މި ސަރަހައްދުން އެ ޖަމިއްޔާގައި ބައިވެރިނުވެ އޮތީ ރާއްޖެ އާއި ބޫޓާން އެވެ. އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމަވާފަ އެވެ.
ނިއުކްލިއަ އެނާޖީ އާއި ކެންސަރު ފަރުވާގެ ބޭނުމަށް ރާއްޖެއިން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގައި ބައިވެރިވާން ނިންމައިފި އެވެ.
އައިއޭއީއޭއަކީ ދުނިޔޭގެ ނިއުކްލިއަ ހަކަތައާ ބެހޭ ޖަމިއްޔާއެވެ.
ކެބިނެޓް ބައްދަލްވުމަށް ފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އައިއޭއީގައި 178 ގައުމަކުން ބައިވެރިވެފައިވާ ކަމަށާއި މި ސަރަހައްދުން އެ ޖަމިއްޔާގައި ބައިވެރިނުވެ އޮތީ ރާއްޖެ އާއި ބޫޓާން އެކަނި ކަމަށެވެ. އެހެން ކަމުން އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ އައިއޭއީއޭގައި ބައިވެރިވުން ރާއްޖެއަށް މުހިންމު ވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން އޮތްއިރު، އެކަމަށް ބޭހާއި އިކުއިޕްމެންޓް ހޯދަން މި އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެތީ ކަމަށެވެ.
"ކެންސަރު ހޮސްޕިޓަލްގެ ބައެއް އިިކުއިޕްމެންޓު ހޯދުމާއި، ވޭސްޓް މެނޭޖުކުރުން ފަދަ ކަންކަން ހިމެނޭނީ އެޓޮމިކް އެޖެންސީގެ މެންޑޭޓުގެ ތެރޭގަ. އެހެންވެ އެ އެޖެންސީއާ ގުޅުމުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރާނީ. އެކަމަކު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީން. އެއީ ކެބިނެޓުން ކަނޑައަޅާފަ އޮތް ގޮތަކީ،" އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލަށް ބަލާއިރުގައި އެޓޮމިކް އެނާޖީއާ ދިމާލަށް ދުނިޔެ ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ރާއްޖެއިން މި ޖަމިއްޔާގައި ބައިވެރިވެ ލިބެން ހުރި ފައިދާތައް ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ކެންސަރު ހޮސްޕިޓަލަކީ މިދިޔަ ސަރުކާރުން ލ. ގަމުގައި އަޅަން ނިންމި ހޮސްޕިޓަލެކެވެ. އެހެން ނަމަވެސް މި ސަރުކާރުން މިހާރު ވަނީ އެ ހޮސްޕިޓަލް މާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައެވެ.