"މިނިސްޓްރީއަށް ރަސްމީކޮށް ތިކަން [ޕީއެސްއެއްގެ މައްސަލަ] އެނގިފައެއް ނެތް. އަޅުގަނޑާ ހަމައަށް ތިކަމާބެހޭ އެއްވެސް މައްސަލައެއް ހުށައެޅިފައެއް ނެތް،"
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހިމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ ނަމަވެސް އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައި ނެތް ކަމަށް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ 22 މުވައްޒިފަކު ސޮއިކޮށް އާތިކާގެ މައްސަލަ ސީއެސްސީއަށް ހުށައެޅުމުން އެ ކޮމިޝަނުން ދަނީ މައްސަލަ ބަލަމުންނެވެ. މުވައްޒިފުން ވަނީ ވަރަށް ސީރިއަސް ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފަ އެވެ.
އެ ގޮތުން އެއް ލެވެލްއެއް ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތް ހަވާލުކުރުމުގައި ތަފާތުކޮށް ވަކިވަކި މުވައްޒަފުންނަށް އިސްކަން ދިނުމާއި ވަކިވަކި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލުމާއި އޮފީހުގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ މުވައްޒަފުން ފިޔަވާ އެހެން މީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތްތަކުގައި ބައިވެރި ކުރުމާއި އިސްލާމްދީނުގެ ހަމަތަކާއި ދިވެހިންގެ ރީތި އާދަތަކާއި ސަގާފަތަށް ބުރޫއަރާ ގޮތަށް އޮފީހުގެ އެހެން ބައެއް މުވައްޒަފުންގެ ސިފަ އާއި ބުރުސޫރައަށް މަލާމާތް ރައްދުވާ ގޮތަށް ނެތިމޮށުމާއި ފުރައްސާރަ ކުރުމުގެ އިތުރުން މުވައްޒަފުންނަށް ކުރެވޭ ކަހަލަ ބައެއް މަސައްކަތް ހަވާލުނުކޮށް ބޭރުން މީހުން ގެނެސްގެން ކުރުވުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށައެޅިފައި ނެތް ކަަމަށެވެ.
"މިނިސްޓްރީއަށް ރަސްމީކޮށް ތިކަން [ޕީއެސްއެއްގެ މައްސަލަ] އެނގިފައެއް ނެތް. އަޅުގަނޑާ ހަމައަށް ތިކަމާބެހޭ އެއްވެސް މައްސަލައެއް ހުށައެޅިފައެއް ނެތް،"
އަދި އާތިކާއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ މަސައްކަތަށް ފަރުވާތެރި / ހަވާލު ކުރެވޭ ކޮންމެ މަސައްކަތެއް ގަޑިއަށް ނިންމާ މުވައްޒިފެއް ކަމަށެވެ.
ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މިނިސްޓްރީއެއް ކަމަށާ ވަރަށް ޒިންމާދާރުކޮށް މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒިފުން ތިބި މިނިސްޓްރީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.