މީގެ 9 އަހަރު ކުރީގައި އެ ރަށުގައި މަރަލާފައިވަނީ އިސްމާއިލް އަބްދުއް ރަހްމާން (އިސްމާއިލްބެ) އެވެ. އެ ހާދިސާއަށް 10 އަހަރު ފުރެން ދަނިކޮށް ގެއެއްގެ ތެރޭގައި ޒަހަމްތަކާއެކު އޮއްވައި ފެނިފައިވަނީ ހޮޅުދޫ، ނިއުލައިފް / ޒަކިއްޔާ އެވެ.
މީގެ ނުވަ އަހަރު ކުރި އެވެ. ތާރީހަކީ 11، ނޮވެމްބަރު 2015 ވަނަ ދުވަހެވެ. ނ.ހޮޅުދޫ އަށް ސިހުން ލިބިގެން ދިޔައީ އެ ރަށު ގެއެއްގެ ތެރޭގައި ޒަހަމްތަކާއެކު މީހަކު މަރާލާފައި އޮތް ހަބަރު ރަށު ތެރޭގައި ފެތުރިގެން ދިއުމާއެކުގަ އެވެ. މަޑުމައިތިރިކޮށް އޮންނަ ރަށަށް ލިބުނު މި ހައިރާންކަން ބިރުވެރިކަމަށް ބަދަލު ވެގެން ދިޔައީ މިމަރުގެ ހަގީގަތް އެނގެން ފެށި ހިސާބުންނެވެ.
ޒަހަމްތަކާއެކު އެ ދުވަހު މަރާލާފައި އޮއްވައި ފެނިފައިވަނީ އެ ރަށުގައި ކަތީބުކަންވެސް ކުރައްވާފައިވާ އިސްމާއިލް އަބްދުއް ރަހްމާން (އިސްމާއިލްބެ)، 71 އެވެ. ފުލުހުންގެ ހާއްސަ ޓީމަކުން އެރަށަށް ގޮސް ކުރި ތަހުގީގުން އެނގިގެން ދިޔައީ މި ނުބައި އަމަލު ހިންގާފައިވަނީ އިސްމާއިލްބެއާ ތިމާގެ ކުއްޖެއް ކަމެވެ. މި ނުރައްކާތެރި ހާދިސާ އަށް 10 އަހަރުފުރެން ދާން އުޅެނިކޮށް އަނެއްކާވެސް މުޅި ހޮޅުދޫ ބުރިން ސިއްސުވައިލީ ޒަހަމްތަކާއެކު ގެއެއްގެ ތެރޭގައި އޮތް ދުވަސްވީ އަންހެނަކު ފެނިގެންނެވެ.
މި އަންހެނަކީ ހޮޅުދޫ، ނިއުލައިފް / ޒަކިއްޔާ މޫސާ އެވެ. އޭނާ ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް ނިޔާވެފައިވާއިރު މި ހާދިސާއާއެކު މުޅިއަށް މިހާރު އަނެއްކާވެސް އޮތީ ސިހުމެއްގެ ތެރޭގަ އެވެ. މި މަރުގެ ހަގީގަތް އަދި ނޭނގެ އެވެ.
ހޮޅުދޫ ތެރޭގައި އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އެއް ބަޔަކު މީހަކު ނުވަތަ ބަޔަކު ކުރިކަމެއްގެ ގޮތުގައި ތުހުމަތު ކުރާއިރު ރަށުތެރޭގައި މިނޫން އެހެން ރިވާޔަތުތައް ނެރެގެން ވާހަކަ ދައްކާ މީހުން އެބަތިއްބެވެ.
މިހާތަނަށް ކަށަވަރުކޮށް އެނގޭ ހަަގީގަތްތަކަކީ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ކެމެވެ. އޭނާގެ ގައިގައި ފުން ޒަހަމްތަކެއް ހުރި ކަމެވެ އަދި. ކައިރީގައި ބޮޑު ވަޅިއެއް ވެސް އޮތް ކަމެވެ.
އެހެންވެ މިއީ ކިހިނެއް ހިނގިކަމެއް ތޯ އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. މިއީ މީހަކު ހިންގި ގަތުލެއް ކަމެއް / ނޫން ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ދެންމެ ބުނީ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫ އަށް ދާން ފުރާފައިވާ ކަމަށެވެ.
ޒަކިއްޔާއާއެކު އެގޭގައި އޭނާގެ ފިރިމީހާއާއި ދަރިއަކާއި މާމަ ދެ ކުދީން އުޅެ އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފުރަތަމަ ފެނުނީ އެގެއަށް ކުނި ނަގަން ދިޔަ މީހަކަށެވެ.