ނުފޫޒަކަށް ނުލެނބޭނަން، މޫނަކަށް ކަނދުރާއަކަށް ނުބަލާނަން: އައްބާސް

"ހަމަ އެ ސްޕިރިޓްގަ އަޅުގަނޑު ކުރިމަތިލާފަ މިހުރީ. އަޅުގަނޑު ގަބޫލުކުރަން ރިއަލިޓީއަކީ ފޯނު އަންނާނެ، ބައްދަލުކުރަން ވެސް ބޭނުންވާނެ. އެއީ ދިވެހިން ވީމަކާއެއް ނޫން، މުޅި ދުނިޔޭގަ ވެސް އެކަން ހިނގާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާ އައްބާސް ޝަރީފް މިއަދު ޖުޑިޝަރީ ކޮމެޓީގައި --

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވާނީ ޒިންމާދާރު ކަމާއި ނަޒާހަތްތެރިކަމާއެކުގައި ކަމަށާއި އެއްވެސް ދިމާލަކުން އަންނަ އެއްވެސް ނުފޫޒަކަށް ލެނބިވަޑައިނުގަންނަވާނެ ކަމަށް އެ މަގާމަށް ކުރިމަތި ލައްވާފައިވާ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޖީގެ މަގާމު ހުސްވުމާއެކު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އައްބާސްގެ ނަންފުޅެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން، މިއަދު ވަނީ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފަ އެވެ.

އިންޓަވިއުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ އެއްވެސް ފަރާތެއްގެ އެންގެވުމަކާއެކުގައި ނޫން ކަމަށެވެ. މަގާމަށް ކުރިމަތި ލެއްވީ އަމިއްލައަށް ކަމަށާއި، މީހުންނަށް އެނގުނީ ޕޮލިސް ރެކޯޑު ސާފުކުރަން ހުށަހެޅުމުން ކަމަށެވެ. އޭގައި އެއްވެސް ސިޔާސީ ފަރާތެއްގެ އަތެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަގާމުގައި ހުންނަވާއިރު ނުފޫޒެއް އައިސްފިނަމަ ކަން ކުރައްވާނެ ގޮތާ ގުޅޭ ގޮތުން ވެސް މެންބަރުން ވަނީ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ އޭނާއަކީ ގާތްގަނޑަކަށް ފަސް އަހަރު ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، މިހާތަނަށް އޭނާގެ އެއްވެސް އެފަދަ އަޑެއް އަރާފައި ނުވާނެ ކަމަށެވެ.

އޭރު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި ސިޔާސީ ބޭފުޅުންގެ ބޮޑެތި މައްސަލަތަކާއި ކުޑުގެ ބޮޑެތި މައްސަލަތައް ބަލައި ހުކުމްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު ވެސް އެކި ފަރާތްތަކުން ގުޅައިގެން ނުފޫޒު ފޯރުވުމާއި އަދި މަގު މަތިން ވެސް ދިމާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މައްސަލަތައް ނިމިގެން ދިޔައިރު އޭގެއިން އެއްވެސް ބިރަކަށް ނުފޫޒަކަށް އަޅުގަނޑުގެ ފަރާތުން ލެނބިފައެއް ނުހުންނާނެ. ލެނބިފަ ނެތްކަން އަޅުގަނޑު މި ދަންނަވަނީ، އެދުވަހު އަޅުގަނޑު މައްސަލައިގެ ހުކުމްކޮށްފަ، އަޅުގަނޑު ރިޓަޔާކޮށްފަ އަޅުގަނޑު މިއަދާ ހަމައަށް ވެސް މިއުޅެނީ، އަޅުގަނޑަކަށް އެނގިގެންނެއް އަޅުގަނޑު މިވެނި ގޮތަކަށް އެވެނި ގޮތަކަށް ކަންކުރި ވާހަކައެއް އަދި މިހާތަނަކަށް އެއްވެސް ފަރާތަކުން ދައްކާފައެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން --

އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް ވެސް ކުރިމަތިލެއްވީ ހަމަ އެ ޖޯޝުގައި ކަމަށެވެ. ނުފޫޒުގެ ކޯލުތައް އަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކޯލަކަށް ނުލެނބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މައްސަލަތަކުގައި ގޮތް ނިންމާއިރު "މޫނަކަށް ކަނދުރާއަކަށް" ނުބައްލަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ހަމަ އެ ސްޕިރިޓްގަ އަޅުގަނޑު ކުރިމަތިލާފަ މިހުރީ. އަޅުގަނޑު ގަބޫލުކުރަން ރިއަލިޓީއަކީ ފޯނު އަންނާނެ، ބައްދަލުކުރަން ވެސް ބޭނުންވާނެ. އެއީ ދިވެހިން ވީމަކާއެއް ނޫން، މުޅި ދުނިޔޭގަ ވެސް އެކަން ހިނގާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް އިތުރަށް ވިދާޅުވީ ނުފޫޒާއި ޕްރެޝަރު ބޮޑުވެގެން މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ވެސް ނުގެންގުޅުއްވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެއްވީ ވަރަށް ކެރިގެން ކަމަށާއި، އެފަދަ ކަންކަމާ ކުރިމަތިލާން ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އައްބާސް ޕީޖީ ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް އިސްތިއުފާ ދެއްވުމުންނެވެ. ޝަމީމް އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރަން މަޖިލީހަށް ހުށަހެޅުމުންނެވެ. 

އައްބާސްގެ ތައާރަފެއް - ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައި ވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.