އެސްޓީއޯއިން ދަނީ ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެނަކަ އާއި އެސްޓީއޯ އެއްކޮށްލުމާއެކު ފެނަކަ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އާއި ބޯޑަށް ސީއެފްއޯ މުހައްމަދު ނިޒާމް އާއި އަހުމަދު މާޒިން އައްޔަންކޮށްފި އެވެ.
ފެނަކަ އާއި އެސްޓީއޯ އެއްކޮށްލުމާއެކު ސަރުކާރުން ދަނީ މިދެ ކުންފުނި އެއްކޮށް މަސައްކަތް ކުރާނެ ގިނަ ޕްލޭންތަކެއް ހަދަމުންނެވެ. މި ބަދަލާއެކު ފެނަކައިގެ ހިންގުން ހަރުދަނާވެ ފައިދާވާ ކުންފުންޏަކަށް ބަދަލުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެސްޓީއޯ އިން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅައި ފެނަކަ ކޯޕަރޭޝަން ސަބްސިޑަރީއެއްގެ ގޮތުގައި ހެދުމާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ އެ ކުންފުނިން ދެކޭ ގޮތުގައި އެސްޓީއޯ އާއި ފެނަކަ ގުޅުމާއެކު އިތުރު ފުރުސަތުތަކެއް އުފެދިގެން ދާނެ ކަމަށް ދެކެވަޑައިގަންވަ އެވެ.
"އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުނި. ފެނަކައަކީ އެންމެ ގިނަ ރަށްރަށުގައި ކަރަންޓު އުފައްދާ ކުންފުނި. ހާއްސަކޮށް ޑީސަލް. އެހެންވެ ފެނަކައާއި އެސްޓީއޯއާ ގުޅުމުން ސިނާޖީއެއް އުފެދިގެންދާނެ، މުސްތަގުބަލުގައި ފޮސިލް ފިއުލް މަދު ކުރުން. މި ގުޅުމާއެކު ރިނިއުބަލް އެނާޖީއަށް ދިއުން. އެއީ ވިންޑްކަމަށް ވިޔަސް ނޫނީ ވޭވް ކަމަށް ވިޔަސް،" ޝިމާދު ވިދާޅުވި އެވެ
ފެނަކައަކީ މި ވަގުތު ސަރުކާރު ކުންފުންޏެއްގެ ގޮތުން އެންމެ ބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި 4.3 ބިލިއަން ރުފިޔާގައި ހުރިއިރު އެސްޓީއޯގެ ދަރަނި ދެ ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ދަރަނި އަދާ ކުރުން ނުވަތަ ސޯލް ކުރުމަށް ގެންގުޅޭ ޕްލޭންތަކާ ބެހޭ ގޮތުން "މިރާ" އިން ނޫސް ކޮންފަރެންސުގައި ކުރި ސުވާލަކާ ގުޅިގެން އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި ފެނަކައިގައި އޮތް އެސްޓީއޯގެ ދަރަނި މަތިވެގެން ދިޔައީ އެ ކުންފުނިން ވަކި ހިސާބުން ފައިސާ ދެއްކުން ހުއްޓާލުމުން ކަމަށާ ނަމަވެސް މިހާރުގެ ފެނަކައިގެ މެނޭޖުމަންޓާ ހަމައިން އެ ދަރަނި އިތުރުވުން ވަނީ މަޑު ޖެހިފަ އެވެ.