ފިނޭންސްއިން ބުނަނީ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މާލީ ގޮތުން ކުރިމަތިވެފައި ހުރި ހިރާސްތަކާއި ބޭރުގެ ދަރަނިން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމާއެކު އިގުތިސާދީ-އިޖުތިމާއީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތްކަމަށް
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި ދަރަނީގެ ހިރާސްތައް ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިފަދައިން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ1" ދަރަޖައިން "ސީއޭއޭ2" އަށް ދަށްކުރުމާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގަ އެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަން ނިންމީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވަމުންދާ ޕްރެޝަރުތަކާއި، ބަޖެޓު ޑެފިސިޓާއި ޓްރޭޑް ޑެފިސިޓު ބޮޑުވާނެކަމަށް ލަފާކުރެވޭތީއާއި، ދަރަންޏަށް ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި، މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްވަމުންދާތީ އެވެ.
މޫޑީސްގެ ނިންމުމާ ގުޅިގެން ރޭ ނެރުނު ބަޔާނުގައި މާލީ ވުޒާރާއިން ބުނީ މާލީ އަދި ދަރަނީގެ ކަންކަން ދެމެހެއްޓެނެވި މިންގަނޑަކަށް އިއާދަކޮށް، ބޭރުގެ ދަރަނީގެ ހިރާސް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިންމައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އަދި އެ އިސްލާހީ ފިޔަވަޅުތައް ފަރުމާކުރުގައާއި ތަންފީޒުކުރުމުގައި ގިނަ ދައުލަތްތައް ޝާމިލުވާ އިދާރާތަކުގެ އެހީތެރިކަން ސަރުކާރަށް ލިބެމުންދާކަމަށާއި، ހާއްސަކޮށް ފަގީރުކަން ކުޑަކޮށް އެންމެ ނާޒުކު ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގައި އެފަދަ އިދާރާތަކުގެ އެހީތެރިކަން ލިބެމުން އަންނަކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
އަދި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް އަލުން އެކުލަވައިލުމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް އައިސްފައިވާކަން މާލީ ވުޒާރާއިން ފާހަގަކުރީ ކުންފުނިތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ދައުލަތުގެ މާލިއްޔަތަށް އޮތް ބުރަ ކުޑަވާނެ ކަމަށް ބުނަމުންނެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މާލީ ގޮތުން ކުރިމަތިވެފައި ހުރި ހިރާސްތަކާއި ބޭރުގެ ދަރަނިން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމާއެކު އިގުތިސާދީ-އިޖުތިމާއީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތްކަމަށެވެ.
ހުރިހާ އިންވެސްޓަރުންނާއެކު އީޖާބީ ގުޅުންތައް ދެމެހެއްޓުމާއެކު، ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ޝާމިލުވާ ޖަމްއިއްޔާތަކާއި އިދާރާތަކާއެކު ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ކުރިއެރުންތަކާއި ދައުލަތުގެ އާމުދަނީއާއި ހަރަދަށް ގެނެވޭ އިސްލާހުތައް ތަންފީޒުކުރެވުމުން ދަރަންޏާއި މާލީ ކަންކަން ދެމެހެއްޓެނެވި މިންގަނޑަށް ރުޖޫއަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.