ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ޗައިނާއާއެކު ވިޔަފާރިކުރަން ފެށުމުން ޑޮލަރަށް ބަަރޯސާނުވެ ޗައިނާއާއެކު ވިޔަފާރިކުރެވޭނެ ކަމުގައި ޝިޔާމު ވިދާޅުވި އެވެ.
ޗައިނާއާ ކުރާ ވިޔަފާރިތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރަން ފެށުމުން ޑޮލަރުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަވާނެ ކަމުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޗައިނާއާއެކު ކުރާ ވިޔަފާރިއާއި ދެ ގައުމުގެ މެދުގައި ހިނގާ އިންވެސްޓުމެންޓު މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާގެ މެދުގައި އެމްއޯޔޫއެއް ހަދާފައިވެ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމު ވިދާޅުވީ މި އެއްބަސްވުމަކީ ޗައިނާއާއެކު އޮތް އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންކުރެވޭނެ އިސްތިރާޖީ އާލަތެއް ކަމުގައެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިތުރަށް ރަނގަޅުކުރެވޭނެ ކަމެއް ކަމަށެވެ.
This remarkable arrangement will serve as a strategic tool for the Maldives to strengthen its economic ties with China while enhancing its own economic stability. It also allows for easier settlement of trade in local currencies which can streamline processes for many businesses… https://t.co/wz6HEOToQH
— Ahmed Shiyam (@Shiyamaldives) September 13, 2024
އަދި ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ ގޮތް ހަމަޖެހުމުން ޗައިނާއާއެކު ރާއްޖޭގެ ވިޔަފާރިތަކުން ކުރާ މުއާމަލާތްތައް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށާއި، އެފަދަ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވާނެ ކަމުގައިވެސް ޝިޔާމު ވިދާޅުވި އެވެ.
އެ މުއާމަލާތްތަކުގެ ތެރެއިން ލިބޭ އިގުތިސާދީ ފައިދާގެ އިތުރަށް މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަވާކަމުގެ ރަމްޒެއް ކަމުގައި ޝިޔާމު ވިދާޅުވި އެވެ.
އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ މެދުގައި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެކަން ފާހަގަކުރައްވައި ޝިޔާމުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.