މާލޭގަައި މަހެއްހައި ދުވަހު ރަހީނުކޮށްގެން ގެންގުޅުނު މީހާއަށް ބޮޑެތި ޖިސްމާނީ އަނިޔާކޮށް އިނގިއްޔެ ބުރިކޮށްލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ބައިވެރިވާކަން ފުލުހުން ހާމަކުރި އެވެ.
މާލޭގައި ގެއެއްގެ ތެރޭގައި މީހަކު ހިފަހައްޓައިގެން ބޮޑެތި އަނިޔާތަކެއް ކުރި މައްސަލާގައި ސިފައިންގެ ދެ މީހަކު ޝާމިލުވާކަން ފުލުހުން ހާމަކޮށްފި އެވެ.
ގެއެއްގެ ތެރޭގައ މީހަކު ރަހީނުކޮށް އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ކޮށް އިނގިލި ބުރިކޮށްލައި، އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވި މި މައްސަލާގައި ފުލުހުން ފަސް މީހަކު ހައްޔަރުކުރިކަމާއި، ރަހީނުކުރި މީހާއަށް ދީފައިވާ އަނިޔާތަކުގެ ބައެއް ތަފުސީލުތައް ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަަލާގައި ރަހީނުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ރަހީނުކޮށްފައިވަނީ މި އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. މައްސަލަ ފުލުހުންގެ ސަމާލުކަމަަށް އައީ ޒަހަމްތަކާއެކު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދެވުނު ހިސާބުންނެވެ.
އެ މުއްދަތުގައި އޭނާ ލައްވައި ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރިކުރުވައި އޭނާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފުލުހުން ހާމަކުރި އެވެ. އޭނާގެ ހަށިގަނޑު ބެލިބެލުމުން ފުލުހުންނަށް ފާހަގަކުރެވުނު އަނިޔާތަކުގެ ތެރޭގައި ވާތު ލޮލުގައި ޖެހުމުގެ ސަބަބުން ލޮލަށް ލޭ އަރައި ދުޅަވެ ނޫފައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސާފައިވެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތެޅުމުގެ އަސަރުތައްވެސް ހަށިގަނޑުން ފެނުނުކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރަށް ވާތުގެ ދެވަނަ ބަނދައިން ފެށިގެން ބުރިކޮށްލާފައިވާކަމަށް ފުލުހުން ކިޔައިދިނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މުއްދަތަށް އެ ފަސް މީހުންވެސް ބަންދުކޮށްފައިވެ އެވެ.
މި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ. ނަފާހު ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެ އެވެ. ނަފާހުއާއި ޒަަޔާނަކީ އެމްއެންޑީއެފްގައި މަސައްކަތްކުރަމުންދާ ދެ މީހުންކަން ފުލުހުން ފާހަގަކުރި އެވެ. އަދި އެމްއެންޑީއެފްއިން އެމީހުންނާމެދު ފިޔަވަޅު އަޅަމުންދާކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.
އެ ފަސް މީހުންގެ އިތުރަށް މި މައްސަލާގައި ތިން ކުޑަކުއްޖަކު ޝާމިލުވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި، އެ ކަމުގައި އަޅަނަްޖެހޭ ފިޔަަވަޅުތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހިމެނޭ މީހުން ރަހީނުކުރި މީހާ ގެންގުޅެފައިވަނީ އެ މީހުންގެ ނަމުގައި މާލެއިން ކުއްޔަށް ހިފާފައިވާ ދެ އެޕާޓުމެންޓެއްގައި ފުލުހުން ފާހަގަކުރި އެވެ. އަދި އެ މައްސަލާގައި އެމީހާ ރަހީނުކުރީ މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބެލެވޭ ހެކިތަކާއި ގަރީނާތައް އެޕާޓުމެންޓުތަކުން ފުލުހުން ހޯދާފައިވެ އެވެ.