އޮކްޓޫބަރު ހަތްވަނަ ދުވަހު ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމްގެ ޓިކެޓް މާދަމާ ހެނދުނު 10 އަކުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ވިއްކަން ފަށާނެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓްގެ އާ ފިލްމް "ބިބީ" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަން ނިންމައިފި އެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހު ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމްގެ ޓިކެޓް މާދަމާ ހެނދުނު 10 އަކުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ވިއްކަން ފަށާނެ އެވެ. ޑާކްރެއިން އިން ވަނީ އޮންލައިން ކޮށް ބުކިން ހަދާފައިވާ މީހުން އަވަހަށް ޓިކެޓް ނެގުމަށް އެދިފަ އެވެ.
މިއީ ހޮރޯ-ކޮމެޑީ އެކެވެ. ފަސްޓްލޫކުން ފެނިގެން ދަނީ ބިރުވެރި ކަމެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ހެއްވާ/ މަޖާ ކަންތައްތަކަކީ ކޮބައިކަން ބަލައިލަން ޖެހެނީ އިންތިޒާރު ކޮށްލާށެވެ. ދެން މި ފެނުނީ އޮފިޝަލް ޕޯސްޓަރެވެ. ފިލްމަށް އިތުރަށް ޝައުގުވެރި ކުރުވާނެ އެވެ. ފިލްމުގެ ކެރެކްޓާތައް ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ބިރުގަންނަވާލާނެ ކަން ގައިމެވެ. ހެއްވާ ލާނެ ކަން ވެސް ކަށަވަރެވެ. ތަފާތު ސްކްރީންޕްލޭ އަކަށް ވާނެ ކަމީ ވެސް ޔަގީން ކަމެކެވެ.
ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ. މިވަގުތު ކުރަމުން ދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ޑާކްރެއިންގެ ފެންވަރު ގައި ފިލްމު ބެލުންތެރީންނަށް ގެނެސް ދިނުމުގެ މަސައްކަތެވެ.
ޒުވާން ރޭޑިއޯ / ޓީވީ ހުށައެޅުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް އޭނާ އެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ.
ފިލްމުގެ ލީޑް ތަރީންނަކީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު ފަދަ ތަރީން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ހާއްސަ ރޯލަކުން އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.
"މާމުއި" ނަމުގައި މޮޅު ކޮމެޑީއެއް ގެނެސް ދިން ޑާކްރެއިންގެ މި ފިލްމުގެ ކުރީން މި އަހަރު ވަނީ "ފުރޭތަ" ނަމުގައި ވަރަށް ރީތި ފިލްމެއް ގެނެސްދީފަ އެވެ. އެއީ މުޖްތަމައުގައި އޮތް ބޮޑެތި މައްސަލަތަކަށް ހާއްސަކޮށް ގެނެސްދީފައިވާ އެކްޝަން ފިލްމެކެވެ.