ވިސާމް ސިއްދީގު (26އ) ހައްޔަރު ކޮށް ބަންދުގެ މަޖިލީހަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުންޏެވެ.
ހުޅުމާލޭގައި ޒުވާނަކު މަރުވި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ކާރު ދުއްވި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.
ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23އ) ނިޔާވި އެކްސިޑެންޓް ހިނގީ ރޭ މެންދަމު 2:48 ހާއިރު އެވެ. ސަމާހު މާލެ އައިސް އުޅުނީ ދުވުމެއްގައި ބައިވެރިވާން ކަމަށް ވެ އެވެ. އެއީ މާފުށީ ޖަލު ބަހައްޓާ ކަރެކްޝަންގެ އޮފިސަރެކެވެ.
ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ސަމާހު، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.
އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ހައްޔަރު ކޮށް ބަންދުގެ މަޖިލީހަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުންޏެވެ.
ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ވިސާމް އަތުގައި އެއްގައު އުޅަނދެއް ދުއްވުމުގެ ލައިސަންސް އެއް ވެސް ނެތެވެ.
ސަމާހުގެ ޖަނާޒާ މިރޭ މަޣުރިބު ނަމާދަށް ފަހު ވަނީ ބާއްވާފަ އެވެ.