ކަންނެލި ޔޫނިއަންގެ ސިޓީއަށްފަހު މެންބަރުން ރައީސާއެކު ބައްދަލުވުމެއް

ކަންނެލި ޔޫނިއަނުން ބުނީ ލޭނު މަސްވެރިކަމަށް ހުޅުވާ ނުލަން ނިންމި ނިންމުމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ރައީސް ނުކުރައްވަ އެވެ.

ކަންނެލި މަސްވެރިންގެ ޖަމިއްޔާއާ ރައީސް ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

ރާއްޖޭން ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަދޭން ނިންމި ނިންމުން ބަދަލު ކުރެއްވިތާ މާގިނަ ދުވަހެއް ނުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ކަންނެލި މަސްވެރިން ޖަމިއްޔާއާ ބައްދަލު ކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި އެކި ޔޫނިއަންތަކުގެ ވެރިންނާއެކު މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ބީކޭއެމްޔޫގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ބީކޭއެމްޔޫގައި ނަގާކިޔަން ހަރަކާތްތެރިވާ އިސް ފަރާތްތައް ކަމަށްވާ އެމްޑީޕީ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން ވެސް ބައިވެރިވެވަޑައިގަތެވެ. 

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. 

ކަންނެލި މަސްވެރިންގެ ޖަމިއްޔާގެ އިސްވެރިން ރައީސް އޮފީހުގައި -- ރައީސް އޮފީސް

މި ބައްދަލުވުމާ ބެހޭ ގޮތުން އެ ކަންނެލި ޔޫނިއަންގެ ރައިސް ހުސެއިން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުއާ މަޝްވަރާ ކުރެވުނީ ކަންނެއްޔަށް ރަނގަޅު އަގު ހޯދުމާ ބެހޭ ގޮތުންނެވެ. ރައީސް އެދިލައްވައިގެން ޔޫނިއަނުން ބައްދަލު ކުރެއްވި މި ބައްދަލުވުމުގައި ލޭނު މަސްވެރިކަމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވެ އެވެ. 

ކަންނެލި ޔޫނިއަނުން ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ 100 މޭލު ބޭރުގައި ލޭނު އެޅުމުގެ ވިޔަފާރި ނުފަށަން ސަރުކާރުގައި އެދިފަ އެވެ. ސަރުކާރުން އެ ނިންމުން ބަދަލުކުރީ ޔޫނިއަންގެ ސިޓީއާ ގުޅިގެންނެވެ. ނަމަވެސް މި ސިޓީއާ ގުޅިގެން ކަންނެލި މަސްވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުމެއް އުފެދިފަ އެވެ. ސަބަބެއްގެ ގޮތުގައި ވަނީ 100 މޭލު ބޭރުގައި ކަންނެލި މަސްވެރިކަން ކުރަން ދިވެހި މަސްވެރިންނަށް ލިބެން އޮތް ފުރުސަތުވެސް ބަންދުވުމެވެ.

ނަމަވެސް، މިކަން ޔޫނިއަންގެ ރައީސް ހުސެއިން ދޮގު ކުރައްވަ އެވެ. ހުސެއިން މިއަދު ވިދާޅުވި ގޮތުގައި އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. 

ރާއްޖޭގައި ލޭނު މަސްވެރިކަން ހުއްދަދޭން މަސައްކަތް ކުރުމަށްފަހު އެކަން ނުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ނިންމުން ނިންމި ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނީ ޔޫނިއަނުން ގިނަ ޕޮއިންޓްތަކެއް ފާހަގަކޮށް އެކަމަށް އެދިފައިވުމެވެ. 

މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ދުވަހު ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.