"އޭނާގެ [އޮފިސަރުގެ] އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމް އެއީ ސަސްޕެކްޓް [އަތުހަރު] ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު. ފުލުހުންނަކީ އެމީހުން ކުރާ މަސައްކަތުގައި ރިސްކު އޮތް ބައެއް،" ސީޕީ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ކަރާއި ބަނޑުގައި ވަޅި ޖައްސައިގެން ބިރު ދެއްކި ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުގެ ކިބައިން އޭނާ ސަލާމަތް ކުރުމުގެ ތެރޭގައި އަތުހަރު ވެސް ބޮޑު އަނިޔާއަކުން ސަލާމަތް ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ފާހަގަކުރެއްވީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ރައްޔިތުން ފުލުހުންނާމެދު ދެކެމުން އަންނަ ގޮތެވެ. އެ ދިގު މާޒީގައި އެތައް ފުލުހުންނެއް އެތައް ގުރުބާނީއެއް ވެފައިވާކަން ފާހަގަކުރެއްވި އެވެ.
މިކަންކަމުގެ ތެރެއިން ސީޕީ ހާއްސަ ގޮތެއްގައި ފާހަގަކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ހިނގައި ދިޔަ ހާދިސާ އެވެ. އަތުހަރުގެ ކިބައިން އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި ބުރަ މަސައްކަތެވެ. އަދި އަތުހަރު ގެންގުޅުނު ވަޅިން އޭނާއަށް ބޮޑު އަނިޔާއެއް ލިބުނަނުދިނުމަށް ކުރި މަސައްކަތެވެ. އެ މަސައްކަތުގެ ތެރޭގައި އަތުހަރުގެ އަތުގައި އޮތް ވަޅިން ފުލުހަކަށް އަނިޔާވި ވާހަކަ އެވެ. އެވާހަކަ މިހާތަނަށް އެއްވެސް މީޑިއާއެއްގެ ސަމާލުކަމަށް ނާންނަކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.
"އޭނާގެ [އޮފިސަރުގެ] އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމް އެއީ ސަސްޕެކްޓް [އަތުހަރު] ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު. ފުލުހުންނަކީ އެމީހުން ކުރާ މަސައްކަތުގައި ރިސްކު އޮތް ބައެއް،" ސީޕީ ވިދާޅުވި އެވެ.
ސީޕީ ވަނީ ވޭތުވެ ދިޔަ 20 އަހަރު ތެރޭގައި ޝަހީދު ވެފައިވާ އޮފިސަރުންގެ ނަންތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޝަހީދު އާދަމް ހަލީމާއި ޝަހީދު އަލީ ނާޒިމް އަދި ޝަހީދު މިސްބާރު އަބްދުﷲގެ ނަން ފާހަގަކުރެއްވި އެވެ. އަދި އެކި އޮޕަރޭޝަންތަކުގައި ބޮޑެތި އަނިތާ ލިބިފައިވާ އެތައް ފުލުހުންނެއް އެބަތިބި ކަމަށް ވިދާޅުވި އެވެ.
ފުލުހުންނަކީ ކުށްކުރާ ފަރާތްތަކުގެ މިލްކަމަށް ފަސްގަނޑު ވިޔަ ނުދިނުމަށް ފުރާނައިން އަގު ދައްކަމުންދާ ބައެއްކަމަށް ސީޕީ ވިދާޅުވި އެވެ.