ސިންގަލް ވިންޑޯއާއެކު އީސް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބޭނެ: ސައީދު

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރި ފަސޭހަކުރުމަށް މުދާ އެތެރެކުރުމުގެ ހުރިހާ އިޖުރާއާތެއް ސިންގަލް ވިންޑޯއަށް ބަދަލުކުރެވުމުން ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ސިންގަލް ވިންޑޯ ޕްލެޓުފޯމުގެ ސަބަބުން، ދުނިޔޭގެ ގައުމުތަކުގައި ވިޔަފާރިކުރުމުގެ މާހައުލު އޮތް ގޮތް ވަޒަންކުރުމަށްފަހު ގައުމުތައް ދަރަޖަކުރާ އީސް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި މިހާރު ރާއްޖެ އޮތް ދަރަޖައަށްވުރެ މައްޗަށް ރާއްޖެ ގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވީ ސިންގަލް ވިންޑޯ ޕްލެޓުފޯމު އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. ސިންގަލް ވިންޑޯ މަޝްރޫއު ހިންގުމަށް އޭޝިޔަން ޑިވެލޮޕްމެންޓު ބޭންކުގެ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ޕްރޮޕޯޒަލް ހުށަހެޅީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތުގަ އެވެ. އެއިރުވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ސައީދެވެ. 

2016 ވަނަ އަހަރު ސިންގަލް ވިންޑޯ މަޝްރޫއު ފެއްޓެވި ސަބަބަށް މިއަދު ސައީދު އަލިއަޅުވައިލެއްވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އެއިރު އީސް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފަ އެވެ. އެގޮތުން އެއިރު ރާއްޖެ އޮތީ 114 ނުވަތަ 116 ވަނައިގަ ކަމަށެވެ. 

"މުޅި ޕްރޮސެސްގަ ދުނިޔޭގެ ފުލަށް ޓްރޭޑް ފެސިލިޓޭޝަންގައި ދިޔައިމަ އަޅުގަނޑުމެންނަށް އެއިރު ވިސްނުނު އެއާ ކާގޯ އަދި ސީ ކާގޯގެ މި މުޅި ޕްރޮސެސްއަށް ބަދަލުތަކެއް ގެންނަންޖެހޭކަން. އެއާއެކު ވޯލްޓް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްގެން ސިންގަލް ވިންޑޯގެ މި މަޝްރޫއު ފެށުނީ،" ސިންގަލް ވިންޑޯ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް އެއިރުގެ ސަރުކާރުން ފެށި ސަބަބާމެދު ވަރަށް ކުރުކޮށް ސައީދު ވިދާޅުވި އެވެ. 

ސައީދު ފާހަގަކުރެއްވި ގޮތުގައި 2016 ވަނަ އަހަރު ފެށުނު މަޝްރޫއުގެ މަސައްކަތްތައް 2019 ވަނަ އަހަރު މަޑުޖެހުނެވެ. ނަމަވެސް ފަހުން އެ މަސައްކަތް އަލުން ފެށި ހަލުއި ދުވެލީގައި ގެންގޮސް މިހާރު މަސައްކަތް ނިންމައިލެވި އިފުތިތާހުކުރެވޭ ހިސާބަށް އައުމަކީ ހިތްޕުޅުހަމަޖެހިވަަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. 

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރި ފަސޭހަކުރުމަށް މުދާ އެތެރެކުރުމުގެ ހުރިހާ އިޖުރާއާތެއް ސިންގަލް ވިންޑޯއަށް ބަދަލުކުރެވުމުން ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިހާރު ހިނގަމުންދާ މަސައްކަތް ނިންމައި ފުލް ޕްރޮސެސް ނިމުމުން ޕޯޓުތަކާ ގުޅޭ ގޮތުން އީސް އޮފް ޑުއިން ބިޒްނަސް އިންޑެކްސްއިން ފާހަގަަކުރަމުންއައި ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ވިޔަފާރީގެ މާހައުލުގެ އޮޑިޓެއް ހަދައިފިނަމަ ކުރިން އިންޑެކްސްގައި ރާއްޖެ އޮތް ހިސާބަށްވުރެ ރަނގަޅު ހިސާބަކަށް ރާއްޖެ ގެންދެވޭނެ ކަމުގައި ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.