ސީއީއޯ އިސްތިއުފާ ދެއްވުމާއެކު އާ ސީއީއޯއެއް ހޯދުމުގެ މަރުހަލާގައި ބޭންކް ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނަވާނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ.
ބީއެމްއެލް ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވުމާއެކު ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން އައިޝަތު ނޫރައްދީންއަށް ހަވާލުކޮށްފި އެވެ.
ގައުމީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ސީއީއޯ އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، ނަމަވެސް ކާލް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން އެ މަގާމުގައި ހުންނަވާނެ ކަމަށެވެ. އޭނާ މަގާމުގައި ހުންނަވަނީ 21 ވަނަ ދުވަހު އޮންނަ އެ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއާ ހަމައަށެވެ.
ސީއީއޯ އިސްތިއުފާ ދެއްވުމާއެކު އާ ސީއީއޯއެއް ހޯދުމުގެ މަރުހަލާގައި ބޭންކް ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނަވާނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ.
ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވާފައިވަނީ ބޭންކުން ކާޑު ލިމިޓު އެއްކޮށް އުނިކޮށް ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ދޭ ޑޮލަރުގެ ލިމިޓު ކަނޑާލުމާއެކު މައި ހިއްސާދާރު ސަރުކާރާއެކު ކުރިމަތިވި ނުތަނަވަސްކަމުގަ އެވެ. މި ބަދަލު ބޭންކުން ގެނައި ސަބަބެއް ކަމަށް ބޭންކުން ބުނެފައިވަނީ ބޭންކުގެ ބޭނުންތަކަށް ބޭރު ފައިސާ ނުލިބުމެވެ. މި ނުތަނަވަސްކަމުގައި ސަރުކާރުން ވަނީ ބޭންކުން މާލީ ބަޔާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. ފުލުހުން ވަނީ އެކަމާ ގުޅުންހުރި ބައެއް ކަންތައްތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ބުނެފަ އެވެ.