ޕީޖީގެ މަގާމަށް ހުޅުވާލާފައި އޮތް އޮތުމުގެ ސުންގަޑި މާދަމާ މެންދުރު 12 އަށް ހަމަވާނެ އެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާދަމާގެ އިރުއޮއްސުމާ ހަމައަށް ޕީޖީގެ މަގާމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަންފުޅެއް މަޖިލީހަށް ފޮނުވާނެ އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމުގެ މަަސައްކަތަށް ދައުރުގެ ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް އިސްތިއުފާގެ ސިޓީ ލިބިފައި ނުވާ ކަމަށް ބުނެ މަޖިލީހުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާ ގައިވޯޓަށް އަހާ ޝަމީމް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. މަޖިލީސް ޗުއްޓީއަށް ނުގޮސް ދައުރު ދަންމާލީ ވެސް ޝަމީމް މަގާމުން ވަކި ކުރުމަށެވެ.
ގާނޫނުގައިވާ ގޮތުގެ މަތީން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހޭނެ އެވެ.
އެ މުއްދަތު ހަމަވަނީ މެންބަރުން ޗުއްޓީގައި ތިއްބަވަނިކޮށެވެ. އެހެން ކަމުން މަޖިލީހުގެ ފަހު ޖަލްސާ ގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމުގެ މަަސައްކަތަށް ދައުރުގެ ބޭރުން ދެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް ރިޔާސަތުން އޮތީ އިއުލާނު ކޮށްފަ އެވެ.
މަޖިލީހުގެ އިދާރާއަށް މިހާރު ވަނީ އެ ޖަލްސާތައް ބޭއްވުމަށް ޕީއެންސީގެ މެންބަރުން ސޮއިކޮށް ހުށައަޅާފަ އެވެ. އެއާއެކު މާދަމާ ރޭ ޖަލްސާ ބޭއްވުމަށް ނިންމާ މެންބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވާފަ އެވެ.
ޕީޖީގެ މަގާމަށް ހުޅުވާލާފައި އޮތް އޮތުމުގެ ސުންގަޑި މާދަމާ މެންދުރު 12 އަށް ހަމަވާނެ އެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާދަމާގެ އިރުއޮއްސުމާ ހަމައަށް ޕީޖީގެ މަގާމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަންފުޅެއް މަޖިލީހަށް ފޮނުވާނެ އެވެ.
މާދަމާގެ ޖަލްސާގައި އޮންނާނީ ނަން އިއްވުމާއި އެ ނަމާމެދު ގޮތް ނިންމަން ކަމާގުޅޭ ކޮމެޓީއަށް މައްސަލަ ފޮނުވުމެވެ. ދެވަނަ ޖަލްސާ ބާއްވާނީ ކޮމެޓީގެ ރިޕޯޓް އިއްވުމާއި ނަމާއި މެދު ގޮތް ނިންމުމަށެވެ.
މިހާރު އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމުން ބާރު ސްޕީޑުގައި އެ މަަސައްކަތް ނިންމާލާނެ އެވެ.