ރާއްޖޭގެ އާބާދީގެ 91 އިންސައްތަ މީހުން ދިވެހިރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭއިން ޝާއިއުކޮށްފައިވާ މޯލްޑިވްސް ޕޭމެންޓްސް ބުލެޓިންގައި ބުނެފައިވާ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކުގައި 410،000 ފަރުދުންވަނީ ބޭންކު އެކައުންޓު ހުޅުވާފަ އެވެ. އޭގެ ތެރެއިން 71 އިންސައްތަ އެކައުންޓަކީ ދިވެހިންގެ އެކައުންޓުތަކެވެ. އަދި 29 އިންސައްތަ އެކައުންޓަކީ ބިދޭސީންގެ އެކައުންޓުތަކެވެ.
ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގެ ބޭންކުތަކުގައި ފަރުދުން ހުޅުވާފައިވާ އެކައުންޓުތަކުގެ އަދަދަކީ 377،000 އެވެ. އެހެންކަމުން ފާއިތުވި އަހަރު ބޭންކުތަކުގައި ހުޅުވާފައިވާ ފަަރުދުންގެ އެކައުންޓުތަކުގެ އަދަދު 8.7 އިންސައްތަ އިތުރުވެފައިވެ އެވެ.
އަދި 264،000 ބޮޑު މީހުން އެކައުންޓު ހުޅުވާފައިވާއިރު 28،000 ކުޑަކުދިންވެސް ބޭންކުތަކުގައި އެކައުންޓުތައް ހުޅުވާފައިވެ އެވެ. 2022 ވަނަ އަހަރަށްވުރެ ބޮޑެތި މީހުންގެ އެކައުންޓުތަކުގެ އަދަދު 3.7 އިންސައްތަ އަދި ކުޑަކުދިންގެ އެކައުންޓުތަކުގެ އަދު 3.8 އިންސައްތަ އިތުރުވެފައިވެ އެވެ.
މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އުމުރުން 18 އަހަރުން މަތީ އާބަދީގެ 91 އިންސައްތަ މީހުން ނުވަތަ 291،000 މީހުންނަކީ ބޭންކެއްގައި އެކައުންޓެއް ހުޅުވާފައިވާ މީހުންނެވެ.
ރާއްޖޭގައި އެކައުންޓުތައް ހުޅުވާފައިވާ މީހުންގެ 80 އިންސައްތަ މީހުން ވަނީ އިންޓަނެޓު ބޭންކިން ހިދުމަތަށް ރަޖިސްޓަރީ ކޮށްފަ އެވެ. އިންޓަނެޓު ބޭންކިން ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ މީހުންގެ 96 އިންސައްތަ މީހުން އަމަލީ ގޮތުން އިންޓނެޓު ބޭންކިން ބޭނުންކުރެ އެވެ.
ވިޔަފާރިތަކުގެ ތެރެއިން 16،000 އަށްވުރެ ގިނަ ވިޔަފާރިން ރާއްޖޭގެ ބޭންކުތަކުގައި އެކައުންޓުތައް ހުޅުވާފައިވެ އެވެ. އޭގެ ތެރެއިން 10،000 އަށްވުރެ ގިނަ ވިޔަފާރިންވަނީ އިންޓަނެޓު ބޭންކިން ހިދުމަތަށް ރަޖިސްޓަރީކޮށްފަ އެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ 90 އިންސައްތަ ވިޔަފާރިން އަންނަނީ އަމަލީ ގޮތުން އިންޓަނެޓު ބޭންކިން ބޭނުންކުރަމުންނެވެ.
މި ހިސާބުތަކަށް ބަލާއިރު ރާއްޖެއަކީ ދެކުނު އޭޝިޔާގައި އާބާދީގެ އެންމެ ބޮޑު ނިސްބަތެއް ބޭންކުތަކުގެ ހިދުމަތް ހޯދާ، އަދި އިންޓަނެޓު ބޭންކިން ބޭނުންކުރާ އެއް ގައުމެވެ.