އެ ދަތިތަކުގައި އައްޔޫބުގެފާނު މާތް ﷲއަށް ދުއާކުރެއްވުމާއި ޒިކުރުކުރެއްވުމުގައި ދެމިހުންނެވިކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި ކެތްތެރިކަން އިސްކުރެއްވުމުން އެ ދަތިކަން އެކަލާނގެ ފިލުއްވިކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ނަބީ ބޭކަލުންގެ ވާހަކަފުޅުތަކުގެ ތެރެއިން އައްޔޫބު އަލައިހިއް ސަލާމުގެ ވާހަކަފުޅުން ލިބޭ އެއް އިބުރަތަކީ މާތްﷲއަށް އީމާންވެގެން ތިބޭ މީހުންވެސް އެކަލާނގެ އިމްތިހާނު ކުރައްވާނެ ކަމުގެ އިބުރަތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ދުނިޔޭގެ ހަޔާތުގައި މާތްﷲ ލައްވާފައިވާ ސުންނަތީ ބަލިމަނޑުކަމާއި ދުޅަހެޔޮކަމާއި، ތަނަވަސްކަމާއި ފަގީރުކަމާ ކުރިމަތިލާންޖެހުން ކަމަށާއި، މާތްﷲއަށް އީމާންވާ މުސްލިމު އަޅާ މިކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުއާކުރުމާ އެކުގައި ކަމަށް ހުތުބާގައި ބަޔާންކުރި އެވެ.
ނަބަވީ ސުންނަތުން ވާރިދުވެފައިވާ ހަދީސްބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނެފައިވަނީ މިފަދަ އިމްތިހާނުތައް އެންމެ ބޮޑަށް ކުރިމަތިވަނީ ރަސޫލުބޭކަލުންނަށް ކަމަށެވެ. އަދި އިންސާނާ އިމްތިހާނުކުރައްވަނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންކަމަށްވެސް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވާކަން ހުތުބާގައި ބަޔާންކޮށްދިނެވެ.
ނަބީ ބޭކަލުން އިމްތިހާނުކުރައްވާ ގޮތުގެ މިސާލެއްގެ ގޮތުން ހުތުބާގައި ކިޔައިދިނީ އައްޔޫބުގެފާނުގެ ވާހަކަ އެވެ. އެކަލޭގެފާނަށް މާތްﷲ ސިއްހަތާއި، ތަނަވަސްކަމާއި ދަރިންނާއި ހާދިމުން ދެއްވި ކަމެވެ. ނަމަވެސް ބޮޑު ބަލިމަޑުކަމެއް އެކަލޭގެފާނާ ކުރިމަތިކުރައްވައި، ތަނަވަސްކަމާއި ދަރިން ގެންދަވައި ހާދިމުންނާއި، އެކުވެރިންނާއި އާއިލާ މީހުން އެކަލޭގެފާނު ދޫކޮށްލިކަން ހުތުބާގައި ފާހަގަކުރި އެވެ.
އެ ދަތިތަކުގައި އައްޔޫބުގެފާނު މާތް ﷲއަށް ދުއާކުރެއްވުމާއި ޒިކުރުކުރެއްވުމުގައި ދެމިހުންނެވިކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި ކެތްތެރިކަން އިސްކުރައްވައި ޝުކުރުވެރިވެވަޑައިގަތުމުގެ ޖަޒާއެއްގެ ގޮތުން އެކަލޭގެފާނުގެ ބަލިމަޑުކަން މާތް ﷲ ފިލުއްވިކަން ހުތުބާގައި ބަޔާންކުރި އެވެ.
އެ ވާހަކައިން ލިބޭ ފުރަތަމަ އިބުރަތަކީ މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، މާތްﷲ ހަނދުމަކޮށް އަޅުކަން ކުރުމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މުސީބާތުގައި ކެތްތެރިކަމާއެކު ދެމިހުރެއްޖެނަމަ ލިބޭ ކާމިޔާބު މަތިވެރިވާނެ ކަމަށެވެ.
ދެވަނަ ފިލާވަޅެއްގެ ގޮތުގައި ހުތުބާގައި ފާހަގަކުރީ މާތްﷲއަށް އީމާންވެގެން ތިބި ނަމަވެސް އެކަލާނގެ މިދުނިޔޭގެ ހަޔާތުގައި އިމްތިހާނުތައް ކުރިމަތިކުރައްވާނެ ކަމެވެ. ތިންވަނަ ފިލާވަޅެއްގެ ގޮތުގައި ފާހަގަކުރީ އައްޔޫބުގެފާނަށް ކުރިމަތިވެވަޑައިގެންނެވި ދަތިކަމާއި އާލާސްކަންފުޅުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ދައްކަވައިދެއްވި ކެތްތެރިކަމެވެ.
ފަގީރުކަމާއި ދަތިކަމުގައި އައްޔޫބުގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނުގެ އަރިހުގައި ދެމިހުންނަވައި މީސްތަކުންނަށް ނޯކަރީކުރައްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅު އަރުއްވައި އެކަލޭގެފާނުގެ ހިދުމަތުގައި މުސީބާތް ފިލުއްވަންދެން ދެމިހުންނެވި ގޮތަކީ މިސާލެއް ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ.