ކައިވެނިން ބޭރުން ބޭއްވި ގުޅުމުގެ ހަބަރުތައް މީޑިޔާއަށް އެންމެ ފުރަތަމަ ތިލަވާން ފެށިއިރު ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީވަނީ އޭނާ ދިފާއުކުރައްވާފަ އެވެ.
އިޓަލީގެ ކަލްޗަރަލް މިނިސްޓަރު އެ ވުޒާރާގެ ކޮންސަލްޓެންޓަކާއެކު ނަހަމަ ގުޅުމެއް ބޭއްވެވިކަމަށް އެއްބަސްވެވަޑައިގަތުމާއެކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ކައިވެނިން ބޭރުން ބޭއްވި ގުޅުމުގެ ހަބަރުތައް މީޑިޔާއަށް އެންމެ ފުރަތަމަ ތިލަވާން ފެށިއިރު ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީވަނީ އޭނާ ދިފާއުކުރައްވާފަ އެވެ. ނަމަވެސް އެ މައްސަލަ ބޮޑުވާން ފެށުމާއެކު މެލޯނީވަނީ މިނިސްޓަރު ޖެންނާރޯ ސެނިގުއުލިއާނޯގެ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ.
ނަހަމަ ގުޅުމެއް ހިންގެވުމުގެ ތުހުމަތުގެ އިތުރަށް އެ ގުޅުމުގެ ތެރެއިން މިނިސްޓްރީގެ ކޮންސަލްޓެންޓު މާރިއާ ރޮސާރިއާ ބޮޗިއާއަށް އިޓަލީގައި ބާއްވަން ތައްޔާރުވަމުންދާ ޖީ-7ގެ ގައުމުތަކުގެ ސަގާފީ ވަޒީރުންގެ ބައްދަލުވުމާ ގުޅޭ ހައްސާސް ލިޔެކިޔުންތަކެއް ލިބިފައިވާކަމުގެ ތުހުމަތުވެސް ފެންމަތިވެފައިވެ އެވެ.
މި މައްސަލަ ހިލުނީ މިނިސްޓްރީގެ މުހިއްމު ބޮޑެތި އިވެންޓުތަކާ ގުޅޭ އެޑްވައިޒަރެއްގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވާކަމަށް މީސްމީޑިޔާ މަންސަތަކުގައި ބޮޗިއާ ދައުވާކުރުމުންނެވެ. އެކަން ސެންގިއުލިއާނޯ ދޮގުކުރެއްވި އެވެ. އެއާއެކު ސެންގިއުލިއާނޯގެ ވާހަކަފުޅުތައް ދޮގުކުރުމަށް ބޮޗިއާ ދިޔައީ މީސްމީޑިޔާ މަންސަތަކުގައި ތަފާތު އެކި ހެކިތައް ޝާއިއުކުރަމުންނެވެ.
ބުދަދުވަހު އިޓަލީގެ ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ސެންގިއުލިއާނޯވަނީ މިނިސްޓްރީން ބޮޗިއާއަށް ހަރަދުކުރިކަމަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ. އަދި ނަހަމަ ގުޅުމުގެ ސަބަބުން މަސްލަހަތު ފުށުއަރާތީ އެޑްވައިޒަރެއްގެ މަގާމަށް ބޮޗިއާ ހަމަޖައްސަވާފައިނުވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި އެ ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން އޯގަސްޓު އަށެއްގައި ނިމުމަކަަށް ގެންނެވިކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ މައާފަށް އެދެންޖެހެނީ ލާމަސީލު މީހެއްކަމަށްވާ އަޅުގަނޑުގެ އަނބިމިހާގެ ކިނބައިން. އަދި އަޅުގަނޑަށް އިތުބާރު ކުރެއްވި [ބޮޑުވަޒީރު] ޖިއޯޖިއާ މެލޯނީއާއި އޭނާގެ ސަރުކާރަށް ލަދުވެތި ހާލަތެއް ކުރިމަތިކުރެވުނީތީ މައާފަށް އެދެން،" ސެންގިއުލިއާނޯ ވިދާޅުވި އެވެ.
ސެންގިއުލިއާނޯ ވަޒީރުކަމާ ހަވާލުވެވަޑައިގެން ގެންނެވި އެންމެ ބޮޑު އިސްލާހަކީ އިޓަލީގެ އެންމެ ވަރުގަދަ ދާރުލްއާސާރުތަކުގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި ބޭރު މީހުންގެ ބަދަލުގައި އިޓަލީ މީހުން ހަމަޖެއްސެވުމެވެ. އަދި އިޓަލީގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ސަގާފީ ތަރިކަ ޕެންތިއޯނަށް ވަނުމުގެ ފީއެއްގެ ގޮތުގައި ފަސް ޕައުންޑު ނަގަން ފެއްޓުމަށް ތާއީދުކުރެއްވުމެވެ.