ވަކީލުގެ ފުރުސަތު ސާހިލް ދޫކޮށްލައިފި

ކްރިމިނަލް ކޯޓުން ބުނީ މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީބުން ކަމަށެވެ. ދައުވާއަށް ސާހިލް ޖަވާބުދާރީ ވާނީ އަމިއްލަ އަށެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު އޮތް ސާހިލް --

ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނިލަންދޫ، ފިނިފެންމާގެ، ސާހިލް އަލީއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލުގެ ފުރުސަތު ދޫކޮށްލައިފި އެވެ.

ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.

އޯގަސްޓު 6، 2022 ގައި ޝިއާއު މަރާލާފައި ވަނީ ސާހިލް ކަމަށް ތުހުމަތުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ސިއްރުކޮށްގެން ސާހިލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގެ ކުރު ތަފްސީލެއް ދެމުން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އިއްޔެ ކޯޓުގައި ސާހިލް ބުނެފައިވާ ކަމަށެވެ.

އެހެންވެ، ދައުލަތުން ހަމަޖައްސާފައިވާ ވަކީލާއި ހަވާލުކޮށްފައިވާ ހުރިހާ ލިޔުންތައް ސާހިލްއާ ހަވާލު ކުރުމަށާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރުގައި ހުރި ލިޔުންތައް ކޯޓުގައި ބެލުމަށް ސާހިލްގެ ފަރާތުން އެދިފައިވާތީ، އެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީބުން ކަމަށެވެ. ދައުވާއަށް ސާހިލް ޖަވާބުދާރީ ވާނީ އަމިއްލަ އަށެވެ.

މީގެ ކުރިން ދައުލަތުން ހަމަޖައްސައިދިން ވަކީލަކު ވަނީ ތަނާޒުލް ވެސް ވެފަ އެވެ. މައްސަލައަކަށްވީ ވަކީލާ ވެސް އަދި ޝަރީއަތުގައި ވެސް ސާހިލް ވާހަކަ ނުދެއްކުމެވެ. ތަހުގީގުގައި ވެސް އޭނާ ހުރީ ހަނެވެ.

ޝިއާއުގެ މަރުގެ ތަފްސީލް - ޝިއާއުގެ މަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ އަނިޔާވެރި މަރެވެ. ސާހިލް ހައްޔަރުކުރީ ބޮލާއި ހަތަރެސްފައި ބުރިކޮށްލުމަށްފަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނު ކްރައިމް ސީން އިންނެވެ. ނަމަވެސް މިހާތަނަށް އޭނާ ކުށަށް އިއުތިރާފްވެފައެއް ނުވެ އެވެ.

ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައިގައި ޝިއާއު މަރާލުމުގެ "މޯޓިވް" އަކީ ކޮބައިކަން ދެނެގަންނަން ފުލުހުން ތަހުގީގު ދިގުދަންމާލައިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.