ރީތި ކުރެހުންތަކާއި އައިހެވަންގެ ފެއިލިއާ | މި ޖެހެނީ ހަގީގީ ކުލަ

ރާއްޖެ އޮތް ސަރަހައްދުގެ ވިޔަފާރީގެ ފައިދާ ނަގަން ރައީސް ނާސިރުވެސް ވިސްނުމެއް ފުޅެއް ގެންގުޅުއްވި އެވެ. އޭގެފަހުން ހިސާބު ޖަހައި ކުރެހުންތައް ކުރެހި އެވެ. އެކަމަކު ޖިއޯ ޕޮލިޓިކްސްގެ ބާރުގަދަ އަތްތަކުން މަސައްކަތް ކުރުވިޔަ ނުދިނީ އެވެ.

ރާއްޖެ އޮތް ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުތައް

ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމާއި ރާއްޖެ އަށް އޮތް ވިޔަފާރީގެ ބޮޑު ފުރުސަތުގެ ބޭނުން ހިއްޕެވުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް އިބްރާހިން ނާސިރު އެވެ. އެއީ މީގެ ބައި ގަރުނު ކުރީގަ އެވެ. ރާއްޖެ އުފެދިފައިވާ ސަަރަހައްދުގެ ސްޓްޓެޖިކް ފައިދާ ނެގުމުގެ ވާހަކަ ދައްކާތާ އެތައް ޒަމާނެއްވެއްޖެ އެވެ. ރާއްޖެ ސަރަހައްދުން ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ އެތައް ސަތޭކަ އާގު ބޯޓެއް ހުރަސް ކުރެ އެވެ. މި ސަރަހައްދުން ދާ ކަނޑުގެ އެތައް އުޅަނދެއް އެތައް ބޭނުންތަކުގައި ރާއްޖޭގައި ކަންކަމު އެދެ އެވެ. އެކަމަކު މި ފުރުސަތު މިހާތަނަށް ވެފައި އޮތީ ދެކުނު މަސްވެރިންނަށް ކޮންމެ ދުވަހު ރާއްޖެ ސަރަހައްދުން ނިކުމެގެންދާ ބިޔަ އާގު ބޯޓުތައް ފެނުންނޫން މޮޅެއް ނެތް ކަމަށަށެވެ. މިކަމުގައި ހަގީގީ ކުލަ ޖެއްސޭނެ ވެރިއަކު މިހާތަނަށް ރާއްޖެ އައިސްފައެއް ނެތެވެ. ރާއްޖެއަށް ޓްރާންޝިޕްމަންޓް ވިޔަފާރި އާއި ބަންކަރިންގެ އާއި ގުޅުންހުރި ކަނޑުދަތުރުގެ ސިނާއަތުން ކިތަންމެ މަންފާއެއް ނެގެން އޮތަސް މިހާތަނަށް މި ވާހަކަ އޮތި ކަރުދާހުގަ އެވެ. 

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ 30 އަހަރު ވެސް ދެއްކީ މި ވާހަކަ އެވެ. އޭގެފަހުން އައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ ކުރުވެރިކަމުގައިވެސް މިވާހަކަ ދެއްކި އެވެ. އަދި އޭގެފަހުން ފަސް އަހަރު ފުރިހަމަ ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މި މަސައްކަތް ކުރެއްވި އެވެ. އެ ވެރިކަމުގައި "އައިހެވަން" ގެ ނަމުގައި މާސިންގާ މަޝްރޫއެއް އިއުލާނުކޮށް ކުރި އެއްވެސް މަސައްކަތެއްގައި ހަގީގީ ކުލަ ޖެހޭ ގޮތެއް ނުވި އެވެ. އެކަމަކު ޖިއޯޕޮލިޓިކްގެ ތެރޭގައި ފިތި ކަރަށް ބާރުވެގެން އެކަން ފެއިލްވީ އެވެ. އެކަމަށް ދިރާސާ ތަކެއް ކުރި ނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި އެކަން ކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. 

އެ ސްކޭލްގައި އެކަން ކުރަން ރާއްޖެއަށް ފީޒިބަލް ނޫންކަން ދިރާސާ ތަކުން އެނގޭ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސާފު ބަހުން ވިދާޅުވެފައި އެވެ. އޭގެފަހުން ކެމްޕޭންއާ ދިމާކޮށް ބަންކަރިންގެ ޕޯޓެއްގެ ފޮޓޯ ތަކެއް ދައްކައި ދުބާއީ ބަޔަކާއެކު ސޮޔެއް އެޅިޔަސް ފައްޔާޒުގެ އެ ވާހަކަފުޅާއެކު ދިވެހިން ހިތްމަރާލި އެވެ. ސަބަބަކީ އެ ދުވަހު މިނިސްޓަރު ފައްޔާޒުގެ ވާހަކައިން ދޭހަވިމާނައަކީ ރާއްޖެ އަށް މިހާރު މި ވިޔަފާރީގައި ކުރިއަށް ދާން ފުރުސަތެއް ނެތެވެ. 

ފައްޔާޒު ވިދާޅުވީ އައިހެވަންއަކީ ފެއިލިއާއެއް ކަމަށް

ކުރީގެ ރައިސް ސޯލިހު އަދި އޭރުގެ މިނިސްޓަރު ފައްޔާޒު

އެކަމަކު ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ހިންގުމާ ހަވާލުވެވަޑައިގަތުމާއެކު އަނެއްކާ ވެސް މީގެ ހަތް އަހަރު މި މަޝްރޫއާމެދު ދެއްކި ފަދަ އުންމީދީ މަންޒަރުތަކެއް ދައްކަން ފެށި އެވެ. އެކަމަކު މި ފަހަރު ތަފާތެވެ. ތަފާތަކީ އަމަލީ ގޮތުން މަސައްކަތް ކުރާކަން ފެންނަ ފެށުމެވެ. ހުސް ވާހަކަ އާއި އައިހެވަންގެ ބޮޑު ފެއިލާ އަށް ފަހު ރާއްޖޭގައި ބަންކަރިންގެ މަސައްކަތް ފަށަން ދިރުން ހުރި މަސައްކަތް ފެށޭތަން މިހާރު މިވަނީ ފެންނަން ފަށާފަ އެވެ. ކުރިން "އައިހެން" މަަޝްރޫއު ފެއިލްވި އިހަވަންދިއްޕޮޅުގެ ހޯރަފުށީ ފަރުކައިރިން ބަންކަރިންގެ ވިޔަފާރި އަށް ރާއްޖެ ނުކުންނައިރު މިކަމުގައި އުންމީދުގެ ހުޅުކޮޅެއް ފެންނަން އެބައޮތެވެ. 

"ބައެއް ބޭފުޅުން ބުނާތީ އަޑުއިވޭ ކިހިނެއްހޭ ތިހެން ތިޔަކަން [ބަންކަރިން] ފަށާނީ؟ އަޅުގަނޑު ބުނެލަން އޮތީ އަޅުގަނޑުމެން 1980 ގެ ކުރީކޮޅު ސިންގަޕޫރަށް ދިޔައިރު އެ ބޭފުޅުން ވެސް މި މަސައްކަތް ފެށީ ވަރަށް ކުޑަކޮށޭ. ކުދިކުދި ލަކުޑި ބޯޓުގައި އެކަންކުރީ. އެހެންވީމަ އެއްގޮތަކަށް ވެސް ހިތް މަރުވާކަށް ނުޖެހޭ. މީގައި ރަނގަޅު ޕްލޭންތަކާއެކު ސްޓޭންޑަޑްތަކާއެކު ފެށީމަ ދާނީ ކުރިއަށް،" ރާއްޖޭގައި ހުރި މެރިޓައިމް ދާއިރާގެ އެންމެ މަޝްހޫރު އެއް ކެޕްޓަން އަދި ބޭރުގައި ގިނަ ތަޖުރިބާ ތަކެއް ހޯއްދަވާފައިވާ މުހައްމަދު ޝަރީފް (ސެންކޯ ޝަރީފު) ވިދާޅުވި އެވެ. 

ވިޓޯލްގެ ތަޖުރިބާއަކީ އެންމެ ބޮޑު ޔަގީންކަން

ވިޓޯލްއާއެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައ އިކޮނޮމިކް މިނިސްޓަރު ސައީދު އަދި ވިޓޯލްގެ އިސްވެރިއެއް

ރާއްޖޭން ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުން އެންމެ ފުރަތަމަ ކުރިކަމަކީ މިކަމުގައި ދެވަނަ ފަރާތަކަށް ސުވާލު ނުއުފެއްދޭނެ ބަޔަކާ މިކަން އިސްތިހާރުކޮށް ޕްރޮމޯޓް ކުރަން ހަވާލުކުރުމެވެ. މިކަމަށް ނަގާފައިވަނީ ދުނިޔޭގެ ބަންކަރިން ވިޔަފާރީގެ އެންމެ ބޮޑު ކުންފުނި ވިޓޯލް އެވެ. އެ ކުންފުންޏާއި އެސްޓީއޯ އިން ސޮއިކުރި ހިސާބުން ވިޓޯލްގެ ބަންކަރިންގެ ޗާޓުގައި ރާއްޖެ ހިމެނި އެވެ. ރާއްޖެ ވިޓޯލްގެ ބަންކަރިންގެ ޗާޓުގައި ހިމެނުމުން މާނަައަކީ މިކަމުގެ އެއް ފިޔަވަޅު އެޅުނީ އެވެ. އޭގެފަހުން އެސްޓީއޯ އިން ވަނީ  މި މަސައްކަތް ފަށަން އާގު ބޯޓު ފަހަރަށް ތެޔޮ އަޅަން ދެ ބޯޓު ވެސް ގެނެސްފަ އެވެ. މިއާއެކު ވަށައިގެންވާ ހިދުމަތްތައް ދޭން އެމްޕީއެލް އިން ވަނީ ފުރިހަމަަ އަށް ތައްޔާރުވެފަ އެވެ. އެކަމަށްޓަކައި ހޯރަފުށީގައި ވަނީ ޕޯޓް ފެސިލިޓީ ގާއިމްކޮށްފަ އެވެ. ސިފައިންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް އަދި ޕޯޓު ހެލްތުގެ ފެސިލިޓީ ވަނީ ހަދާފަ އެވެ. 

މިކަން ފަށައިގަންނަން ރާއްޖޭގައި ގޮންޖެހުންތަކެއް ހުއްޓަސް މިއަދު ފަށައިގެންފިނަމަ އޭގެ މަންފާ މާދަމާ ނޫނީ އަނެއް ދުވަހުން ލިބެން ފަށާނެކަން ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގެ އެވެ. މެރިޓައިމްގެ ވިޔަފާރިއަކީ ހީވެސް ނުކުރާ ވަރުގެ ސްކޯޕެއްގައި ކުރެވެން އޮތް ކަމަށްވާއިރު މިކަމުން އިތުރު އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ބަންކަރިން ފަށައި ގަންނަ ސަރުކާރުން ހިސާބު ޖަހާފައިވަނީ މި ސަރަހައްދުން ދުވާލަކު 350 އެއްހާ ބޯޓު ދަތުރުކުރާއިރު މީގެ އެއް ޕަސެންޓު ލިބޭނެ ކަމަށެވެ. ސަރުކާރުގެ އަންދާޒާއަކީ ފަށާތާ އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި އެމްޕީއެލް އިން ވަނީ ބަންކަރިން ފަށައިގަންނަން ގިނަ ހިދުމަތްތަކެއް ދޭން ތައްޔާރުވެފަ އެވެ. މި ވިޔަފާރިއަކީ ހަމައެކަނި މި ސަރަހައްދުން 

އޮފްޝޯކޮށް ފަށަން ވަސީލަތް ހަމަވެފަ

ބަންކަރިންގެ ވަސީލަތްތުގެ ވެބްސައިޓް ލޯންޗް ކުރަނީ -- އެމްޕީއެލް

އެމްޕީއެލް އިން ވަނީ ބަންކަރިންގެ ވަށައިގެން އަންނަ ހިދުމަތްތަކަށް ހިދުމަތްދޭން އެ ކުންފުނިން ހަމައެކަނި އުޅުމުގެ ބަދަލުގައި ޕްރައިވެޓް ސެކްޓާއާއެކު ފަށައިގަންނާނެ ކަމަށް ބުނެފަ އެވެ. އެ ކުންފުނީގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި އިގްތިސޯދު ރަނގަޅު ވެގެންދާނީ ހަމައެކަނި ސަރުކާރު ކުންފުނިތައް މިކަމުގައި އުޅުމުގެ ބަދަލުގައި ޕްރައިވެޓް ސެކްޓާ ބައިވެރިކޮށްގެންނެވެ. އެހެންވެ އެ ކުންފުނީގެ މުޅި ޕްލޭން ރާވާފައިވަނީ އެގޮތަށެވެ. މިހާރު ވެސް އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ބަންކަރިންގެ ހިދުމަތްދެ އެވެ. އެކަމަކު މި ހިދުމަތް ދެނީ ބަންކަރިންއަށް އެދިއްޖެނަމަ އަވަށްޓެރި ސްރީލަންކާ އިން ބޯޓު ފަހަރު ރާއްޖެ ގެނެސްގެންނެވެ. 

"ބަންކަރިންގެ ހުރިހާ މުއާމަލާތްތަކެއް ހިންގިގެންދާނީ ބޭރު ފައިސާއިން. ހަމައެކަނި ތެޔޮ ބަންކަރިންއިން އަހަރަކު 400 މިލިއަން ޑޮލަރުގެ އިތުރުން ގިނަ ކަންތައްތަކެއް ހިމެނޭ. މީގެ ބައެއް ކަންތައްތަކުގެ ތެރޭގައި އަމިއްލަ ފަރާތްތައް ހިމެނޭނެ،" 

އެމްޕީއެލްގެ ވަޖީހު ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި އޯފްޝޯ ބަންކަރިން ފެށުމަށްޓަކައި ބަންކަރިންގ 2 ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ތައްޔާރީތައް ވަނީ ފުރިހަމަވެފަ އެވެ. މިފަދަ އިންޓަނޭޝަނަލް ހިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) އުލިގަމްގައި ގާއިމްކޮށް ނިމި ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފުން ކުރިއަށްގެންދާ ސެކިއުރިޓީގެ މަސައްކަތްތަކަށް މިތަން ވަނީ ފައްކާކޮށްފަ އެވެ. 

ބަންކަރިންގެ ހިދުމަތް ކަނޑުމަތީގައި ހިދުމަތްދޭ ގޮތަށް ފެށުމާއެކު ދެން ކުރަން ޖެހޭ ކަމަކީ ހަގީގީ ވަސީލަތް އެއްގަމުގައި ގާއިމް ކުރުމެވެ. އޮފްޝޯވްކޮށް ދޭއިރު ކަނޑުމަތީގައި ކުރިނަމަވެސް ބަނދަރު ހަދައި ތެޔޮ ތާންހިތައް އެއްގަމުގައި ގާއިމް ކުރާ ހިސާބުން މި ވިޔަފާރި އެހެން ލެވަލް އަކަށް ދާނެ އެވެ. މިއާއެކު ބޯޓު ފަހަރުގައި މަރާމާތު ކުރަން ޖެހޭ ކުދިކުދި މަރާމާތު ކުރުން ވެސް ފެށިގެންދާނެ އެވެ. އަދި ކުރޫއިން ބަދަލު ކުރުމަކީ ވެސް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެކެވެ. އެހެންވެ މިކަން ފެށިގެން އައުމާއެކު މި ވިޔަފާރި އިހަވަންދިއްޕޮޅަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. ހަގީގަތުގައި މެރިޓައިމްގެ މި ވިޔަފާރީގައި ކޮންމެ ކަމަކީ ވެސް އެތައް މިލިއަން ރުފިޔާއެއް ވަންނާނެ ކަމެކެވެ. 

ތަޖުރިބާކާރުންގެ ނަޒަރުގައި މި ވިޔަފާރި ކާމިޔާބުވާނެ

ރައީސް ސޯލިހު ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން ކުރެއްވި ސެންކޯ ޝަރީފު ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ދުނިޔޭގެ ބޯޑަރުތައް ބަންދުކުރި ދުވަސްވަރު މި ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކަށް ކްރޫ އިން ބަދަލުކޮށްގެން ހަމައެކަނި މަހަކު 140 މިލިއަން ރުފިޔާ ލިބު ކަމަށާ މިކަން ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ އެވެ. 

"ހަމައެކަނި ކްރޫ ޗޭންޖްކޮށްލަން ކޮވިޑުގަ އެކަނި 14 ބޯޓު މި ސަރަހައްދަަށް ކައިރި ކުރި. އެމްޕީއެލް އަށް ޕައިލޮޓޭޖަށް އެކަނި މަހަކު 22 މިލިއަން ލިބުނު. ޓްރާންސްޕޯޓަށް އެކަނި 116 މިލިއަން މަހަކު ލިބުނު، އެހެންވެ މިހާރު ރާއްޖޭން ބަންކަރިން ފެށުން މިއީ މައްސަލައެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.  

ގައުމީ ޝިޕިން ކުންފުންޏާއި އެސްޓީއޯގެ އެމްޑީކަން ކުރެއްވި އަބްދުﷲ ސައީދު (ކޮއްޓޭ) ވިދާޅުވީ ބަންކަރިން ހިދުމަތުގެ ވަށައިގެން ދޭން ކަނޑައަޅާފައިވާ ހިދުމަތްތަކަކީ ބޮޑު އާމްދަނީއެއް ލިބޭނެ ހިދުމަތްތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"މީގައި އެބަހުރި ބައިވަރު ކަންކަން. މިސާލަކަށް އަންޑަ ވޯޓާ ސާވިސަސްއޭ ބުނީމަ ބައިވަރު ކަންކަން ހިމެނޭ. އަންޑަ ވޯޓާ ވެލްޑިން އާއި ފޮޓޯ އާއި ވީޑިއޯ ގްރެފީ މިއީ ވެސް ވަކިބައެއް. މިސާލަކަށް ކެޕްޓަނެއް ބޭނުންވެދާނެ ބޯޓުގެ ބޮޓަމް [ބޯޓުގެ ދަށުގެ ހާލަތު] ކޮންޑިޝަން ބަލާލަން. މިހެން ގޮސް ކޮންމެ ކަމަކީ ރެވެނިއު ޖެނެރޭޓް ކުރާނެ ކަންކަން،" ސައީދު ވިދާޅުވި އެވެ.

ކޮންމެ ކަމެއް ކުރި އަށް ދާނީ ވެސް ކޮންމެ ވެސް ހިސާބަކުން ފަށައިގެންނެވެ. މިމަހުގެ 19 ވަނަ ދުވަހަކީ ރާއްޖެ އިގްތިސޯދު ބޮޑު ބަދަލަކަށް ފުރޮޅުމުގެ ފެށުމަކަށްވާނެ އެވެ. މިކަން ހުރިހާ ހިސާބުތަކުން ވެސް ދައްކަ އެވެ. މިކަން ކުރަން ކުރަން ހުސް ވާހަކަ ދެއްކި ޒަމާން މިވަނީ މާޒީވެފަ އެވެ. މިހާރު ފެށިގެން އެދަނީ މިކަމުގައި ހަގީގީ ކުލަ ޖެހިގެންދާނެ ތަނެވެ. 

ކޮމެންޓް

1
450
ޖަވިޔަނި
2 months ago

ފައްޔާޒު ވަރުގެ ވިސްނުމުގެ ކޮށި މީހަކު އިކުނޮމިކު މިނިސްޓަރުކަން ކުރީޔީވެސް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ހިތާމަ ކުރަން. އެމްޑީޕި ވެރިކަންވެސް ދިޔައީ ހަމަ ފައްޔާޒު މެން ވިސްނުން ދެރަވެގެން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.