މި ސިސްޓަމްގެ ތެރެއިން ކުދިންނަށް ސާފުތާހިރު ކަމާއި، ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއިޮ، އެކަކު އަނެކަކަށް އިހުތިރާމުކޮށް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގެ ތެރެއިން "ސްކޫލް ސްޕޯޓްސް ސިސްޓަމް" އެއް ގާއިމްކޮށް، ކުޅިވަރުގެ ތެރެއިން ރިވެތި އަހުލާގު ދަރިވަރުންނަށް ދަސްކޮށްދީ އަދި ސްޕޯޓްސް ޓީޗަރުން ޓްރެއިން ކުރުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ނ. ހޮޅުދޫގައި އޮތް "ހޮޅުފަހި އެވޯޑު" ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރައްވާފައި ވަނީ ކުޅިވަރުގެ ތެރެއިން ރިވެހި އަހުލާގު އަށަގެންނެވުމުގެ މުހިންމު ކަމާ ގުޅޭ ގޮތުންނެވެ.
"ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ކުޅެލާ ގޮތަށް ބައްޓަން ވެގެން އަންނަ އެއްޗެއް ނޫން، ކުޅިވަރުގެ ތެރެއިން ރިވެތި އަހުލާގާ ސުލޫކާ އަދި މީހާގެ ކެރެކްޓާ، މީހާއަކީ ކޮންކަހަލަ މީހެއްކަން ތަރުބިއްޔަތު ވެގެން އަންނަ ގޮތަށް ބައްޓަން ވެގެން އަންނަ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކުޅިވަރު ކުޅޭއިރު އެ ސިފަތައް ގައިގައި ޖެއްސުމަށް ބާރުއަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އެކަންވާނޭ ގޮތަށް މުޅި ރާއްޖެ ޝާމިލްވާހެން ކުޅިވަރުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި، ސްކޫލުތަކުގައި ދަރިވަރުންގެ ހަށީގައި ރިވެތި ސިފަތައް ޖެއްސުމަށް ގާއިމް ކުރަން ނިންމާފައިވާ ސްކޫލު ސްޕޯޓްސް ސިސްޓަމާއެކު އެ ކަން ހާސިލް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސިސްޓަމްގެ ތެރެއިން ކުދިންނަށް ސާފުތާހިރު ކަމާއި، ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކަށް އިހުތިރާމުކޮށް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ކުޅިވަރުގައި މޮޅުވުމާއި ބަލިވުން ގަބޫލުކުރަން ދަސްކޮށްދީ، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ.
"މިހުރިހާ ކަމެއް ކުޅިވަރުގެ ތެރެއިން ގެނައުމަށް، މި ސިފަތައް ކުއްޖާ ގައިގަ ޖެއްސުން، މީ ކުޅިވަރުގެ ތެރެއިން އަޅުގަނޑުމެންގެ ސޮސައިޓީއަށް ކޮންޓްރިބިއުޓް ކުރެވޭނެ ކަންތައްތައް. މީ އިންސާނާ ރަގަޅު އިންސާނެއްގެ ގޮތުގަ ބައްޓަން ކުރުމަށްޓަކާ ކުރެވޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.