މިއަދު ވެސް ވިދާޅުވީ ދަތުރުފުޅަށް އެންމެ މުނާސަބު ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވީ ނަަމަވެސް އެ ދަތުރުފުޅަށް އަދި ރަސްމީ ތާރީހެއް ކަނޑައަޅާފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިންޑިޔާއަށް ވަރަށް އަވަހަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ ތަރުޖަމާން ހީނާ ވަލީދު ބާއްވަވާ ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. އެ ދުވަހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ދަތުރުފުޅަށް އެންމެ މުނާސަބު ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރުން ކަމަށެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އެ ދަތުރުފުޅުގެ ތާރީހާމެދު ސުވާލު ކުރުމުން ހީނާ ވިދާޅުވީ ދަތުރުފުޅުގެ ތާރީހެއް ކަނޑައެޅޭނީ ދެ ގައުމުގެ ވެރީންނަށް ފަސޭހަފުޅު ވަގުތަކަށް ކަމަށެވެ. އިތުުރު ތަފްސީލެއް ނުދެއްވަ އެވެ. މިއަދު ވެސް ވިދާޅުވީ ދަތުރުފުޅަށް އެންމެ މުނާސަބު ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ދަތުރުފުޅުގެ މައިގަނޑު ބޭނުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ހީނާ ވިދާޅުވީ ރާއްޖެ-އިންޑިއާ އަކީ ވަރަށް ގާތް އަދި ހުރިހާ ދާއިރާއަކުން ގުޅުން އޮތް ދެ ގައުމު ކަމުން ދަތުރުފުޅުގެ މަގުސަދާއި ބޭނުން ވަރަށް މުހިންމު ވެފައި ބޮޑު ކަމަށެވެ.
އިންޑިޔާއަށް ރައީސް ވަޑައިގެންފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި މިހާތަނަށް ފުރަމާނަ / ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިޔާއަށް ވަޑައިގެންފައިނުވެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިޔާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިންޑިޔާ-ރާއްޖެ ގުޅުން ހީނަރުވުމަށްފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.