ދަރަނި އަދާނުކުރެވިގެން އައިއެމްއެފްގެ ބެއިލްއައުޓަކަށް ރާއްޖެއަށް ބޭނުންނުޖެހޭނެ: ޒަމީރު

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަކީ ވަގުތީކަމެއް ކަމުގައި ސިފަކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބޭރުގެ ދަރަނި އަދާނުކުރެވިގެން އައިއެމްއެފްގެ އެހީތެރިކަން ހޯދަންޖެހޭނެ ފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިނުވާ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ ބޭރުގެ ދަރަނި އަދާނުކުރެވިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ބެއިލްއައުޓް ޕްރޮގުރާމެއްގައި ރާއްޖެއިން ބައިވެރިވާންޖެހޭ ހިސާބަށް ކަންކަން ނުދާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުން ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ރާއްޖެއިން ނަގާފައިވާ ސުކޫކު އަދާނުކުރެވިދާނެކަމުގެ ކަންބޮޑުވުން ބޭރުގެ ބައެއް މީޑިޔާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. ސުކޫކުގެ އަގުހެޔޮވުމާއެކު ބައެއް އިންވެސްޓަރުން ސުކޫކު ވިއްކައިލަމުންދާކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. 

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅޭ ގޮތުން "ފްރާންސް-24"އިން ގެނެސްދީފައިވާ ރިޕޯޓަކަށް ދެއްވި ބަސްދީގަތުމެއްގައި ހާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވަނީ ވަގުތީ ދަތިކަމެއް ކަމަށެވެ. އެހެންކަމުން މިވަގުތު ރާއްޖެއިން އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ޒަމީރު ވިދާޅުވީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އެކުވެރި ދޭދޭ ގައުމުތަކުން ރާއްޖޭގެ ބޭނުންތަކަށް ރިއާޔަތްކުރަމުންދާ ކަމަށެވެ. 

ޓެކުހަށް ގެންނަ އިސްލާހުތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުމުން ސަރުކާރަށް ކުރިމަތިވެފައިވާ ލިކުއިޑިޓީ ނުވަތަ ފައިސާ ނެތުމުގެ ދަތިކަމަށް ލުއިތަކެއް ހޯދި މައްސަލަ ހައްލުކުރެވޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އިންޑިޔާއާއި ރާއްޖޭގެ ގުޅުމާމެދުވެސް ޒަމީރުވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވެރިކަން ފެށުނުއިރު އިންޑިޔާ ރާއްޖެ ގުޅުމުގައި ކުނިޖެހިފައި ހުރި ނަމަވެސް އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމާއެކު މިހާރު ދެ ގައުމުގެ ގުޅުން ހަރުދަނާކުރެވި ގޯސްކޮށް ވިސްނިފައި ހުރި ކަންކަން ރަނގަޅުކުރެވިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނާ ޗައިނާ އަދި އިންޑިޔާއާވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް. ދެ ގައުމުންވެސް އަންނަނީ އަޅުގަނޑުމެންނަށް އެހީތެރިވަމުން،" ޒަމީރު ވިދާޅުވި އެވެ. 

މިވަގުތު ޒަމީރު ހުންނެވީ ލަންކާގައި ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގާއެކު ކުރައްވާ ދަތުރުފުޅެއްގަ އެވެ. މި ދަތުރުފުޅުގައި އެގައުމުގެ މަރުކަޒީ ބޭންކުގެ އޮފިޝަލުންނާއި އެހެނިހެން މަސްއޫލުވެރިންނާ ބައްދަލުކުރައްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.