ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 15

"ނޫން.. މުނީރާ ނޫން.. މީހަކަށް އިވިދާނެ! ތިހާ ބާރަށް ނުރޮއި.. އަހަރެމެން އެބަ ޖެހޭ މިކަމާ ކުރިމަތިލާން.. ކެތްތެރިކަމާ އެކުގަ.. އެހެން ނޫނީ.. މީގެ ނުރައްކާ އަހަރެމެން އެންމެންނަށް ކުރާނެ..

- އެޕިސޯޑް 15 –

"ކާސިމް.. ހެޔޮނުވާނެ! އަހަރެން ސަލާމަތްކޮށްދީ! އަހަރެންނަށް މިކަމާ ކުރިމަތިލާނެ ހިތްވަރެއް ނެތް.. އަހަރެން ބިރުން މަރުވެދާނެ ކާސިމް.."

ކާސިމްގެ ގައިގައި ބައްދައިގަނެގެން ހުރެ މުނީރާ އަޑުން އަޑު ނަގާ ރޮމުން ގެންދިޔައެވެ.

"ނޫން.. މުނީރާ ނޫން.. މީހަކަށް އިވިދާނެ! ތިހާ ބާރަށް ނުރޮއި.. އަހަރެމެން އެބަ ޖެހޭ މިކަމާ ކުރިމަތިލާން.. ކެތްތެރިކަމާ އެކުގަ.. އެހެން ނޫނީ.. މީގެ ނުރައްކާ އަހަރެމެން އެންމެންނަށް ކުރާނެ.. މިކަމުގަ އިސްކުރަންވީ ކެތްތެރިކަން.. އާދޭސްކޮށްފަ މިބުނީ..."

ކާސިމް އާދޭސް ކުރަން ފެށުމާ އެކުގައި މުނީރާ ރުއިން ހުއްޓާލިއެވެ. މުނީރާގެ ދެ ލޮލުން ފޭބި ކަރުނަތައް، ކާސިމް އޭނާގެ އަތުގެ ނުފުށުން ފޮހެމުން ގެންދިޔައެވެ.

"ކުރިން ދުވަސްތަކޭ އެއްގޮތަށް މިއަދު ވެސް މީ އާދައިގެ ދުވަހެއް ކަމުގަ ބަލައިގެން ގޭތެރޭގެ މަސައްކަތް ފަށާ.. މިހާރު 8 ޖަހަން އެ އުޅެނީ.. މީކާލް އަންނާނެ.."

މުނީރާގެ ބޮލުގައި ކާސިމް ފިރުމާލަމުން ބުނެލިއެވެ. ހަދާނެ އިތުރު ގޮތެއް ނެތް ޙާލުގައި މުނީރާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. މަޑު، ލަސް ހިނގުމެއްގައެވެ. އެވަގުތު ވެސް މުނީރާގެ ހިތުގެ ހިނގުން ހީވަނީ ބާރު ރޭހެއްގައި އުޅޭހެންނެވެ.

މުނީރާ ބަދިގެއަށް ވަނުމާ އެކުގައި ކާސިމް މިސްރާބު ޖެހީ ލައިލާ އޮތް ކޮޓަރިއާ ދިމާލަށެވެ. މަޑުމަޑުން ލައިލާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން، ކާސިމް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ކޮޓަރި ތެރެއިން ފެންނަން ނެތުމުން ކާސިމް މަޑުމަޑުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން ކުރިއަށް ދިޔައެވެ.

ކުއްލިއަކަށް ކާސިމްގެ ފިޔަވަޅު ތަކަށް ހުއްޓުން އެރީ ފާޚާނާ ތެރެއަށް ކޮންމެ ވެސް އެއްޗެއް ފައިބާ ފާޑެއްގެ އަޑެއް އިވެން ފެށުމުންނެވެ. ކާސިމް ޖެހިލުންވިއެވެ. ނަމަވެސް ބިރު ކަނޑާލާފައި ކާސިމް ކުރިއަށް ހިނގަމުން ދިޔައެވެ. ފާޚާނާއާ ދިމާލަށެވެ. ކާސިމް ގޮސް ހުއްޓުނީ ފާޚާނާގެ ދޮރު ކުރިމަތީގައެވެ. ދޮރު ހުރީ ކުޑަކުޑަކޮށް ހުޅުވާލާފައެވެ. ކާސިމް މަޑުމަޑުން ހުޅުވިފައިވާ ތަންކޮޅުން ފާޚާނާ ތެރެ ބަލާލަން މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް، ނުވަތަ އެއްވެސް މަންޒަރެއް ކާސިމްގެ ލޮލުގައި އަޅައެއް ނުގަތެވެ.

ކާސިމް ނިންމީ ދޮރު އެއްކޮށް ހުޅުވާލާށެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ކާސިމް ކުއްލިއަކަށް ހުރެފައި އޭނާގެ ކަނާ އަތުން ދޮރުގައި އަތް އަޅައި އެތެރެއަށް ކޮށްޕާލިއެވެ. ކާސިމަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފާޚާނާ ތެރޭގައި ލެއިން ތަތްތެޅިފައި އޮތީ ލައިލާއެވެ. 

"ދަރިފުޅާ!"އޭ ކިޔާ ކާސިމް ކުރިއަށް ނަގަން އުޅުން ފިޔަވަޅާ އެކުގައި ލައިލާ ފެށީ ހޭންށެވެ. އެ ހިސާބުން ކާސިމް ހުއްޓުނެވެ.

"ހައްހައްހާ... އަހަރެން މަރާލާފަ ކަމަށްތަ ހީކުރީ؟ ހައްހައްހާ..."

ލައިލާ ހެމުން ހެމުން ބުނެލިއެވެ. ކާސިމް ދެލޯ ބޮޑުކޮށްގެން ލައިލާއަށް ބަލަން ހުއްޓެވެ.

"ކޯއްޗެއް ތި ބަލަނީ.."

ލައިލާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެއްވެސް އެއްޗެއް ނުބުނެ ކާސިމަށް ހުރެވުނީ ލައިލާއަށް ބަލާށެވެ. އޭރުވެސް ލައިލާގެ މޫނު މަތިން ލޭތައް ހޯސްލާފައި ޓައިލްސް މައްޗަށް ތިކިތިކި ޖަހަމުން ދަނީއެވެ. ލޭ އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެއެވެ. ބައެއް ފަހަރު އެ ލޭތައް ލައިލާ ބޮމުން ގެންދިޔައީ ވަރަށް މީރު ވެގެންނެވެ.

ކަޅިޖަހާ ނުލައި ލައިލާއަށް ބަލަން ހުރި ކާސިމަށް ކުއްލިއަކަށް ދެލޯ މަރާލެވުނީ ލައިލާ އޭނާ ލައިގެން ހުރި ހެދުން ވީދާލުމުންނެވެ. އަދި ލައިލާ ލައިގެން ހުރި ފޭރާން ކާސިމްއާ ދިމާލަށް ހޫރާލުމުންނެވެ.

"ދެން ބަލާ! ބަލާބަލަ! ހައްހައްހާ.." 

ލައިލާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަން އެނގުމުން ކާސިމް ނިންމީ އެތަނުން ނުކުންނާށެވެ. ކާސިމް އަވަސް ހިނގުމެއްގައި ކޮޓަރިން ނުކުމެ، ދޮރު ޖެހިއެވެ.

"މީ ކޮންފަދަ އިމްތިޙާނެއްބާ! އަހަރެން ކުރި ކަމެއްގެ ސަޒާ އަހަންނަށް މިފަދަ ގޮތަކަށް ދައްކަވާނެ ކަމަށް އަހަރެން ހީވެސް ނުކުރަން.. އަހަރެން ގޮތް ހުސްވެއްޖެ! އެކަމު، މުނީރާއަށްޓަކާ ނަމަވެސް އަހަރެން ކެތް ކުރަން އެބަ ޖެހޭ.. އަހަރެންގެ އަގު ހިފަހައްޓަން ވެސް އަހަރެން އެބަ ބަލަން ޖެހޭ.. އަހަރެން ޖަލަށް ދާކަށް ބޭނުމެއް ނޫން..."

އަމިއްލަ ނަފުސާ ކާސިމް ވާހަކަދައްކަމުން ދިޔައެވެ. ކުއްލިއަކަށް ކާސިމަށް ބަލައިލެވުނީ ފޯނުގެ ގަޑިއަށެވެ. އޭރު 8 ޖަހަން ބާކީ އިނީ 5 ވަރަކަށް މިނެޓެވެ. ވަރަށް އަވަސްކޮށް ކާސިމް ކާގެއާ ދިމާލަށް ހިނގައިގަތެވެ.

"މިހާރު މީކާލް އަންނަން އުޅޭނެ.. އެއްވެސް ކަމެއް ވީކަމު ނުހަދާތި! މުނީރާ ވާނެ ވަރަށް ހާސް ވެގެން އުޅެން،.. މީކާލްއަށް ލައިލާ ގޭގައި ނޫޅޭކަން އެނގޭ ހިސާބުން.." ކާސިމް ބަލައިލީ ކާގޭގައި އިން މުނީރާގެ މޫނަށެވެ.

އެއްވެސް ޖަވާބެއް މުނީރާގެ ފަރާތުން ނުލިބުމުން، ކާސިމް މުނީރާއަށް ގޮވާލިއެވެ.

"އާނ! އަހަރެން ބަލާނަން!" މުނީރާ ޖަވާބު ދިނެވެ.

"ކޮބާ ލައިލާ؟" މުނީރާގެ އަޑުގައި ވަނީ ވަރުބަލި ކަމެވެ.

"ކޮޓަރީގަ.." ކާސިމް ދިނީ ކުރު ޖަވާބެކެވެ.

"މީކާލް އަންނަ އިރު ލައިލާ ކޮޓަރީގަ އޮއްވާ އޭނާއަށް ފެނެއްޖިއްޔާ އޯ.." މުނީރާ ވަރަށް ހާސްވެގެން ބަލައިލީ ކާސިމްގެ މޫނަށެވެ.

"ނުފެންނާނެ! ލައިލާއެއް ނުފެންނާނެ އެކަކަށް ވެސް.. އަހަރެންނާ މުނީރާ ފިޔަވައި.." ކާސިމްގެ ޖަވާބާ އެކުގައި މުނީރާ ފުން ނޭވާއެއް ދޫކޮށްލަމުން އިސްޖަހާލިއެވެ.

"އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު ލައިލާ.. އެއީ އަހަރެންގެ ހުރިހާ ވެސް އުފަލަކީ.." މުނީރާ އިސްޖަހައިގެން ހުރެ ހިތްދަތިކަމާ އެކުގައި ބުނެލިއެވެ.

"މުނީރާ.. އާދޭސްކޮށްފަ މިބުނީ.. ހިތްވަރު ކުރޭ! އަހަރެން ލައިލާ ސަލާމަތްކޮށްދޭނަން.. އިތުބާރު ކުރޭ އަހަންނަށް.. އަނެއްކޮޅުން މުނީރާ މިވަގުތު ހިތްވަރު ކުރޭ! މީކާލް އަންނަ އިރު.." ކާސިމްގެ ވާހަކަ އޭނާއަށް މެދު ކަނޑާލެވުނީ ލައިލާގެ ކޮޓަރީގައި މީހަކު ޓަކި ދޭން ފެށި އަޑުންނެވެ.

"ލައިލާ... ލައިލާ.." 

ކާސިމް އާއި މުނީރާގެ ކަންފަތުގައި ޖެހުނީ މީކާލްގެ އަޑެވެ. ކާސިމް ނިންމީ މީކާލްއާ ގާތަށް ދާށެވެ. މިހާރު މީކާލްގެ ނަޒަރުގައި ކާސިމްގެ ހިތް މީކާލްއަށް ވަރަށް ސާފު ވާނެއެވެ. އެއީ ލައިލާ އާއި މީކާލްގެ ކައިވެންޏަށް ކާސިމްގެ ރުހުން ލިބިފައިވާތީއެވެ.

"އަހަރެން އެބަ އަންނަން.." ކާސިމް ހިނގައިގަތީ ބަދިގެ އިން ނުކުންނާށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.