ސޯޝަލް މީޑިޔާ ބޭނުންކުރެވޭނެ އެންމެ ޅަ އުމުރު ކަނޑައަޅަން އޮސްޓްރޭލިއާއިން ވިސްނަނީ

"ބައެއް ސޯޝަލް މީޑިޔާ މަންސަތަކުން އަހަރުމެންގެ ޅަ އޮސްޓްރޭލިއަނުން އެމީހުންގެ ހަގީގީ އެކުވެރިންނާއި ހަގީގީ ތަޖުރިބާތަކުން އެކަހެރިކުރުމުގައި އެއްވެސް "ސޯޝަލް" ކަމެއް އެކުލެވިފައި ނުވޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ސޯޝަލް މީޑިޔާގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވޭ، ފޮޓޯ: ގެޓީ އިމޭޖްސް

ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ސޯޝަލް މީޑިޔާ މަންސަތައް ބޭނުންކުރެވޭނެ އެންމެ ޅަ އުމުރެއް ކަނޑައެޅުމަށް އޮސްޓްރޭލިއާ ސަރުކާރުން ވިސްނަން ފަށައިފި އެވެ. އެ ނިންމުމަށް ސިޔާސީ ގިނަ ލީޑަރުން ތާއީދުކުރައްވަ އެވެ. 

އަންގާރަދުވަހު ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ވިދާޅުވެފައިވަނީ ސޯޝަލް މީޑިޔާ ބޭނުންކުރެވޭނެ އެންމެ ޅަ އުމުރެއް ކަނޑައަޅާ ގާނޫނު އަންނަ މޭ މަހުގައި އޮންނާނެކަމަށް ބެލެވޭ އާންމު އިންތިހާބުގެ ކުރިން ގާނޫނު ހަދާ މަޖިލީހަށް ހުށަހަަޅުއްވާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނުގައި ސޯޝަލް މީޑިޔާ ބޭނުންކުރަން ފެށޭނެ އެންމެ ޅަ އުމުރުގެ ގޮތުގައި ކަނޑައަޅާނެ އުމުރެއް މިހާތަނަށް އޮސްޓްރޭލިއާ ސަރުކާރުން އިއުލާނު ނުކުރެ އެވެ. 

ވާތު ފިޔައިގެ މެދުމިން ސަރުކާރާއި ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީންވެސްވަނީ އެ ސިޔާސަތަށް ތާއީދުކޮށްފަ އެވެ. އޮސްޓްރޭލިއަގެ ބައެއް ސްޓޭޓުތަކުގައި މިހާރުވެސް މީސްމީޑިޔާ ބޭނުންކުރެވޭނެ އެންމެ ޅަ އުމުރު ގާނޫނުގައި ބަޔާންކުރެ އެވެ. 

ސިޑްނީގެ ރޭޑިއޯ ސްޓޭޝަނަކަށް އަންގާރަދުވަހު ދެއްވި ބަސްދީގަތުމެއްގަައި އަލްބަނޭސް ވިދާޅުވީ މި ސިޔާސަތުގެ ބޭނުމަކީ ކުޑަކުދިންނަށް ޅަފުރައިގެ އުފާވެރިކަން ލިބުމަށް މަގުފަހިކުރުމެވެ. "ބައެއް ސޯޝަލް މީޑިޔާ މަންސަތަކުން އަހަރުމެންގެ ޅަ އޮސްޓްރޭލިއަނުން އެމީހުންގެ ހަގީގީ އެކުވެރިންނާއި ހަގީގީ ތަޖުރިބާތަކުން އެކަހެރިކުރުމުގައި އެއްވެސް "ސޯޝަލް" ކަމެއް އެކުލެވިފައި ނުވޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ. 

އަދި އެ ސިޔާސަތުގެ ފަހަތުގައި އޮތް ވިސްނުމަކީ ވަރަށް ސާދާ ވިސްނުމެއްކަން ފާހަގަކުރައްވަމުން އަލްބަަނީސް ވިދާޅުވީ މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ އޮސްޓްރޭލިއާގެ ކުޑަކުދިން އެކުދިންގެ ޑިވައިސްތަކުން އެކަހެރިކޮށް ފުޓުބޯޅަ ދަނޑުތަކަށާއި ނެޓުބޯޅަ ޕިޗުތަކަށާއި ފަތާ ފެންގަނޑުތަކަށާއި ޓެނިސްކޯޓުތަކަށް ނެރުމެވެ. 

އޮސްޓްރޭލިއާއަކީ ކުޑަކުދިން އޮންލައިން މަންސަތައް ބޭނުންކުރުމުގައި ހޭދަކުރާ ވަގުތު ގިނަވުމުގެ ސަބަބުން ކުރިމަތިވާ ނައްސި އަސަރުތައް ތަހައްމަލުކުރަމުންދާ، އަދި އެ މައްސަލައަށް ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. 

އެމެރިކާގައިވެސް ބައެއް ސްޓޭޓުތަކުންވަނީ ސޯޝަލް މީޑިޔާ ބޭނުންކުރެވޭނެ އެންމެ ހަނގު އުމުރު ކަނޑައަޅާފަ އެވެ. އެއިން ބައެއް ސްޓޭޓުތަކުގައި ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން ނޫނީ 18 އަހަރު ނުވާ ކުދިންނަށް ސޯޝަލް މީޑިޔާ މަންސަތައް ބޭނުންކުރުން މަނައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގުރެސްއިންވެސްދަނީ މިފަދަ ފިޔަވަޅެއް މުޅި ގައުމުގައި ތަންފީޒުކުރުމާމެދު ވިސްނަމުންނެވެ. 

ސޯޝަލް މީޑިޔާ މަންސަތަކުން ކުރާ ނޭދެވޭ އަސަރުތަކާމެދު އޮތް ކަންބޮޑުވުން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ސާޖަން ޖެނެރަލް ޖެނެރަލް ވިވެކް އެޗް މުރުތީވަނީ ދުންފަތުގެ ބާވަތްތަކުގައި އިންޒާރު ހަރުކުރާ ފަދައިން ސޯޝަލް މީޑިޔާ މަންސަތަކުން ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން އެނގޭނެ އިންޒާރުތަކެއް ފެންނާނެހެން ބެހެއްޓުން ލާޒިމުކުރަން ހުށަހަޅުއްވާފަ އެވެ. 

ބެލެނިވެރިންގެ ހުއްދައެއް ނެތި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިޔާ މަންސަތަކަށް ވަނުން މަނާކުރަން މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޔޫރަޕިއަން ޔޫނިއަނުން ގާނޫނެއް ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ގައުމުތަކަށް އެ ގާނޫނަށް އަމަލުނުކުރުމުގެ އިހުތިޔާރު އޮތީ ދީފަ އެވެ. 

ސޯޝަލް މީޑިޔާ ބޭނުންކުރަން ފެށޭނެ އެންމެ ހަނގު އުމުރު ކަނޑައަޅާފައިވާ ބައެއް ގައުމުތަކުގައި އެފަދަ ގާނޫނުތައް ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައި ހުރިކަން ފާހަގަވި ނަމަވެސް އޮސްޓްރޭލިއާގައި އެ ސިޔާސަތަށް އޮތް ތާއީދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. 

އެގޮތުން ދެކުނު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ދާދިފަހުން ހުށަހަޅުއްވާފައިވަނީ އުމުރުން 14 އަހަރުނުވާ ކުޑަކުދިންނަށް އެއްވެސް ގޮތަކަށް ސޯޝަލް މީޑިޔާ ބޭނުންނުކުރެވޭ ގޮތަށް ހަމަޖައްސައި 14، 15 އަހަރުގެ ކުދިންނަށް ސޯޝަލް މީޑިޔާ ބޭނުންކުރެވޭނީ މައިންބަފައިންގެ ހުއްދައާއެކު ކަމަށް ކަނޑައެޅުމަށެވެ. 

ފާއިތުވި ހަފުތާގައި އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު ދެ ސްޓޭޓުކަމަށްވާ ނިއު ސަައުތު ވޭލްސްއާއި ވިކްޓޯރިއާގެ ލީޑަރުންނާ އަލަބަނައިސް ބައްދަލުކުރެއްވި ކުރެއްވުމުގައި ދެ ސްޓޭޓުގެ ލީޑަރުންވެސްވަނީ އެ ސިޔާސަތަށް ތާއީދުކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.