ރާއްޖެ އޮންނަ ތަނުގެ މަަންފާ ދިވެހިންނަށް ހޯދައިދޭނަން: ޝިމާދު

"އަޅުގަނޑުމެންގެ އަމާޒަކީ މެރިޓައިމް ދާއިރާގައި ދިވެހިރާއްޖެ އޮތް މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަންގެ އެޑްވާންޓޭޖު ނަގައިގެން އެކަމުގެ މަންފާ ދިވެހިންނަށް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް، ފޮޓޯ: މިހާރު

ދުނިޔޭގައި ދިވެހިރާއްޖެ އޮންނަ މަގާމުގެ ފައިދާ ދިވެހިންނަށް ހޯދައިދިނުމަކީ އެސްޓީއޯ އަދި މި ސަރުކާރުގެ މައިގަނޑު އަމާޒުކަމަަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ އުތުރުގައި މެރިޓައިމް ހިދުމަތްތައް ފެށުމަށް ގާއިމުކުރި އައިއެސްޕީއެސް ގޭޓު ހުޅުވުމަށް ރޭ އުލިގަމުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޝިމާދު ވިދާޅުވީ ރާއްޖެއާއި އިންޑިޔާ ބޯޑަރުގެ ދެމެދުގައި އޮންނަ 8 ޑިގުރީ ޗެނަލަކީ ކޮންމެ ދުވަހަކު 200 އެއްހައި އާގުބޯޓުފަހަރު ދަތުރުކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިއްމު މަގެއް ކަމަށެވެ. 

އިތުރަށް ޝިމާދު ފާހަގަކުރެއްވި ގޮތުގައި 8 ޑިގުރީ ޗެނަލަކީ ދުނިޔޭގެ ވިޔަފާރީގައިވެސް ސްޓްރެޓެޖިކް ގޮތުން މުހިއްމު ލޮކޭޝަނެކެވެ. އެމަގުން ގިނަ އަދަދެއްގެ ބޯޓު ފަހަރު ދަތުރުކުރާއިރު އެކަމުން ރާއްޖެއަށް ފައިދާ ހޯދުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. 

ދިވެހިރާއްޖެ އޮތް ތަނަކީ މެރިޓައިމް ދާއިރާގެ ސްޓްރެޓެޖިކް މުހިއްމު ތަނެއްކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެ އޮތް ތަނުގެ ފައިދާ ނަގައިގެން ރައްޔިތުންނަށް އެކަމުން މަންފާ ހޯދައިދިނުން ކަމަށެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ މެރިޓައިމް ދާއިރާގައި ދިވެހިރާއްޖެ އޮތް މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަންގެ އެޑްވާންޓޭޖު ނަގައިގެން އެކަމުގެ މަންފާ ދިވެހިންނަށް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވުމަށްފަހު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޖީޑީޕީއާއި ބޭރު ފައިސާ ހޯދުމުގައި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ވަރަށް ހާއްސަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަން ޝިމާދު ފާހަގަކުރެއްވި އެވެ. 

ރާއްޖޭގެ އުތުރުގައި މިއަދު ބަންކަރިން ހިދުމަތް ފެށުމަށް ނިންމާފައިވާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެ ހިދުމަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ. އަދި މި ސިނާއަތަކީ ރާއްޖެއަށް ބޭރު ފައިސާގެ އާމުދަނީ ލިބޭ އައު ސިނާއަތަކަށްވާނެ ކަމުގައި ސަރުކާރުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.