ފިލްމުގެ ޓްރެއިލާއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މިހާތަނަށް 225 ހާހަށް ވުރެ ގިނަ ވިއުސް ޓްރެއިލާ އަށް ވަނީ ލިބިފަ އެވެ.
ހާމިދު އަލީ ޕްރޮޑިއުސްކޮށް، ކުޅަދާނަ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކޮށްފައިވާ "އުދަބާނީ -2" ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމާ ކުރާނެ އެވެ.
މިއީ 2009 ވަނަ އަހަރު ރިލީޒު ކުރި "އުދަބާނީ" ގެ ދެވަނަ ބައެވެ. ފިލްމުގެ ޓްރެއިލާ މީގެ ހަތަރު ދުވަސް ކުރީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ކުރީން ޓީޒާ ދައްކާލަން ހާއްސަ އިވެންޓެއް ވެސް ބޭއްވި އެވެ.
ފިލްމުގެ ޓްރެއިލާއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މިހާތަނަށް 225 ހާހަށް ވުރެ ގިނަ ވިއުސް ޓްރެއިލާ އަށް ވަނީ ލިބިފަ އެވެ.
މި ފިލްމުގެ ޕްރިމިއާ ނައިޓްގެ ހުރިހާ ޓިކެޓެއް ވަނީ ވިކިފަ އެވެ. މިހާރު 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ޝޯތަކުގެ ޓިކެޓް ދަނީ ވިއްކަމުންނެވެ. ހުކުރު ދުވަހުގެ ރޭ ދެ ޝޯ ދައްކާނެ އެވެ. އެއީ 8:30 ގައި ޝޯ އަކާއި މެންދަމު 12:30 ގައި ޝޯ އެކެވެ.
ފިލްމުގެ ޕްރޮޑިއުސަރު ހާމިދުއާ ޑައިރެކްޓަރު އަމްޖޭ ވެސް ބުނަނީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފަހަރުގެ ބައި ފުރިހަަމަ ވާނެ ކަމަށެވެ. ޓްރެއިލާއާ ޓީޒާ އިން ވެސް އެކަން ބުނެ އެވެ.
އުދަބާނީ އެކަކީ މިހާތަނަށް އުފެއްދި އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. އޮލިމްޕަހު ގައި ހުރިހާ ޝޯއެއް ދެއްކީ ހައުސްފުލް ކޮށެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ދެއްކި އެއް ފިލްމަކީ ވެސް އުދަބާނީ އެވެ. އަދި އޭގެ ފަހުން ދޭތެރެ ދޭތެރެއިން މި ފިލްމު އޮލިމްޕަހު ގައި ދައްކަ އެވެ. އެ ހުރިހާ ޝޯއެއް ވެސް ދެއްކީ ހައުސް ފުލްކޮށެވެ.
ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ މި ވާހަކަ އަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ވެގެން ދިޔަ ވާހަކަ އެވެ. ފިލްމުގެ ފުރަތަމަ ބައިގައި މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އަދި ހާމިދު އަލީ އެވެ.
ފިލްމުގެ މައިގަނޑު ތިން ކެރެކްޓާ އަކީ ލަތާފާ އާއި ލާމިއު އަދި އާދަންފުޅެވެ. މި ބައިގައި ލާމިއުގެ ބައި އަދާކޮށްދީފައި ވަނީ ކުޅަދާނަ އެކްޓަރު އަހްމަދު އީސަ (އާނަންދު) އެެވެ. ލަތާފާގެ ބައި އައިމިނަތު ޝުހާ އެވެ. އަދި އާދަންފުޅުގެ ބައި ހާމިދު އަލީ އެވެ. މީގެ އިތުރުން ނަތާސާ، އަލީ އާޒިމް (ދޮން އައްޔަ) އަލީ ޝަމީލް، މަރިޔަމް ޝަކީލާ، ވަހީދު، ސަހާ، މަރިޔަމް ހަލީމް، އަލީ ފާރޫގު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. މާކުރަތުގަ އެވެ.