މި ނިންމުން ނިންމި މައިގަނޑު ސަބަބެއްކަމަށް މޫޑީސްއިން ބުނެފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީގެ ތެރެއިން މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި އެވެ.
މޫޑީސްއިން ކްރެޑިޓް ރޭޓިން ދަށްކުރިއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އިތުރު އެޖެންސީކަމަަށްވާ ފިޗް ރޭޓިންސްއިންވެސް ދިވެހިރާއްޖޭގެ ރޭޓިންވަނީ ދަށްކޮށްފަ އެވެ. މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ސީއޭއޭ1 އިން ސީއޭއޭ2 އަށެވެ.
ދިވެހި ސަރުކާރުގެ ރޭޓިންގެ އިތުރަށް ސަރުކާރުން ކޮވިޑް-19ގެ ތެރޭގައި ދަރަނި އަދާކުރުމަށް މާލީ ބާޒާރުން ފައިސާ ހޯދުމަށް އިޝޫކުރި ސުކޫކު އިޝޫކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ސުކޫކު އިޝުއޭންސް ލިމިޓެޑްގެ ކްރެޑިޓް ރޭޓިންވެސް ދަށްކޮށްފައިވެ އެވެ.
މި ނިންމުން ނިންމާފައިވާ ސަބަބެއްކަމަށް މޫޑީސްއިން ބުނެފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ހިމަނައިގެންވެސް ރިޒާވް ދަށްކަމަށާއި، ބޮޑުތަކުން ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ ފުރުސަތު އޮތީ ކުޑަކޮށް ކަމަށް މޫޑީސްއިން ބުނެ އެވެ.
ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ މާލީ އިލްތިޒާމުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ބޭރު ފައިސާ ޖަމާކޮށް އެއްކުރުމަށް އޮތް ވަގުތު ވަރަށް ބޮޑަށް ކުޑަވަމުންދާ ކަމަށްވެސް މޫޑީސްއިން ބުނެފައިވެ އެވެ.
ސަރުކާރުން ބޭރުން ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް ކުރިއަށް ހުރި މާލީ އިލްތިޒާމުތައް އަދާކުރަން ބޭނުންވާ އަދަދަށް ބޭރު ފައިސާ ލޯނުގެ ގޮތުގައި ހަމެޖެހޭނެކަމުގެ ޔަގީންކަމެއް ނެތް ކަމުގައި މޫޑީސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި ބޮޑު ދެ ދަރަންޏެއް އަދާކުރަން ޖެހިފައި އޮތްއިރު ރިޒާވްއަށް ބޮޑު ފިއްތުން ކުޑަކުރަން އަޅަންޖެހޭ މާލީ އިސްލާހުތައް ލަސްވަމުންދާކަން އެ އެޖެންސީން ފާހަގަކުރި އެވެ. އަދި އިގުތިސާދުގައި ހުރި ދިވެހި ރުފިޔާ ގިނަވުމުގެ ސަބަބުން ބޭރު ފައިސާގެ އަގު މަތިވަމުންދާކަން އެ އެޖެންސީން ފާހަގަކުރި އެވެ.
އަދި އެ އެޖެންސީން ރޭޓިން ދަށްކުރުމުގެ އަނެއް ސަބަބަކީ ބޭރު ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މުއައްސަސާތައް ނުކުޅެދުމެވެ.
މޫޑީސްއިން އިތުރަށް ނިންމާފައިވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރާ ހާލަތުގައި ބޭއްވުމަށެވެ. އެ ހާލަތުގައި ބާއްވަން ނިންމީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީ މައްސަލަ ހައްލުކުރުމަށް ދޭދޭ ގައުމުތަކުން ނުވަތަ ބައިވަރު ދައުލަތްތައް ބައިވެރިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން ފައިސާ ސަރުކާރަށް ހޯދޭތޯ ބެލުމަށެވެ.
އެފަދައިން ފައިސާ ލިބުމަކީ މިހާރު ސަރުކާރުން އިއުލާނުކޮށްފައިވާ މާލީ އިސްލާހުތައް ތަންފީޒުކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމުދަނީ އިތުރުކުރުމަށް ވަގުތު ލިބިގެންދާަނެ ކަމެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކުރެ އެވެ.
މޫޑީސްއިން ކްރެޑިޓް ރޭޓިން ދަށްކުރިއިރު ނިމުނު މަހަށްވުރެ މި މަހު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތުވަނީ ރަނގަޅުވެފަ އެވެ.