ސީ ޓު އެއާ ކާގޯ | ބާރު ބޮޑުވެ ސިނާއަތެއްގެ ގޮތުގައި އުފެދެނީ

ދުނިޔޭގެ ބޮޑެތި ފެކްޓަރީތަކުން ޔޫރަޕަށް ގެންދަން ޖެހޭ މުދާ ރާއްޖެ ގެނެސް ވައިގެ މަގުން މިހާރު ދަނީ ބޭރު ކުރަމުންނެވެ.

ރާއްޖެއަށް ކަނޑުގެ މަގުން އައި މުދާ ގަތަރު އެއާވޭސްގެ ކާގޯ އެއާލައިންނަށް ލޯޑު ކުރަނީ -- އޭސް އޭވިއޭޝަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ފެށި ކަނޑުގެ މަގުން ގެންނަ މުދާ ވައިގެ މަގުން ބޭރު ކުރުމުގެ ވިޔަފާރި ސީޓު އެއާ ކާގޯގެ ހިދުމަތަށް އޮތް ލޯޑު ބޮޑުވެ، ބޮޑު ސިނާއަތަކަށް ބަދަލުވާން ފަށައިފި އެވެ.

ބޭރުގެ އެއާލައިންތަކުން ފަށަން ޒަމާނުއްސުރެން ފެށިގެން އެދެމުން ދިޔަނަމަވެސް ނުފެށި އޮތް މި ހިދުމަތް ރާއްޖޭގައި ފެށިގެން ގޮސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމްޕީއެލް އިން މި ހިދުމަތް ފަށަން އެންމެ ފުރަތަމަ ސޮއިކުރީ ޓާކިޝް އެއާލައިންއާއެކުގަ އެވެ. އަދި ފަހުން އެމްޕީއެލް އިން ވަނީ ގަތަރު އެއާވޭސްއާއެކު ވެސް ސޮއިކޮށްފަ އެވެ.

އެމްޕީއެލް އިން އެންމެ ފަހުން މި ހިދުމަތް ދޭން ސޮއިކުރި ގަތަރު އެއާވޭސްގެ ޖެނެރަލް ސޭލްސް އެޖެންޑް އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ބޭރު ކުރުމަށް އޮތް ޑިމާންޑް ބޮޑު ކަމަށާ ކުރިއަށް އޮތް ދެ ދުވަހު 40 ފޫޓުގެ ހަތް ކޮންޓެއިނަރުގެ މުދާ ބޭރު ކުރަން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"ޖެހެނީ ވަގުތުގެ ފައިދާ ނަގަން. މިއީ އެވަގުތު. އެމްޕީއެލްގެ އެމްޑީ [ވަޖިހު] ގެ އިސް ނެންގުވުމަކަށް ފެށި ވަރަށް ރަނގަޅު ކަމެއް މިއީ. މިހާތަނަށް މިކަން ކުރަން ވާހަކަ ދެއްކިޔަސް ނުކުރެވި އޮތީ. އެންމެފަހުން މި ފޮނުވީ 1،000 ސީބީއެމްގެ މުދާ،" އިނަ މޯލްޑިވްސް ފިރާގު ވިދާޅުވި އެވެ.

ދެ ދުވަހުގެ ތެރޭ ހަތް ކޮންޓެއިނަރު ވައިގެ މަގުން ބޭރަށް

އެމްޕީއެލް އާއި އެމްއޭސީއެލްގެ މުވައްޒަފުން ސީޓު އެއާ މުދާ ބޭރު ކުރުމުގައި

ފިރާގު ވިދާޅުވި ގޮތުގައި މިވަގުތު އޮތް ގޮންޖެހުމަކީ ރާއްޖޭގައި ކޮންޓެއިނާ ސްކޭން ކުރުމުގައި ހުރި ވަސީލަތްތައް މަދުކަން ކަމަށާ އެކަން އެމްއޭސީއެލް އިން ޖެނުއަރީ މަހު ރަނގަޅު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"މިކަން މިކުރަނީ އެމްޕީއެލް އާއި އެމްއޭސީއެލް ކޯޑިނޭޓްކޮށްގެން. ކޮލަމްބޯއަކީ މެއިން ލައިނާއިން މުދާ އައުމުން އެމްއެސްއެސް [ސަރުކާރު ބޯޓު ކުންފުނި] އިން މުދާ ރާއްޖެ ގެނެސްދެނީ. ގެންނައިރު ވައިގެ މަގުން ފޮނުވާ މުދާ މި ހުންނަނީ މަތީގަ. އެހެންވެ އަންނަތަކުން އެ ވަގުތުން ބާލައިގެން ވައިގެ މަގުން ޔޫރަޕަށް ފޮނުވާލަނީ،" ފިރާގު ވިދާޅުވި އެވެ.

އިންސެންޓިވް ދީގެން އެހެން އެއާޕޯޓެއްގައި ފެށިދާނެ

އެމްޕީއެލްގެ ސީއީއޯ ވަޖީހުއާއި އިސްވެރިން ކާގޯ ކްލިއަރެންސް މަސައްކަތުގައި

އެއާ ކާގޯގެ ވިޔަފާރީގައި ތަޖުރިބާ ތަކެއް ހޯއްދަވާފައިވާ ފިރާގު ވިދާޅުވީ ރާއްޖެ އަންނަ މުދަލަކީ ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ފެކްޓްރީތަކުން ޔޫރަޕަށް ފޮނުވަން ޖެހޭ މުދަލެވެ. އަދި މި ވިޔަފާރީގެ ސަބަބުން އެމްޕީއެލް އާއި ގުޅުންހުރި ފަރާތް ތަކަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި ވައިގެ މަގުން މުދާ ޓްރާންސިޓް ކުރުމުގެ ވިޔަފާރި ފެށިފައިވާއިރު، ފިރާގު ވިދާޅުވި ގޮތުގައި ސަރުކާރުން މިކަން ތަރައްގީ ކުރަން ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ވަސީލަތް ގާއިމް ކުރެވިދާނެ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ އަންނަ އެއާލައިންތައްވެސް އިތުރު ވެގެންދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ. 

"ވީއައިއޭގައި ވަރަށް ލޯޑު ބޮޑު. އެހެންވެ ޖާގަ ހުރި އެއާޕޯޓެއްގައި މިކަން ކުރެއްވިއްޖެނަމަ ކާގޯ އެއާލައިންތައްވެސް ގެނެވޭނެ. އެހެން ތަނެއްގައި އިތުރު އިންސެންޓިވްތަކެއް ދީގެން މި ވިޔަފާރި ވަރަށް ފުޅާ ކުރެވިދާނެ،" ފިރާގު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.