންޏެއްކަމަށްވާ ގޯލްޑް އެޕޯލޯ ކޯ އެވެ. ނަމަވެސް އެ ކުންފުނިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ޕޭޖަރުތައް އުފެއްދީ އެ ކުންފުނިން ނޫންކަމަށާއި، އެތަކެތި އުފެއްދީ ހަންގޭރީގެ ކުންފުންޏެއް ކަމަށްވާ ބީއޭސީ ކޮންސަލްޓިން ކޭއެފްޓީން ކަމށެވެ. 

ނަމަވެސް ހަންގޭރީ ސަރުކާރުން ބުނެފައިވަނީ އެ ގައުމުގައި ބީއޭސީން ޕޭޖަރު އުފައްދާ ކާރުހާނާއެއް ގާއިމުކޮށްފައި ނެތް ކަމަށެވެ. ބީއޭސީން އެ މައްސަލާގައި އެއްވެސް ބަހެއް މިހާތަނަށް ބުނެފައިނުވެ އެވެ. 

ދުނިޔޭގައި އުފައްދާ އިލެކްޓްރޯނިކް ސާމާނުގެ ބޮޑު ބައެއް ކޮންމެވެސް އެއް މަރުހަލާއެއްގައި ޓައިވާނުގެ ތެރެއިން ދަތުރުކުރެ އެވެ. ނަމަވެސް ޒަމާނީ ގެޖެޓެއް ބިނާކުރުމުގެ އެކި މަރުހަލާތައް ހިނގަނީ ދުނިޔޭގެ އެކި ގައުމުތަކުގަ އެވެ. އަދި އެއިން ކޮންމެ ގަޖެޓެއް އުފެއްދުމުގައި ދުނިޔޭގެ އެކި ބައްރުތަކުގެ ތަފާތު އެކި ސަޕްލަޔަރުން ބައިވެރިވެ އެވެ. 

ޓެކް ސިޔާސަތާ ގުޅޭ ތިންކު ޓޭންކު އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ފައުންޑޭޝަނުގެ ނައިބުރައީސް ޑެނިއަލް ކާސްޓްރޯ ވޯލްސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުނިޔޭގެ ބާޒާރުގެ ތެރެއިން އެކި ދިމާލުން ބައިތައް އެއްކޮށްގެން ޓެކްނޮޖީގެ ވަސީލަތްތައް އުފައްދަމުންދާ ދިއުމުގެ ސަބބުން ސީދާ އެއްޗެއް އުފެއްދި ތަނަކީ ކޮބައިކަން ދެނެގަންނަން ވަރަށް ދަތިވާ ކަމށެވެ. 

ސަލާމަތީ ދާއިރާގެ މާހިރުން ފާހަގަކުރެއްވި ގޮތުގައި ހިޒްބުﷲއިން އެމީހުންގެ މުވާސަލާތުތަކަށް ޕޭޖަރު ބޭނުންކުރުމުން އެނގެނީ އެއަށްވުރެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގައި އޮތް ނުރައްކާ އެ ޖަމާއަތަށްވެސް ވިސްނިފައި އޮތް ކަމެވެ. އަދި ޕޭޖަރަށް އަމާޒުކޮށް ދިން ހަމަލާއާއެކު ދުވަސްވީ ބައެއް ޓެކްނޮލޮޖީތައް ބޭނުންކުރަންވެސް ދަތިތަކެއް ކުރިމަތިވެ ރަނގަޅަށް މުވާސަލާތު ކުރުމަށް ހުރަސްއެޅި އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ހީނަރުވާނެ ކަމަށް މާހިރުން ގަބޫލުކުރައްވަ އެވެ. 

ޕޭޖަރުތައް ހެކުކުރީ ކޮންއިރަކު ކިހިނެއްކަން އަދި ނޭނގެ އެވެ. މިފަދަ ކަންކަމަކީ ސަރުކާރުތަކުން އެންމެ ބޮޑަށް ސިއްރުކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް އެޑްވަޑް ސްނޯޑަން 2014 ވަނަ އަހަރު ލީކުކޮށްލެއްވި ބައެއް ލިޔެކިޔުންތަކުން އެފަދަ އަމަލެއް ހިންގިދާނެ ގޮތް ސިފަކޮށްދީފައިވެ އެވެ. 

އެ ލިޔެކިޔުންތަކުގައި ސިފަކޮށްދީފައިވަނީ އެމެރިކާގެ އެންމެ ބޮޑު އެއް ރީޓެއިލް ވިޔަފާރިކަމަށްވާ ކޮސްކޯއިން ގެނައި އިލެކްޓްރޯނިކް ޑިވައިސްތަކެއް ގުދަނުގައި ހުއްޓައި އެމެރިކާގެ ޖާސޫސީ އިދާރާތަކިން އެތަކެތި ހެކުކޮށް އެމީހުންނަށް އެތަކެތި ބޭނުންކުރެވޭނެ ގޮތް ހެދި ގޮތެވެ. އެގޮތުން އެ ތަކެތި ހުޅުވައި އޭގައި ޖާސޫސްކުރުމަށް ބޭނުންކުރާ ވަސީލަތްތައް ހަރުކުރުމުގެ މަސައްކަތް ޖާސޫސީ އިދާރާތަކުގެ މުވައްޒަފުން ކުރި ގޮތް ލިޔުމާއި ފޮޓޯއިން ބަޔާންކޮށްދީފައިވެ އެވެ. 

ސްނޯޑެން ކުރެއްވި ޓުވީޓެއްގައި އޭނާ ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެވެ. އަދި އެ ހަމަލާގެ ސަބަބުން ދުނިޔޭގެ އެންމެންގެ ރައްކާތެރިކަން ކުރިއަށްވުރެ ހީނަރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.