ފުލުހުން އެ ކޮންޓެއިނަރު ބެލި އިރު އޭގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން 26.7591 ގުރާމް ކެނެބިސް ދެ ގުޅަ ފެނިފައިވާ ކަމަށްވެސް ހުކުމުގައިވެ އެވެ.
ބ. މާޅޮހު ގެސްޓުހައުސްއެއްގެ ތެރޭގައި ކެނެބިސް ޓްރެފިކް ކުރި ކެނެޑާ މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ ސްކޮޓް ވިލިއަމް އާމްސްރޯންގް އަށެވެ.
ކުރިިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު، މާޅޮހު، ތުނޑި ވިލެޖް އެންޑް ސްޕާގެ ރޫމް ނަންބަރު 102ގައި ވިލިއަމް، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަން ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ކޮޓަރީގެ ދޮރު ހުޅުވައި އެތެރެއަށް ވަން އިރު، ވިލިއަމް އެތަނުގައި ހުރި ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ އެތަން ބަލާ ފާސްކުރަން ފެށުމުން ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ވިލިއަމް ބުނި ކަމަށެވެ. އަދި އެ ކޮޓަރީގެ ހުޅަނގު ދެކުނު ފަރާތުގައި ބަހައްޓާފައި ހުރި މިނީ ބާ ތެރޭގައި އޮތް މަތިޖެހި ކޮންޓެއިނަރެއް ފުލުހުންނާއި އޭނާ ހަވާލު ކުރި ކަމަށެވެ. އަދި ފުލުހުން އެ ކޮންޓެއިނަރު ބެލި އިރު އޭގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން 26.7591 ގުރާމް ކެނެބިސް ދެ ގުޅަ ފެނިފައިވާ ކަމަށްވެސް ހުކުމުގައިވެ އެވެ.
އޭގެ އިތުރުން އެ މިނީ ބާ ކައިރީގައި ހުރި ލަގެޖެއްގެ ތެރެއިން ނެގި އިތުރު ކޮންޓެއިނަރެއްގެ ތެރޭގައި އޮތް ރަބަރު ކޮތަޅެއްގެ ތެރެއިންވެސް 0.11 ގުރާމްގެ ކެނެބިސް ގުޅައެއް ފެނުނު ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުންނަ މީހެއްގެ އަތުން 14 ގުރމަށްވުރެ އިތުރަށް މަަސްތުވާތަކެތި ފެނިއްޖެ ނަމަ ޓްރެފިކިން މިންގަނޑަށް ފެތޭނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވެއްޖެ ނަމަ އޮންން އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކުން ޖޫރިމަނާކުރުމެވެ.
ވިލއަމްގެ މައްޗަށް ކޮށްފައިވާ ދައުވާ އޭނާ އަށް ވަނީ އިއްވާފައެވެ. އަދި ދައުވާ އިއްވުމުން އޭނާ ވަނީ އެއަށް އިންކާރުކޮށްފައެވެ. އަދި ސަބަބެއްގެ ގޮތުގައި ބުނެފައިވަނ އެ ކޮޓަރިނން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗިހި ތަކެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ދައުލަތުން ވަނީ އޭނާ އާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް އޭނާ ދައުވާއަށް އިންކާރުކުރިއަސް އޭނ ާމައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވަނީ މި ދައުވާ ވިލިއަމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ުއމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަދި މިއީ އޭނާ މިފަދަ ކުށެއް ކުރާ ފުރަތަމަ ފަހަރަށް ވުމުން ގާޒީ ވަނީ އޭނާގެ ޖޫރިމަނާގެ އަދަދު އެއް ލައްކަ ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި މިފައިސާ 12 މަސް ދުވަހުގެ ތެރޭ މީރާ އަށް ދައްކައި ހަލާސް ކުރުުމަށް ވަނީ ހުކުމް ކޮށްފަ އެވެ.