"އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކުރަން،" އަނާރާ ވިދާޅުވި އެވެ.
އަދުލު އިންސާފުގެ ދާއިރާއާމެދު އަލަށް އައްޔަނުކުރާ ޕްރޮސެކިއުޓާ ޖެނެރަލް، އައްބާސް ޝަރީފް ގެންގުޅުއްވަނީ ރަގަޅު ތަސައްވުރެއް ކަމަށާއި، އިންސާފުވެރިކަމާއެކު ނިންމުންތައް ނިންމަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ އޭނާ އިންޓަވިއުކޮށްފަ އެވެ. އިންޓަވިއުއިން ފާސްވުމުން އޭނާ އެ މަގާމަށް އައްޔަނު ކުރަން ކޮމެޓީން ވަނީ ނިންމާފަ އެވެ. އެ ނިންމުން މިއަދު ތަޅުމަށް ހުށަހަޅައި، މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ އައްބާސްއާ އިއްޔެ ސުވާލުކުރުމުން ވަރަށް މުހިންމު ދެ ސުވާލަކަށް ވަރަށް ފުރިހަމަ ޖަވާބެއް ދެއްވާފައިވާ ކަމަށެވެ. އަނާރާ ފާހަގަކުރެއްވި ގޮތުގައި އެއް ސުވާލަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުން ނުވަތަ "ވާނުވާ" ބަންދާމެދު އަމަލު ކުރައްވާނެ ގޮތެވެ.
އެ މުއްދަތު ކުޑަކުރައްވާނެ ކަމަށް އައްބާސް ވިދާޅުވެފައިވާ ކަމަށާއި، އެއީ ވަރަށް ރަގަޅު ތަސައްވުރެއް ކަމަށް އަނާރާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބުމަކީ އެމީހަކަށް އޮންނަ ވަރަށް ގިނަ އެކިއެކި ފުރުސަތައް ވެސް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
އައްބާސާ ކުރެއްވި އަނެއް ސުވާލަކީ، އަނާރާ ވިދާޅުވި ގޮތުގައި ދައުވާ ކުރުމުގައި ހަމަހަމަ ކަމާއި އިންސާފުވެރިވާނަންތޯ އެވެ. މާޒީގައި މީހުންނަށް ދައުވާ ކުރުމުން އެއީ ސިޔާސީ ދައުވާއެއް ކަމަށް ބުނާ އަޑުތައް އިވޭ ކަމަށާއި، އެފަދަ އެއްވެސް ވާހަކައެއް އިވެން ބޭނުން ނުވާ ކަމަށް އަނާރާ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކުރަން އަދުގެ ސަރުކާރުން ވެސް މިހާރު އަދުލު އިންސާފުގެ ދާއިރާ ފުރިހަމަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގަ ޔަގީންކުރަން،" އަނާރާ ވިދާޅުވި އެވެ.
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުން ވަނީ މިހާރު ނިންމާލާފަ އެވެ. އައްބާސް ޕީޖީގެ މަގާމަށް އައްޔަނު ކުރުމަށް ވޯޓަށް އެހުން އޮންނާނީ މިއަދު 11 ޖަހާއިރު އެވެ.