ޖަޕާނުގެ މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ޖަޕާނުގައި އުމުރުން 65 އަހރުން މަތީ މީހުންގެ އާބާދީވަނީ 36.25 މިލިއަނަށް އަރާފަ އެވެ. އުމުރުން ދުވަސްވީ މީހުންގެ 25.2 އިންސައްތަ މީހުންނަކީ މަސައްކަތްކުރާ މީހުންނެވެ.
ޖަޕާނުގައި މަސައްކަތްތެރިން މަދުވުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް އެ ގައުމުގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރެކޯޑު އަދަދަކަށް އިތުރުވެފައިވާކަން އާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެގައުމުގެ ދާހިލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރުގެ ނިޔަލަށް އެ ގައުމުގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 9.14 މިލިއަނަށް އަރަ އެވެ.
ޖަޕާނުގެ މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ޖަޕާނުގައި އުމުރުން 65 އަހރުން މަތީ މީހުންގެ އާބާދީވަނީ 36.25 މިލިއަނަށް އަރާފަ އެވެ. އުމުރުން ދުވަސްވީ މީހުންގެ 25.2 އިންސައްތަ މީހުންނަކީ މަސައްކަތްކުރާ މީހުންނެވެ.
ދުވަަސްވީ މީހުންގެ އާބާދީގެ 15.72 މިލިއަން މީހުންނަކީ ފިރިހެނުންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
2022 ވަނަ އަހަރާ އަޅާބަލާއިރު މަސައްކަތްކުރާ ދުވަސްވީ ފިރިހެނުންގެ އާބާދީން 40،000 މީހުންވަނީ މަދުވެފަ އެވެ. ޖުމްލ 5.34 މިލިއަން ދުވަސްވީ ފިރިހެނުން އެގައުމުގައި މަސައްކަތް ކުރެ އެވެ.
ނަމަވެސް 2022 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި އަހަރު މަސައްކަތްކުރި ދުވަސްވީ އަންހެނުންގެ އާބާދީއަށް 50،000 މީހުން އިތުރުވެފައިވެ އެވެ. އެއާއެކު މަސައްކަތްކުރާ އުމުރުން ދުވަސްވީ އަންހެނުންގެ އާބާދީ 3.8 މިލިއަނަށް އަރާފައިވެ އެވެ.
ދުވަސްވީ މީހުންނަށް އިހުތިރާމުކުރުމުގެ ދުވަސް އަންނަ ހޯމަދުވަހު ޖަޕާނުން ފާހަގަކުރާއިރު ނިމުނު އަހަރަކީ ޖަޕާނުގެ ތާރީހުގައި އެ ގައުމުގެ އާބާދީ އެންމެ ބޮޑަށް ދަށްވ އަހަރެވެ. އެގޮތުން ފާއިތުވި އަހަރު އެގައުމުގެ އާބާދީން 861،000 މީހުން މަަދުވެފައިވެ އެވެ.
މި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޖަޕާނުގައި ދުވަސްވީ މީހުންގެ އާބާދީ ބޮޑުވެ މަސައްކަތްކުރާނެ ޒުވާނުން ނެތުމުގެ މައްސަލަ އަންނަނީ ބޮޑޫވަމުންނެވެ.
ޖަޕާނުގެ އާބާދީވަނީ 2022 ގައި 122.4 މިލިއަނުން 2023 121.54 މިލިއަނަށް މަދުވެފައި ކަމަށް މި އަހަރުގެ ޖުލައި މަހު ޖަޕާނުގެ ދާހިލީ ވުޒާރާއިން ބުނެފައިވެ އެވެ.
ނިމުނު އަހަރަޖީ ޖަޕާނުގެ އާބާދީ އަހަރުން އަހަރަށް މަދުވަމުންދާތާ ޖެހިޖެހިގެން 15 ވަނައަށްވީ އަހަރެވެ.