ވިޓޯލުން ދިން ޔަގީންކަން، ރާއްޖެއަށް ވާދަވެރިންނަށްވުރެ ފުރުސަތު ބޮޑު

ވިޓޯލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ވާދަވެރި އެހެން ގައުމުތަކުން މުޅި އަހަރު ބަންކަރިން ހިދުމަތެއް ނުދެވެ އެވެ. އެކަމަކު ރާއްޖެއަށް އެ ފުރުސަތު އެބައޮތެވެ.

ހޯރަފުށީ ކައިރީގައި މިއަދު ބަންކަރިން ހިދުމަތް އިފުތިތާހު ކުރަން ބޯޓަކަށް ތެޔޮ އަޅަނީ -- އެމްޕީއެލް

އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިން ވިޔަފާރީގައި ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ހޮލެންޑުގެ ވިޓޯލް އިން ބުނެފި އެވެ. 

އެސްޓީއޯއާއެކު ޕާޓްނާޝިޕް ވެގެން ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި މިއަދު ފެށި ވިޓޯލް އިން ހޯރަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަ ކަމަށާ، އެ ކުންފުނިން ރާއްޖޭގައި މި ވިޔަފާރި ފެށީ އެހެންވެ އެވެ. 

"ރާއްޖޭން ބަންކަރިން މި ފަށަނީ އެންމެ ގިނަ އިން ބޯޓުތައް ދަތުރު ކުރާ އަށް ޑިގުރީ ޗެނަލުން. މިއީ ޖިއޮގްރެފިކަލީ ރާއްޖެ އަށް އޮތް ބޮޑު އެޑްވާންޓޭޖެއް. ބަންކަރިންގައި ވަރަށް މުހިންމު އާއްމުކޮށް ބޯޓުތައް ދަތުރު ކުރާ މެއިން ލައިނާއާ ގާތްވުމަކީ. ރާއްޖެ އަށް ގުދުރަތީ ގޮތުން އެ އެޑްވާންޓޭޖް އެބައޮތް ރޮޓަޑަމް [ހޮލެންޑް] އާއި [ޔޫއޭއީ] ގެ ފުޖެއިރާ ފަދަ ތަންތަނާ ބެލިނަމަވެސް ރާއްޖެ އަށް އެއީ އެޑްވާންޓޭޖެއް،" ބަންކަރިން ތެޔޮ ސަޕްލައި ކުރުމުގެ 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ. 

ވިޓޯލްއިން ރާއްޖޭގައި އިންވެސްޓް ކުރާނެ

ބަންކަރިން ވިޔަފާރި ފަށަން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯ އެމްޑީ ވާހަކަ ދައްކަވަނީ -- އެސްޓީއޯ

އޭނާ ވިދާޅުވީ ބަންކަރިން ބަނދަރެއް ހިއްކައިގެން ހަދަން ވަގުތު ނަގާނެ ކަމަށާ ނަމަވެސް އެ ކުންފުނީގެ ނެޓްވޯކުގެ ބޭނުންކޮށްގެން މިހާރު ވެސް ރަނގަޅު ވިޔަފާރިއެއް ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ވިޓޯލް އިން ވާހަކަ ދެއްކެވި އޮފިޝަލް ވަނީ ބަންކަރިންގައި ރާއްޖެ އަށް އޮތް އެޑްވާންޓޭޖުގެ ސަބަބުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓްތައް ކުރާނެކަމުގެ ފެހި ސިގުނަލް ދެއްވާފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ. 

ވިޓޯލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޮޑު އެޑްވާންޓޭޖްއަކީ ދުނިޔޭގެ ބޮޑެތި ޕޯޓްތަކަށް ބަންކަރިންގެ ތެޔޮ ފޯރުކޮށް ދިނުން ކަމަށާ މި ތަޖުރިބާ އެސްޓީއޯ ހިއްސާކޮށްގެން ކުރިއަށް ދާނެ އެވެ. 

ވިޓޯލްގެ އޮފިޝަލުންނަށް ހޯރަފުށިން މަރުހަބާ ކިޔަނީ -- އެސްޓީއޯ

ބަންކަރިންގައި ހުރިހާ އެއްޗަކީ ތެލުގެ އަގެއް ނޫން

ދިވެހި ނޫސްވެރިން ވަނީ ރާއްޖޭން އޮފްޝޯވްކޮށް ބަންކަރިން ފެށިިއިރު އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އިން ބަނދަރު ހަދައިގެން މި ހިދުމަތް ދެމުންދާ ކަމަށާ އެކަމުގެ ސަބަބުން ރާއްޖެއަ ށް އޮތް ފުރުސަތު ހަނި ވެދާނެ ތޯ ވިޓޯލްގެ އޮފިޝަލްއާ ސުވާލުކޮށްފަ އެވެ. 

މި ސުވާލުގެ ޖަވާބުގައި ސިންގަޕޫރާއި އެމެރިކާގެ ބަނދަރު ތަކަށް ވެސް ތެޔޮ ފޯރުކޮށްދޭ ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބޮޑެތި ބޯޓު ފަހަރުތަކުގެ އޯނަރުން ބަލާނީ ހަމައެކަނި ތެޔޮ ވިއްކާ އަގަށް ނޫން ކަމަށާ މި ވިޔަފާރީގައި ހިދުމަތްދޭ ރޫޓަކީ އެންމެ މުހިންމު އެއް ބައެވެ .އަދި  ބޯޓު ފަހަރުގެ ވެރިން ބަލާނީ މިކަމުގައި ދެވޭ ފުލް ޕެކޭޖަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ބަންކަރިން ފަށަން ބޭއްވި ރަސްމިއްޔާތުގައި ވިޓޯލް އާއި އެސްޓީއޯ އަދި އެމްޕީއެލްގެ އިސްވެރިން

"ރާއްޖެއާ [އަވަށްޓެރި] ބަނދަރުތަކުގައި މުޅި އަހަރު ބަންކަރިން ހިދުމަތެއް ނުދެވޭނެ މޫސުން އޮންނަ ގޮތުން. އެކަމަކު ރާއްޖޭގައި މުޅި އަހަރު ވެސް މިކަން ކުރެވޭނެ. ސެކިއުރިޓީ ވެސް ބަލާނެ،" ޖަބަލްއަލީ ބަނދަރަށް "ބަޔޯ ފިއުލް" ސަޕްލައިކުރާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.  

ވިޓޯލްގެ އޮފިޝަލް ފާހަގަ ކުރި ޕޮއިންޓްތައް

  •  ރާއްޖެ އޮތްތަނުގެ އެޑްވާންޓޭޖް އަވަށްޓެރި އެހެން ގައުމަކަށް ނެތް
  •  ހަމައެކަނި ތެޔޮ އަގުހެޔޮކޮށް ވިއްކުމަކީ ބަންކަރިން ކާމިޔާބު ވެދާނެ ސަބަބެއް ނޫން
  •  އަވަށްޓެރި ގައުމުތަކުގައި މުޅި އަހަރު ބަންކަރިންގެ ވިޔަފާރިއެއް ނުކުރެވޭ
  •  50 އަހަރުވީ ވިޓޯލްއިން ރާއްޖެ އައީ ފުރުސަތު އޮތީމަ
  •  ބަންކަރިން ވިޔަފާރީގައި އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނެ

ރާއްޖޭން ފެށީ އުންމީދާއެކު

ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި މިއަދު އިފުތިތާހު ކުރިއިރު ދުވާލަކު 200 އެއްހާ ބޯޓު މި ސަރަހައްދުން ހުރަސްކުރެ އެވެ. ސަރުކާރުގެ އަމާޒަކީ ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ އެއް ޕަސެންޓް ރާއްޖެ އަށް ހޯދޭނެ އެވެ. މި ވަރަށް ހޯދުނުނަމަވެސް އަހަރު 400 މިލިއަން ޑޮލަރު ހަމައެކަނި ތެލުން ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ވިޔަފާރި ހޯރަފުށީގައި މިއަދު ފެށިއިރު އެސްޓީއޯއިން ވަނީ މިކަމަށް ދެ ބޯޓުވެސް ގެނެސްފަ އެވެ. މި ހިދުމަތް ދިނުމުގެ އިތުރުން މިއާއެކު ހުރި އެހެން ހިދުމަތްތައްދޭން ވަނީ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީސް ވެސް ގާއިމްކޮށްފަ އެވެ. މި ހިދުމަތާ ގުޅުންހުރި މެރިޓައިމްގެ އެހެން ހިދުމަތްތައްދޭން އެމްޕީއެލްއިން ވަނީ ހާއްސަ ވެބްސައިޓެއްވެސް ހަދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.