ސަރުކާރުން އަންދާޒާއަކީ އޮފްޝޯ ބަންކަރިން ވިޔަފާރިން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ރެޑްސީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަންކަރިން ހިދުމަތުން ރާއްޖެއަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ އަދަދަށްވުރެ ބޮޑު އާމްދަނީއެއް ލިބުން ގާތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮއްޓޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މެރިޓައިމް ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އެމްޕީއެލްގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު މިދިޔަ ސަރުކާރުގެ ބޯޓު ކުންފުނީގެ އެމްޑީ އަދި އެސްޓީއޯގެ އެމްޑީކަން ކުރެއްވި ސައީދު ވިދާޅުވީ ރެޑްސީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭން ފަށާ ބަންކަރިން ހިދުމަތުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ސަރުކާރުން އަންދާޒާ ކޮށްފައިވާ އަހަރަކު 400 މިލިއަން ޑޮލަރަށްވުރެ އިތުރު އާމުދަނީއެއް ޖީޑީޕީއަށް އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމުގައި ސައީދު ވިދާޅުވި އެވެ.
"މިހާރު ނެރެގެން އުޅެނީ ރަނގަޅު އަދަދެއް. އަންދާޒާ ކުރައްވާފައިވަނީ 400 މިލިއަން ޑޮލަރު. މިއީ ރަނގަޅު ފިގާއެއް ކަމަށް ފެންނަނީ. މީގައި އޮންނާނީ މި ވިޔަފާރި ފަށައި ކުރިއަށްދާނެ ގޮތުގެ މައްޗަށް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ރެޑްސީގައި ހިންގާ ހަމަނުޖެހުންތަކުގެ ސަބަބަކުން ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނަ ފުރުސަތުތަކެއް ފަހިވުމުގެ ފުރުސަތުވެސް އެބައޮތެވެ.
"ޖިއޯ ޕޮލިޓިކްސް ވަރަށް ބޮޑަށް ބަދަލު ވެއްޖެ. ހަމަލާތަކުގެ ސަބަބުން ޝިޕިންގެ ރޫޓިންގް މިވަނީ ބަދަލުވެފަ. ކުރީގަ އޮތް ގޮތަކަށް ނޫން މިއޮތީ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ފައިދާ ވެސް ވެދާނެ. ގިނަ ބަޔަކު ލޯންގް ވޮޔޮޖަސް އަށް ވަންނަ ކަމަށް ވަންޏާ މިޑް ރޭންޖުގެ ބަންކަރިންއަށް ފުރުސަތު ފަހިވާނެ. މިއީ މުޅި ދުނިޔެ އިން ވެސް އަލަށްވީ ކަމެއް،" މެރިޓައިމް ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
"ކުރިން ވަރަށް ސްޓްރައިޓްކޮށް މި އަންނަނީ ރެޑްސީ ތެރޭން. އެކަމަކު މިހާރު މިޖެހެނީ އެފްރިކާ ވަށާލާފަ އަންނަން. ދަތުރު ދިގުވާނެ. ތެޔޮ އަޅަން ޖެހޭ އަދަދު އިތުރުވާނެ. އެހެންވެ އަޅުގަނޑުމެންނަށް ފުރުސަތު ފަހިވާނެ."
އޭނާ އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން އަންދާޒާ ކުރާ އަދަށްވުރެ ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އަދި އެމްޕީއެލް އިން ބަންކަރިން ހިދުމަތުގެ ވަށައިގެން ދޭން ކަނޑައަޅާފައިވާ ހިދުމަތްތަކަކީ ބޮޑު އާމްދަނީއެއް ލިބޭނެ ހިދުމަތްތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.
"މީގައި އެބަހުރި ބައިވަރު ކަންކަން. މިސާލަކަށް އަންޑަ ވޯޓާ ސާވިސަސްއޭ ބުނީމަ ބައިވަރު ކަންކަން ހިމެނޭ. އަންޑަ ވޯޓާ ވެލްޑިން ފޮޓޯ އާއި ވީޑިއޯ ގްރެފީ. މިސާލަކަށް ކެޕްޓަނެއް ބޭނުންވެދާނެ ބޯޓުގެ ބޮޓަމްގެ ކޮންޑިޝަން ބަލާލަން. މިހެން ގޮސް ކޮންމެ ކަމަކީ ރެވެނިއު ޖެނެރޭޓް ކުރާނެ ކަންކަން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ވިޔަފާރީގައި ބޭރުގެ ވެސަލްތައް ރާއްޖެއަށް އެޓްރެކްޓް ކުރެވޭ މިންވަރު މުހިންމު ކަމަށާ މި ވިޔަފާރި ފަށަން އެސްޓީއޯއާއެކު ޕާޓްނަޝިޕް ހަދާ ވިޓޯލްއަކީ ރަނގަޅު ޕާޓްނަރެއް ކަމަށެވެ.
"ވަރަށް ރަނގަޅަ ޕާޓީއެއް [ވިޓޯލް[ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް. މިހެންވެ ވިޓޯލްގެ ނެޓްވޯކުގެ ތެރޭން ރާއްޖެއަކީ މި ސާވިސަސް ލިބެން ހުރި ގައުމެއްކަން ދާދި އަވަހަށް ދުނިޔެއަށް އެނގިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ރާއްޖެ ސަރަހައްދުން ދުވާލަކު 250 އާއި 400 އާ ދެމެދުގެ ބޯޓު ދަތުރުކުރެ އެވެ. ސަރުކާރުން މަސައްކަތް ކުރަނީ މި ބޯޓުތަކަށް ތެޔޮ އެޅުމާއި މި ނޫންވެސް ހިދުމަތް ދިނުމުގެ ވިޔަފާރި މިމަހު ފަށާށެވެ. މި ވިޔަފާރިން ޖީޑީޕީއަށް އަހަރަކު 400 މިލިއަން ޑޮލަރު ފަށާއިރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މިއީ މި ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރުގެ އެއް ޕަސެންޓަށް ހިދުމަތް ދީގެން ލިބޭނެ އާމްދަނީ އެކެވެ.