ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކުން އޮންލައިންކޮށް ހިންގާފައިވާ މުއާމަލާތްތައް އެއްކޮށްލުމުން ޖުމްލަ 13.6 ބިލިއަން ރުފިޔާގެ މުއާމަލާތް ކާޑުތައް މެދުވެރިކޮށް އޮންލައިންކޮށް ހިންގާފައިވާކަން އެނގެ އެވެ.
ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން އޮންލައިންކޮށް ގިނަ އަދަދެއްގެ ޓްރާންސެކްޝަންތައް ހަދާފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން މިއަދު އާންމުކުރި މޯލްޑިވްސް ޕޭމެންޓްސް ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކުން ޖުމްލަ 1.34 މިލިއަން ކާޑު އިޝޫކޮށްފައިވެ އެވެ. އެއިން އެންމެ ގިނައީ ޑެބިޓު ކާޑެވެ.
ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ 1.3 މިލިއަން ކާޑުގެ ތެރެއިން %62 އަކީ ޑެބިޓު ކާޑެވެ. %34 ކާޑަކީ ޕްރިޕެއިޑު ކާޑެވެ. އަދި %4 އަކީ ކްރެޑިޓު ކާޑެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2023 ވަނަ އަހަރު ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ޖުމްލަ 21.6 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވެ އެވެ. އެއީ 53.6 މިލިއަން މުއާމަލާތް/ ޓްރާންސެކްޝަނެވެ. އެއިން އެންމެ ގިނައީ ޕީއޯއެސް މެދުވެރިކޮށް ހަދާފައިވާ މުއާމަލާތެވެ.
މުއާމަލާތްތަކުގެ އަދަދުގެ ތެރެއިން ޕީއޯއެސް ބޭނުންކޮށްގެން ހެދި މުއާމަލާތްތައް ގިނަ ނަމަވެސް އަގުގެ ގޮތުން ބަލާއިރު ގިނަ ފައިސާ ހޭދަވެފައިވަނީ ޑެބިޓު ކާޑުތައް މެދުވެރިކޮށް ހަދާފައިވާ އޮންލައިން ޓްރާންސެކްޝަންތަކަށެވެ. އެގޮތުން ޑެބިޓު ކާޑު ޓްރާންސެކްޝަންތަކުގެ 85 އިންސައްތައަކީ ޕީއޯއެސް ސިސްޓަމްތައް މެދުވެރިކޮށް ހެދި ޓްރާންސެކްޝަންތައް ނަމަވެސް އެ ޓްރާންސެކްޝަންތަކުގެ އަގަކީ 8.43 ބިލިއަން ރުފިޔާ އެވެ.
ޑެބިޓު ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ 15 އިންސައްތައަކީ އޮންލައިން ޓްރާންސެކްޝަންތަކެވެ. ނަމަވެސް އޮންލައިންކޮށް ހަދާފައިވާ މުއާމަލާތްތަކުގެ ޖުމްލަ 13.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއިން ޑޮލަރުން ހެދި ޓްރާންސެކްޝަންތަކުގެ އަދަދު ވަކިން ރިޕޯޓުގައި ހިމަނާފައިނުވެ އެވެ.
ކްރެޑިޓު ކާޑުތައް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދަކީ 2.6 މިލިއަނެވެ. އެ ޓްރާންސެކްޝަންތަކުގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. އެއިން ޕީއޯއެސް ސިސްޓަމްތައް މެދުވެރިކޮށް ހެދި މުއާމަލާތްތަކުގެ އަގަކީ 690.5 މިލިއަން ރުފިޔާ އެވެ. އަދި އޮންލައިން މުއާމަލާތްތަކުގެ އަގަކީ 561.9 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކުން އޮންލައިންކޮށް ހިންގާފައިވާ މުއާމަލާތްތައް އެއްކޮށްލުމުން ޖުމްލަ 13.6 ބިލިއަން ރުފިޔާގެ މުއާމަލާތް ކާޑުތައް މެދުވެރިކޮށް އޮންލައިންކޮށް ހިންގާފައިވާކަން އެނގެ އެވެ.
މި ދެ ބާވަތުގެ ކާޑުގެ އިތުރަށް ޕްރިޕެއިޑު ކާޑުތަކުންވެސް ގިނަ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ. 332،000 މުއާމަލާތް ޕްރިޕެއިޑު ކާޑުތަކުން ހިންގާފައިވާއިރު އެއީ 99.7 މިލިއަން ރުފިޔާގެ އަގުހުރި މުއާމަލާތްތަކެވެ. އެއިން 52.1 މިލިއަން ރުފިޔާގެ މުއާމަލާތަކީ އޮންލައިންކޮށް ހިންގާފައިވާ މުއާމަލާތްތަކެވެ.
އޮންލައިންކޮށް ކާޑުތައް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް އިތުރުވެފައިވާއިރު، އީ-ކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކުމުގެ ވިޔަފާރިކުރާ މިންވަރު ވަރަށް ބޮޑަށްވަނީ އިތުރުވެފަ އެވެ. އެއާއެކު ކާޑުތައް ބޭނުންކޮށްގެން އޮންލައިންކޮށް ކުރާ މާލީ މުއާމަލާތްތައްވެސް އިތުރުވެފައިވެ އެވެ.
ބޭރުގެ ފަރާތްތަކަށް ކާޑުތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް ދިވެހި ރުފިޔާ ކާޑުތައް ބޭނުންކުރެވޭނެ ވަކި ލިމިޓުތަކެއް ކޮވިޑް-19ގެ ތެރޭގައި ބީއެމްއެލްއިން ތަންފީޒުކުރަން ފެށި އެވެ. ޑޮލަރުގެ ތާށިކަން ހައްލުނުވުމުގެ ސަބަބުން މިހާތަނށްވެސް އެ ލިމިޓުތަކަށް ބޭންކުން ބަދަލެއް ގެނެސްފައިނުވެ އެވެ.