"އޭލެވެލް އިން ގިނަ ކުދިން އަޅުގަނޑުމެން ފާސްކުރަން ބޭނުންވަނީނަމަ، އަދި އޯލެވެލް އިން ގިނަ ކުދިން ފާސްކުރަން އަޅުގަނޑުމެން ބޭނުންވަނީނަމަ ހަގީގީ ވާހަކަ ދައްކަން ޖެހޭ ހިސާބަކީ ޕްރައިމަރީ ގްރޭޑްތައް،"
އޭލެވެލް އަދި އޯލެވެލްގައި ރަގަޅު ނަތީޖާއެއް ހޯދޭނީ ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ރަގަޅު ކޮށްގެން ކަމަށާއި، ޕްރައިމަރީ ގްރޭޑްތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ބޮޑު ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޓޮޕް އެޗީވާސް އެވޯޑް 2022-2023 ގެ ފުރަތަމަ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެންނަން އަމާޒު ހިފާފައިވާ އިލްމީ ތަރައްގީ ގެންނަން މިއަދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި، މިއަށްވުރެ މަތިން ދަރިވަރުންނަށް ކާމިޔާބީތައް ހޯދަން ހުރި ގޮންޖެހުންތަކުގެ ވާހަކަ ކުރިން ވެސް ދައްކާފައިވާ ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާއިރު، ސާނަވީ ނަތީޖާ ރަގަޅު ކުރުމަށް ޕަރައިމަރީ ނަތީޖާ ރަގަޅު ކުރުމަށް މިނިސްޓަރު ވަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާފަ އެވެ.
"އޭލެވެލް އިން ގިނަ ކުދިން އަޅުގަނޑުމެން ފާސްކުރަން ބޭނުންވަނީނަމަ، އަދި އޯލެވެލް އިން ގިނަ ކުދިން ފާސްކުރަން އަޅުގަނޑުމެން ބޭނުންވަނީނަމަ ހަގީގީ ވާހަކަ ދައްކަން ޖެހޭ ހިސާބަކީ ޕްރައިމަރީ ގްރޭޑްތައް. ޕްރައިމަރީގެ ގްރޭޑްތަކަށް ނިސްބަތުން ހޭދަކުރެވޭ ފައިސާގެ އަދަދު ވެސް މަދު ސެކަންޑްރީއަށްވުރެ،"
މިނިސްޓަރު ވިދާޅުވީ ގްރޭޑް ތިނަކާއި ހައެއްގެ ދަރިވަރުން ހަދާ ނޭޝަނަލް އެސެސްމެންޓް ލާނިންގައި ކުދިން ފާސްވާ މިންވަރު ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށެވެ. އެގޮތުން ގްރޭޑް ތިނެއްގެ ދިވެހި މާއްދާއިން ފާސްވާ ކުރިންގެ ނިސްބަތް 40 ޕަސެންޓަށްވުރެ ދަށްއިރު، ގްރޭޑް ހައެއްގައި އިނގިރޭސިއާއި ހިސާބުން ފާސްވާ ކުދިންގެ ނިސްބަތް ހުރީ 50 ޕަސެންޓްގައި ކަމަށެވެ.
ރާއްޖޭގައި ހަދާފައި ހުރި 95 ޕަސެންޓް ދިރާސާތަކަށް ބަލާއިރު، ސާނަވީ ނަތީޖާ ރަގަޅު ވަނީ ޕްރައިމަރީ ނަތީޖާ ރަގަޅު ވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މިއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ އަޅުގަނޑުމެން ދޭން ޖެހޭ އަހައްމިއްޔަތުކަން ވެސް ޕްރައިމަރީ ގްރޭޑްތަކަށް ނުދެވޭ ކަމަށެވެ. މުޅި ތައުލީމީ ކޮމިއުނިޓީއަށް މިނިސްޓަރު ދެއްވި ޔަގީންކަމަކީ ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ރަގަޅު ކުރަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ އިލްމީ އަދި ފިކުރީ ގޮތުން ރާއްޖެ ތަރައްގީ ކުރުން ކަމަށާއި، އެއީ އިތުރު ދާއިރާތަކުން ތަރައްގީ ގެނައުމަށް ވެސް ހުޅުވައިލެވޭނެ މަގެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.